14 Dec 2022, 17:33
އަންނަ އާދިއްތަ ދުވަހުގެރޭ ކުޅޭ ފީފާ ވޯލްޑަކްޕްގެ ފައިނަލް މެޗަކީ ދުނިޔެ ދުށް އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީ، ވޯލްޑް ކަޕެއްގައި ކުޅޭނެ އެންމެފަހު މެޗު ކަމަށް އޭނާ ބުނެފިއެވެ.
ވޯލްޑްކަޕްގެ ސެމީ ފައިނަލްގައި ރޭ ކްރޮއޭޝިއާގެ މައްޗަށް އާޖެންޓީނާއިން ކުރި ހޯދައި، މުބާރާތުގެ ފައިނަލުން ޖާގަ ކަށަވަރުކުރުމަށްފަހު މީޑިއާއާ ވާހަކަދައްކަމުން މެސީ ބުނީ އޭނާ ވޯލްޑްކަޕްގައި ކުޅޭނެ ފަހު މެޗަކީ ފައިނަލް މެޗަކަށް ވުމުން ވަރަށް އުފާވާކަމަށެވެ.
ކުރިއަށް އޮތް ވޯލްޑްކަޕް ފެށެން އަދި ދިގު އިންތިޒާރެއް ކުރަން ޖެހޭކަމަށާއި، އޭނާއަށް އެ ވޯލްޑްކަޕްގައި ކުޅެވިދާނެކަމަށް އުންމީދު ނުކުރާކަމަށް ވެސް މެސީ ބުންޏެވެ.
މެސީ ބުނީ މި ވޯލްޑްކަޕަކީ އޭނާއަށް ވަރަށް ކާމިޔާބު ވޯލްޑް ކަޕެއް ކަމަށެވެ. އެހެންނަމަވެސް ޓީމެއްގެ ގޮތުގައި އަމާާޒަށް ވާސިލުވެވުމުން މާބޮޑަށް އުފާވާކަމަށް އޭނާ ބުންޏެވެ.
މެސީއާއެކު އާޖެންޓީނާ ވޯލްޑްކަޕްގެ ފައިނަލަށް ދަތުރުކޮށްފައިވާއިރު އޭނާ ވަނީ މި މުބާރާތުގައި ފަސް ގޯލު ޖަހައިފައެވެ. އަދި މެސީ ވަނީ ތިން އެސިސްޓު ވެސް މުބާރާތުގައި ހަދާފައެވެ. މި ފަހަރުގެ މުބާރާތުގައި ޖެހި ފަސް ލަނޑާއެކު ވޯލްޑް ކަޕުގައި މެސީ ޖެހި ޖުމްލަ ލަނޑުގެ އަދަދު ވަނީ 11 އަށް އަރާފައެވެ. މިއާއެކު ތާރީޚުގައިވެސް އާޖެންޓީނާގެ ޖާޒީގައި ވޯލްޑް ކަޕެއްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑު މެސީ ވަނީ ގާއިމްކޮށްފައެވެ.
މެސީ ވަނީ އާޖެންޓީނާއަށް ފަސް ވޯލްޑްކަޕެއްގައި ކުޅެފައެވެ. އެގޮތުން 2006 ވަނަ އަހަރު އޭނާ އާޖެންޓީނާ ޖާޒީގައި ކުޅުނު ފުރަތަމަ ވޯލްޑްކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައިވާއިރު 2010 ވަނަ އަހަރުގެ މުބާރާތުގައި ވެސް މެސީއާއެކު އާޖެންޓީނާ ވަނީ ކުއާޓާ ފައިނަލް ކުޅެފައެވެ. ޖެހިގެންއައި 2014 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ކުޅެ އާޖެންޓިނާ ބަލިވިއިރު، 2018 ވަނަ އަހަރުގެ މުބާރާތުން އާޖެންޓީނާ ކެޓީ ދެވަނަ ބުރުންނެވެ. ނަމަވެސް މިއަހަރުގެ މުބާރާތުގެ ފައިނަލަށް މެސީ ވަނީ އަނެއްކާ ވެސް އާޖެންޓީނާއާއެކު ދަތުރުކޮށްފައެވެ.
ވޯލްޑް ކަޕުގައި މިހާތަނަށް މެސީ 25 މެޗު ކުޅެފައިވާއިރު އޭނާއަކީ ވޯލްޑް ކަޕުގައި އެންމެ ގިނަ މެޗު ކުޅުނު ދެ ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔާއެވެ. ފައިނަލް މެޗުގައި ކުޅެފިނަމަ މެސީ ވާނީ މުބާރާތުގެ ތާރީޚުގައި 26 މެޗު ހަމަކުރި ފުރަތަމަ ކުޅުންތެރިޔާ އަށެވެ.
މެސީ ވަނީ އާޖެންޓީނާ ގައުމީ ޓީމަށް ކުޅެދިން 171 މެޗުގައި 96 ގޯލު ޖަހައިފައެވެ. މެސީއާއެކު އާޖެންޓީނާ ވަނީ 28 އަހަރުގެ ދިގު އިންތިޒާރަކަށްފަހު މިދިޔަ އަހަރު ކޮޕާ އެމެރިކާ ކާމިޔާބުކޮށްފައެވެ. އަދި މި އަހަރު އާޖެންޓީނާއިން ވަނީ ޔޫރޯގެ އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ ބަލިކޮށް ފިނަލަސިމާގެ ތަށި ވެސް އުފުލާލައިފައެވެ.
ދުނިޔޭގެ އެންމެ މޮޅެތި ފުޓުބޯޅަ ކުޅުންތެރިންގެ ލިސްޓުގެ އެންމެ ކުރީގައި ގުނާލެވޭ މެސީއަކީ އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާއެވެ. ކްލަބު ލެވަލްގައި އަދި ބައިނަލްއަޤްވާމީ ފުޓުބޯޅައިގައި މެސީއަށް ކާމިޔާބު ނުކުރެވޭ ހަމައެކަނި ތަށްޓަކީ ވޯލްޑްކަޕެވެ. އެ ތަށި ހޯދުމާ ގާތަށް މެސީ މިހާރު ވަނީ ފިޔަވަޅެއްހާ ގާތަށް ޖެހިލައިފައެވެ.