ސާކްގެ އާ ސެކްރެޓަރީ ޖެނެރަލް އަޙްމަދު ސަލީމާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިލކު އިއްޔެ ބައްދަލުކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ މެންދުރު ފަހު ބޭއްވެވި އެ ބައްދަލުކުރެއްވުމުގައި، މިދިޔަ އަހަރު ރާއްޖޭގައި ބޭއްވުނު ސާކް ސަމިޓްގައި ނިންމުނު ކަންކަން ތަންފީޒުކުރެއްވުމަށް ކުރެވެން ހުރި ކަންކަމާއި މިކަންތައް އަވަސްކުރެއްވުމަށް އެޅެން ހުރި ފިޔަވަޅުތަކާ ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ، ސެކްރެޓަރީ ޖެނެރަލާ މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ބައްދަލުކުރެއްވުމުގައި، ސާކް ސެކްރެޓަރީ ޖެނެރަލް އަޙްމަދު ސަލީމް ދެއްކެވި ވާހަކަފުޅުގައި، ސާކް ސެކްރެޓޭރިއޭޓް މިހާރަށް ވުރެ ހަރުދަނާކުރެއްވުމަކީ އެމަނިކުފާނު އެންމެ އިސްކަން ދެއްވާ އެއްކަންތައް ކަމުގައި ވިދާޅުވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. އެގޮތުން، ސާކާއި ސާކްގެ ސެކްރެޓޭރިއަޓްގެ މަސައްކަތް ހަރުދަނާ ކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ މަޢްލޫމާތު ވެސް، އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާއަށް އެރުއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ސަލީމްގެ ވާހަކަފުޅުގައި، ސާކްގެ ކަންކަމަށް ދެއްވާ އެއްބާރުލުމާއި އެހީތެރިކަމަށް ޓަކައި ދިވެހި ސަރުކާރަށް ޝުކުރުއަދާކުރެއްވި އެވެ. އަދި، ސާކަކީ ވަރަށް ބޮޑު ކުރިމަގެއް އޮތް ޖަމްޢިއްޔާއެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށާއި، ޙާއްސަކޮށް ސާކަކީ ވިޔަފާރީގެ ދާއިރާގައި ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމުގެ ފުރުސަތު އޮތް ޖަމްޢިއްޔާއެއްކަމުގައި ވެސް އަޙްމަދު ސަލީމް ވިދާޅުވި އެވެ.