15 Dec 2022, 10:07
އިޓަލީގެ ތާރީހީ އާކިޓެކްޗާއަކީ އަދިއަދަށް ދާންދެން ވެސް ވަރަށް ހިތްގައިމު އެއްޗެކެވެ. ކުރީގެ އަގުބޮޑު އާކިޓެކްޗާ ބޭނުންވާ ނަމަ އެކަން މިހާރު ކާމިޔާބުވާން އެބައޮތެވެ. އިޓަލީގެ ކުރީގެ ގަނޑުވަރަކާއެކު އެ ގަނޑުވަރާ އިންވެގެންވާ އަވަށް ވިއްކާލަން ހުޅުވާލައިފިއެވެ.
މިޑީވަލް ދުވަސްވަރުގެ ގަނޑުވަރެއް ވިއްކާލުމަށް ހުޅުވާލާފައިވާއިރު އޭގެ އަގު ބައެއް އެޕާޓްމެންޓުތަކަށް ވުރެ ކުޑައެވެ. މި ގަނޑުވަރު ހުރީ އިޓަލީގެ ސެރަވޭލް ގައެވެ. މިއީ މެޑޯނާ އާއި ބޮލޯންޏާ އާ ދެމެދުގައިވާ އަވަށެކެވެ. މި އަވަށާއެކު ގަނޑުވަރު ވިއްކާލުމަށް ހުޅުވާލާފައި ވަނީ ގާތްގަނޑަކަށް ދެ މިލިއަން ޑޮލަރަށެވެ.
އެތަނުގެ ގަނޑުވަރަކީ ކުރީގެ އިމާރާތަކަށް ވި ނަމަވެސް މިއީ ވަރަށް ރަނގަޅަށް ބަލަހައްޓަމުން ދާ ތަނެކެވެ. އަދި ގަނޑުވަރުގެ ތެރެއިން ޒަމާނީ ހިދުމަތްތައް ލިބޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ. އޭގެތެރޭގައި ޒަމާނީކޮށް ކަރަންޓު ވަޔަރުކޮށް ފެނާއި ވެންޓިލޭޝަން ވެސް ވަނީ އެތަނަށް ގުޅާފައެވެ.

މި ގަނޑުވަރުގެ އިތުރުން އެ ސަރަހައްދުން އެކި އިމާރާތްތައް ވެސް ލިބޭއިރު އެ ގަނޑުވަރާ އިންވެގެން 14،000 ސްކުއެއާ މީޓަރުގެ ބޮޑު ބިމެއް ވެސް ލިބެއެވެ.
އެތައް ވިއްކާލުމުގެ މަސައްކަތާ ހަވާލުވެގެން ތިބި ރިއަލް އެސްޓޭޓް އޭޖެންސީ އިމޯބިލިއެއާ ޖިއާކޮޕީނީގެ, ވެރިޔާ ޕައޮލޯ ޖިއާކޮޕީނީ ބުނެފައިވަނީ މި ތަނަކީ ޕްރައިވެޓް ތަނަކަށް ހަދަން ބޭނުންވާ ނަމަ އެކަން ވެސް ކުރެވޭނެ ކަމަށެވެ. އަދި އެންމެ ކަމުދާނެ އެއް ގޮތަކީ މިތަން ރިޒޯޓަކަށް ހެދުން ކަމަށް އޭނާ ބުންޏެވެ.
މި ގަނޑުވަރު އިމާރާތް ކޮށްފައިވަނީ 1227 ވަނަ އަހަރުގައެވެ. އެއަށްފަހު މި އިމާރާތުގެ މަރާމާތްތަކެއް 1523 ގައި ކޮށްފައިވެއެވެ. މި ގަނޑުވަރު އެހާ ރަނގަޅު ފެންވަރުގައި އަދިވެސް ހުރީ އެ ސަބަބާ ހުރެއެވެ.