ފ. ނިލަންދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން އަންނަ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރު ނުކުރެވިގެން މީހަކު ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ.

މި މައްސަލައިގައި ފުލުހުން ހޯދުމަށް ބޭނުންވަނީ ހދ. މަކުނުދޫ، ލުބޯގަސްދޮށުގެ، ފައުޒާން އިބްރާހީމް، 21،އެވެ.

ފުލުހުންގެ ވެބްސައިޓުގައިވާ ގޮތުން އެ މައްސަލައިގެ ތަހުގީގަށް ހާޒިރުކުރަންޖެހޭ ފައުޒާން އިބްރާހީމް، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައި ނުވެއެވެ. އަދި އާއިލާއަށް ވެސް އުޅޭ ވަކިތަނެއް އެނގިފައިނުވެއެވެ.

"ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ހދ. މަކުނުދޫ، ލުބޯގަސްދޮށުގެ، ފައުޒާން އިބްރާހީމް، 21، ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރަން،" ވެބްސައިޓުގައި ވެއެވެ.

ތަހުގީގު ކުރަމުން އަންނަ މި މައްސަލައިގައި ޝަހީދު ހުސެއިން އާދަމް ބިލްޑިންގަށް ހާޒިރުވުމަށް ފުލުހުން ފައުޒާން އިބްރާހީމަށް އަންގާފައިވަނީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށެވެ.