14 Dec 2022, 19:26
އުސޫލުތަކާ ޚިލާފަށް ގދ. ތިނަދޫ، ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރީހެބިލިޓޭޝަން ސެންޓަރު މަރާމާތުކުރަން އަމިއްލަ ކުންފުންޏަކާ ހަވާލުކުރި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މިއަދު ބުނީ އެ މައްސަލައިގައި ޕީޖީ އޮފީހަށް ދައުވާ ކުރަން ފޮނުވައިފައިވަނީ ޖެންޑާ މިނިސްޓްރީގެ ކުރީގެ އިސް ތިން ވެރިއެއްގެ މައްޗަށް ކަމަށެވެ.
އެއީ އޭރު ޖެންޑާ މިނިސްޓްރީގެ ބިޑު ކޮމިޓީގެ މެމްބަރުންގެ ގޮތުގައި ތިއްބެވި އެ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، ސ. ހިތަދޫ ހަނދުވަރީގެ، ޢާއިޝަތު ރަޝީދު އާއި އެމިނިސްޓްރީގެ އޭރުގެ ޑިރެކްޓަރު ގދ. ތިނަދޫ ނޫވިލު، ޙުދޫދާ ވަޙީދުގެ އިތުރުން އެ މިނިސްޓްރީގެ ޑިރެކްޓަރު، ގދ. ގައްދޫ ވިލިގަލާ އާމިނަތު ޝިހާމާގެ މައްޗަށެވެ.
އޭގެ ތެރެއިން ޢާއިޝަތު ރަޝީދަކީ މިހާރު ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެކެވެ.
އެ މައްސަލާގައި ހިމެނޭ ތިން މީހުންގެ މައްޗަށް ކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި ދައުލަތަށް ފައިދާއެއް ލިބެން އޮތްކަމެއްގައި އެ ނޫންގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާއެވެ.
އެ މައްސަލައަކީ، ދައުލަތުގެ މުވައްޒަފަކަށްވެ ހުރެ ޖެންޑާ މިނިސްޓްރީގެ ބިޑު ކޮމިޓީގެ މެމްބަރުން، ނޭޝަނަލް ޑްރަގް އޭޖެންސީން ކުރި އިއުލާނާ ގުޅިގެން ބިޑް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ދެވަނައަށް އެންމެ މަތިން މާކްސް ލިބުނު ކުންފުންޏަށް މަސައްކަތް އެވޯޑްކޮށްފައި އޮތުމުން ދައުލަތަށް ފައިދާވާން އޮތްކަމެއްގައި އެ ނޫން ގޮތަކަށް ޢަމަލުކުރިކަމުގެ ތުހުމަތާ ގުޅިގެން ކޮމިޝަނަށް ހުށަހަޅައި ތަހުގީގުކޮށްފައިވާ މައްސަލައެކެވެ.
އޭސީސީން ވަނީ އެ މައްސަލައިގެ ތަހުގީގަށް އެނގިފައިވާ ކަންކަން ހާމަކޮށްފައެވެ.
އެގޮތުން ތިނަދޫ ޑްރަގް ޑިޓޮކްސް ސެންޓަރުގައި ކުރަން ހުރި މަރާމާތުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އެންޑީއޭއިން ކުރި އިއުލާނާ ގުޅިގެން ހުށަހެޅި ބިޑުތައް އެ އޭޖެންސީން އިވެލުއޭޓު ކުރިކަން އެނގިފައިވާ ކަމަށް އޭސީސީން ބުންޏެވެ.
ހަމައެއާއެކު، އެ އިއުލާނާ ގުޅޭ މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ކްރައިޓީރިއާއާ އެއްގޮތަށް ޕޮއިންޓް ދިނުމުން އިވެލުއޭޝަނުން އެންމެ މަތިން ޕޮއިންޓް ލިބުނު ފަރާތަށް އެ މަސައްކަތް ހަވާލުކުރުމުގެ ބަދަލުގައި، ޖެންޑާ މިނިސްޓްރީގެ ބިޑު ކޮމިޓީން އެ މަސައްކަތް ހަވާލުކޮށްފައިވަނީ އިވެލުއޭޝަނުން ދެވަނައަށް ދިޔަ ކުންފުންޏަށް ކަމަށް ވެސް އެ މައްސަލައިގެ ތަހުގީގަށް އެނގިފައިވެއެވެ.
އޭސީސީން ބުނީ ޖެންޑާއިން އެގޮތަށް ނިންމީ، އިވެލުއޭޝަނުން އެއްވަނަ ލިބޭ ފަރާތަށް އެ މަސައްކަތް އެވޯޑުކުރުމުގެ ބަދަލުގައި ދެވަނައަށް ދިޔަ ފަރާތަށް އެ މަސައްކަތް ހަވާލުކުރުމުން އިވެލުއޭޝަނުން ދެވަނައަށް ދިޔަ ފަރާތަށް ލިބެން ނުޖެހޭ ނާޖާއިޒު މަންފާއެއް އެ ފަރާތަށް ލިބޭނެކަން އެނގިތިބެ ކަމަށެވެ.
މީގެ އިތުރުން ޖެންޑާއިން އެގޮތަށް ނިންމީ މަސައްކަތް ހަވާލުކުރި ފަރާތަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ މަގުސަދުގައި ކަމަށާއި އިވެލުއޭޝަނުން ދެވަނައަށްދިޔަ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރުމަށް ނިންމާފައިވަނީ އިވެލުއޭޝަނުން އެއްވަނައަށް ދިޔަ ފަރާތަށްވުރެ 657,846.60 ރުފިޔާގެ ބޮޑު އަގުގައިކަން ތަހުގީގަށް އެނގިފައިވާ ކަމަށް އޭސީސީން ބުންޏެވެ.