14 Dec 2022, 22:03
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އައު ޝިއާރު، "އެންމެން އެކުގައި ކޮރަޕްޝަނާ ދެކޮޅަށް – ޓުގެދަ އެގެއިންސްޓް ކޮރަޕްޝަން" އިފުތިތާހްކޮށްފިއެވެ.
މި ޝިއާރު އިފުތިތާހްކޮށްފައި ވަނީ މިއަދު އޮޑިޓާ ޖެނެރަލް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އޭސީސީގެ ކުރީގެ ރައީސް މުޙައްމަދު ޝަފީއުއެވެ.
އޭސީސީން ބުނީ މި ޝިއާރުގެ މަގުސަދަކީ ފަސާދައާ ދެކޮޅަށް ކޮމިޝަނުން ކުރާ އުނދަގޫ، ބުރަ މަސައްކަތުގައި މުޅި މުޖުތަމައު އެކަތިގަނޑަކަށްވެ، އެކައްޗެއް ކިޔައި އެންމެން ކޮރަޕްޝަނާ ދެކޮޅަށް ތެދުވުމަށް ބާރުއެޅުން ކަމަށެވެ.
އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން އޭސީސީގެ ކުރީގެ ރައީސް މުޙައްމަދު ޝަފީޢު ވިދާޅުވީ، ކޮމިޝަނުގެ އައު ޝިއާރަކީ ނުހަނު މުހިންމު، އެންމެން ޝާމިލްވާ މޮޅު އަދި މުނާސަބު ޝިޔާރެއްކަމަށެވެ.

އޭސީސީގެ އައު ޝިއާރު / ފޮޓޯ: ޓްވިޓާ
އޭސީސީން މިއަދު އައު ޝިއާރެއް އިފުތިތާހްކޮށްފައިވާއިރު، މީގެ ކުރިން ކޮމިޝަނުން މިގޮތަށް ބޭނުން ކޮށްފައިވާ ޝިއާރުތައް ވެފައި ވަނީ ކޮމިޝަނުން ދޭން ބޭނުންވާ މެސެޖު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދޭން ފަސޭހަވާ ޝިއާރުތަކަށް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
މި ފަހަރުގެ މި ޝިއާރަކީ ވެސް ކޮމިޝަނާއި ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަވެ، އެކުގައި ގުޅިގެން މަސައްކަތް ކުރުމަށް ލިބިގެންދާނެ އިތުރު ބާރަކަށް ވާނެ ކަމަށް އޭސީސީން ބުނެއެވެ.
މީގެއިތުރުން، މިއަދުގެ ރަސްމިއްޔާތުގައި ކޮމިޝަނުގެ މެންބަރު ޝަޒްނާ ޙާޝިމް ދެއްކެވި ވާހަކަފުޅުގައި، ކޮރަޕްޝަންގެ ސަބަބުން ލިބޭ ގެއްލުން ފާހަގަކުރައްވައި ކޮމިޝަނުގެ އައު ޝިޔާރުގައިވާ ފަދައިން "އެންމެން އެކުގައި - ކޮރަޕްޝަނާ ދެކޮޅަށް" މަސައްކަތް ކުރަން ޖެހިފައިވާކަން ފާހަގަކުރެއްވިއެވެ.

އޭސީސީގެ އައު ޝިއާރު އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: އޭސީސީ ޓްވިޓާ
ކޮރަޕްޝަން ހުއްޓުވުމަށް އޭސީސީން ކުރަމުންދާ މަސައްކަތްތަކުގައި އަދިވެސް ހުރަސްތަކެއް ހުރިނަމަވެސް، ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް ކާމިޔާބުވެ ކުރިއެރުންތަކެއް ލިބޭނީ އެންމެން ގުޅި އެކަތިގަނޑަކަށް ވެގެންކަމަށާއި، މިކަމުގައި ހުރިހާ މުއައްސަސާތަކާއި އެތަންތަނުން ޚިދުމަތް ހޯދާ ފަރުދުންގެ ޒިންމާ ބޮޑު ކަމަށް ޝަޒްނާ ވިދާޅުވިއެވެ.
މިޝިއާރު ކުރިއަށް އޮތްތަނުގައި ކޮމިޝަނުން ބާއްވާ އެކި ހަރަކާތްތަކުގައި ބޭނުން ކުރާނެ ކަމަށް އޭސީސީން ބުނެއެވެ. މިއަދު ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނުގެ މެންބަރުންނާއި އިސްވެރިންގެ އިތުރުން ކޮމިޝަނަށް ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ ބައެއް މުވައްޒަފުންނާއި، މިހާރުގެ މުވައްޒަފުންވަނީ ބައިވެރިވެފައެވެ.