ސްޓެލްކޯ ބިއްދޮށުން، ފަތާ ޓްރެކް ކުރިމަތީ، ބޮޑުތަކުރުފާނު މަގުގެ ދަށުގައި ވަޅުލައިފައިވާ ސްޓެލްކޯގެ ފެން ހޮޅި މަރާމާތުކުރުމަށްފަހު އަޅައިފައިވާ ސިމެންތި ޕެޗުގައި ތާރު އަޅަން، ކުންފުންޏަކާ އެކު ސޮއިކުރަން ސްޓެލްކޯއިން ނިންމައިފިއެވެ.

ސްޓެލްކޯއިން އެ މަގުގެ ތާރުގަނޑު ކަަފައި، ކޮނެފައިވަނީ އެ ކުންފުނީގެ އިންޖީނުތައް ފިނިކުރުމަށް ބޭނުންވާ އައުޓް ފްލޯ ހޮޅިއަކަށް ލިބުނު ގެއްލުމެއްގެ ސަބަބުން މަގަށް ބިމު އަޑިން ލޮނު ފެން އަރަން ފެށުމުންނެވެ.

އެ މައްސަަލަ ހައްލުކުރަން ހަފުތާއެއްހައި ދުވަސް ނެގިއެވެ.

އެ މައްސަލަ ހައްލުކުރިތާ މިހާރު ގާތްގަނޑަކަށް ދެ މަސް ދުވަސް ވާން ގާތްވެފައިވާއިރު އަދިވެސް އެ ތަން އޮތީ މަސައްކަތް ނިންމުމަށްފަހު ސިމެންތި ޕެޗު އެޅި ގޮތަށެވެ.

މިއަދު އެ މަސައްކަތް ގޮސްފައިވާ ހިސާބާ ގުޅޭ މައުލޫމާތު ދެމުން ސްޓެލްކޯއިން ބުނީ ހަވަނަ ފަހަރަށް ޓެންޑާކޮށްގެން މިހާރު އެ މަސައްކަތް ހަވާލުކުރާނެ ބަޔަކު ހޮވައިފައިވާކަމަށެވެ.

ޓެންޑާ ޕްރޮސެސްގެ ތެރެއިން އެ މަސައްކަތް ހަވާލުކުރަން ހޮވިފައިވަނީ ކޯސްޓަލް އިންޖިނިއަރިން ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑެވެ.

"މިިހާރު މި މަސައްކަތް ކުރަނީ ވީ އެންމެ އަވަހަކަށް އެގްރީމަންޓުގައި ސޮއިކޮށް މަސައްކަތް ފެށޭތޯ. އެގްރީމަންޓުގައި ސޮއިކުރާތާ 25 ދުވަހުގެ ތެރޭ މަސައްކަތް ނިންމާ ގޮތަށް އެ ކަން ހަވާލުކުރާނީ،" ސްޓެލްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އެ ތަންކޮޅުގައި ތާރު އެޅުން ލަސްވާތީ "ސަން"އިން މީގެ ކުރިން ސުވާލުކުރުމުން ސްޓެލްކޯއިން ބުނީ މަސައްކަތް ލަސްވަނީ ތާރު އަޅައިދޭނެ ބަޔަކު ނުލިބިގެންކަމަށެވެ. އެގޮތުން ހަތަރު ފަހަރު ޓެންޑާކޮށްގެން ވެސް މަސައްކަތްކޮށްދޭނެ ބަަޔަކު ނުލިބުނުކަމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

"މި ސަރަހައްދުގައި ވެސް އެ ކަން ކުރާ ތިބެނީ އެންމެ ބައެއް. އެއީ އެމްއެމް އެކްސްޕޯޓްސް. އިންޑިއާ ކުންފުންޏެއް. މޯހަން މުޕްތާއޭ ކިޔާ ބައެއް. ދެންވާ ގޮތަކީ އެ ކުންފުނީގެ ޕޮލިސީ އޮންނަ ގޮތުން ފަސް މިލިއަނަށްވުރެ ދަށްވެއްޖެޔާ އެ މީހުން ބިޑެއް ނުކުރާނެ،" ސްޓެލްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އެހެންނަމަވެސް ކުޑަ ތަންކޮޅެއްގައި ތާރު އަޅަން ފަސް މިލިއަން ރުފިޔާ ޚަރަދުނުކުރެވޭނެކަމަށް ސްޓެލްކޯއިން އޭރު ބުންޏެވެ.