19 Dec 2022, 22:04
މައިކްރޮސޮފްޓުން ސްކައިޕަށް, މީހަކު ދައްކާ ވާހަކަ ތަފާތު ބަހަކަށް ވަގުތުން ތަރުޖަމާ ކުރެވޭ ފީޗާއެއް ތައާރަފުކޮށްފިއެވެ.
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ރިއަލް ޓައިމްގައި ނުވަތަ ވަގުތުން ވަގުތަށް މީހެއްގެ ވާހަކަ ތަރުޖަމާކޮށް ދޭއިރު، ތަރުޖަމާކޮށްފައިވާ އަޑު ވެސް، އެ ވާހަކަ ދެއްކި މީހާގެ އަޑާ އެއްގޮތް ވާނެއެވެ.
މިވަގުތު މި ފީޗާ ލިބެނީ ސްކައިޕް މެދުވެރިކޮށް އެކަކަށް ކުރާ ވީޑިއޯ ކޯލްތަކަށް އެކަނި ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި އެ ފީޗާ ގްރޫޕް ވީޑިއޯ ކޯލްއަށް ވެސް ތައާރަފު ކުރާނެއެވެ.
މައިކްރޮސޮފްޓުގެ ބްލޮގް ޕޯސްޓެއްގައިވާ ގޮތުން ސްކައިޕުން ކުރާ ވީޑިއޯ ކޯލްތަކުގެ ތަރުޖަމާއިން އިވޭނީ އެމީހެއްގެ އަސްލު އަޑެވެ. އެހެންކަމުން އެ މީހަކަށް، އެހެން ބަހަކުން ވާހަކަ ދައްކާ މީހަކާ ވާހަކަ ދެއްކޭނެ ކަމަށާއި، އެ ވާހަކަތައް ދައްކަމުންދާ ގޮތަށް ވަގުތުން ތަރުޖަމާ ކުރެވޭނެ ކަމަށް އެ ޕޯސްޓުގައިވެއެވެ.
"މިއީ ސްކައިޕަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް، އެއީ ތަފާތު ބަސްބަހުން ވާހަކަ ދައްކާ މީހުންނަށް ފަސޭހައިން އެކަކު އަނެކަކާ މުއާމަލާތް ކުރެވޭނެ މަގު ފަހިވެގެން ދާނެތީ،" އެ ކުންފުނިން ބުންޏެވެ.
މި ޓެކްނޮލޮޖީގައި 'ނެޗުރަލް ލެންގުއެޖް ޕްރޮސެސިން' އާއި 'ސްޕީޗް ރިކޮގްނިޝަން' ޓެކްނޮލޮޖީ ބޭނުންކޮށް، ވާހަކަ ދައްކާ ލަފުޒުތައް ތަރުޖަމާކޮށްދެއެވެ.
އެ ފީޗާއިން އިނގިރޭސި، ސްޕެނިޝް، ފްރެންޗް، ޖަރުމަނު އަދި ޗައިނީސް ފަދަ އެތައް ބަހަކަށް ތަރުޖަމާ ކުރެވޭނެއެވެ. އަދި ކުރިއަށް މުސްތަގުބަލުގައި އިތުރު ބަސްތަކަށް މިފީޗާ ފުޅާކުރާނެކަމަށް މައިކްރޯސޮފްޓުން ބުނެއެވެ.
މި ފީޗާ އެކްޓިވޭޓް ކުރުމަށް ޓަކައި ސްކައިޕްއިން ފެންނަން ހުންނަ ތިން ޑޮޓް "މޯ" މެނޫއަށް ގޮސް "ޓްރާންސްލޭޓް" ޚިޔާރު ކުރާނީއެވެ. އޭރުން ސްކައިޕް މެދުވެރިކޮށް ގުޅާ މީހަކާއެކު، އަމިއްލަ ބަސް ތަރުޖަމާކޮށްގެން ވާހަކަދެއްކޭނެއެވެ. އަދި އަނެއްކޮޅުން ވާހަކަ ދައްކާ މީހާގެ ބަސް ވެސް ތަރުޖަމާވެގެން ލިބޭނެއެވެ.
ސްކައިޕު ބޭނުންކުރާ މީހުންނަށް މިހާތަނަށް ފޯރުކޮށްދީފައިވާ މުހިންމު ފީޗާތަކުގެ ތެރޭގައި ކޯލް ރެކޯޑިން އާއި ލައިވް ސަބްޓައިޓަލްސް ނުވަތަ ދައްކާ ވާހަކަ ލިޔުމުން ފެންނަ ގޮތް ހެދުމާއި ސްކްރީން ޝެއާ ކުރުމާއި އެޗްޑީ ވީޑިއޯ ކޯލިން އާއި ފައިލް ޝެއާކުރުން ހިމެނެއެވެ.