މި ދުވަސްކޮޅު ސޯޝަލް މީޑިއާ ބަލާލާއިރަށް ހުރިހާ ދިމާލަކުން ވެސް ފެންނަނީ އެކައްޗެކެވެ. ހުރިހާ އެންމެންވެސް އަންނަނީ އެ މީހުންގެ އާދައިގެ ފޮޓޯތަކާއި ސެލްފީތައް ބޮޑެތި އާޓްވޯކަށް ބަދަލުކުރަމުންނެވެ. އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އާޓްވޯކު ހެދުން މިހާރު ވައިގައި ހިފައި މިއޮތީ ވަރަށް މަޖާ ކަމަކަށް ވެފައެވެ.

މި އަހަރުގެ ތެރޭގައި އެންމެ ގަދައަށް ވައިގައި ހިފާފައި ވަނީ އޭއައި އާޓެވެ. މިއީ ދުނިޔޭގެ އެކި އާޓްވޯކުތަކާއި މާހައުލުތަކުގެ މައުލޫމާތު އެއް ކުރުމަށްފަހު އާޓިފިޝަލް އިންޓެލިޖެންސްއިން ތައްޔާރުކުރާ އާޓެވެ. މީގެން އެކި މައުލޫމާތުތައް އެއްވެ އެކަމުގެ ނަތީޖާއަކަށް މައުލޫމާތު ޕްރޮސެސްކޮށް ބުނާ އެއްޗެއް އާޓުގެ ގޮތުގައި ތައްޔާރުކޮށްދޭނެއެވެ.

މި ޓެކްނޮލޮޖީ ބޭނުންކޮށްގެން އާޓިސްޓުން އެކި ކަހަލަ އާޓުތައް ތައްޔާރުކޮށް މުބާރާތްތަކުން ވެސް އަންނަނީ ވަނަތައް ހޯދަމުންނެވެ.

ނަމަވެސް އާންމުންގެ ތެރޭގައި މި ޓެކްނޮލޮޖީ މަގުބޫލުވެފައިވަނީ "ލެންސާ" ކިޔާ އެޕްލިކޭޝަނެއް މެދުވެރިކޮށެވެ. މި އެޕްލިކޭޝަނަށް އާންމުން އެކި ކަހަލަ ފޮޓޯތައް ލުމަށްފަހު އެކި ކަހަލަ ހާދިސާތަކާއި މަންޒަރުތަކުގެ ވާހަކަ ބުނެދިނުމުން އެ ވާހަކައާ އެންމެ ގުޅޭނެ ގޮތަށް މައުލޫމާތު އެއްކޮށް އާޓްވޯކެއް ހަދާނެއެވެ.

މި ޓެކްނޮލޮޖީ ބޭނުންކޮށްގެން އެކި ކަހަލަ ފެންޓަސީ މަންޒަރުތައް ހެދުމަކީ މިހާރު ވަރަށް ގިނަ ބަޔަކަށް ކަމުދާ ކަމެކެވެ. އެންމެފަހުން މި ފޯރި ވަނީ މަޝްހޫރު ތަރިންނާ ހަމައަށް ވެސް ގޮސްފައެވެ.

އެމެރިކާގެ މަޝްހޫރު އެތައް އާޓިސްޓުންނެއް ވެސް މި އާޓް އަންނަނީ ބޭނުން ކުރަމުންނެވެ. އޭގެތެރޭގައި ލިލީ ސިންގް އާއި ޗާންސް ދަ ރެޕާ ފަދަ އާޓިސްޓުން ހިމެނެއެވެ.