14 Dec 2022, 17:14
މި މަހުގެ 23 ވަނަ ދުވަހުގެރޭ "ފެލާލައިފި"ގެ ނަމުގައި ޕީޕީއެމްއިން ބޮޑު ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.
ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މި ދުވަސްކޮޅާ ދިމާކޮށް ޕީޕީއެމްގެ ސިޔާސީ ހަރަކާތްތައް ވަރުގަދަކޮށް އިތުރުކުރުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.
އެގޮތުން މި މަހުގެ 23ވާ ހުކުރު ދުވަހުގެ ރޭ 20:30ގައި ކާނިވާ ސަރަހައްދުގައި "ފެލާލައިފި"ގެ ނަމުގައި ބޮޑު ޖަލްސާއެއް ބާއްވަން ހަމަޖެހިފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ.
އެ ޖަލްސާ "ފެލާލައިފި"ގެ ނަމުގައި ބާއްވަން ނިންމި ގިނަ ސަބަބުތަކެއް ވާ ކަމަށް ހީނާ ވިދާޅުވިއެވެ.
"މި ނަން ޚާއްސަވާ ބައިވަރު ސަބަބުތައް އެބަހުރި. އެންމެހާ ބޭފުޅުންނަށް ވެސް އެނގޭނެ، މި ސަރުކާރަކީ ރައްޔިތުން ފެލައިގެން ވެރިކަންކުރާ ސަރުކާރެއް. ޑޮލަރުގެ އަގު ބޮޑުވެއްޖެ، އެއްޗެހީގެ އަގު ބޮޑުވެއްޖެ. އަންނަ ޖެނުއަރީން ފެށިގެން ރައްޔިތުން އަތުން ޓެކްސްވެސް ނަގާނެ،" އޭނާ ވިދާޅުވިއެވެ.
ހީނާ ވިދާޅުވިގޮތުގައި ޖޫރިމަނާގެ ގޮތުގައި ވެސް މި ސަރުކާރުން ދަނީ ރައްޔިތުން "ފެލަމުން"ނެވެ. އަދި ދައުލަތުގެ މާލިއްޔާގައި އެއްވެސް އެއްޗެއް ނެތް ކަމަށާއި ސަރުކާރުން ވެރިކަން ކުރަނީ ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްގެން ކަމަށް ހީނާ ތުހުމަތުކުރެއްވިއެވެ.
އޭނާ ވަނީ މި ސަރުކާރަށާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ރައީސް ގިނަ ދަތުރުފުޅުތަކެއް ކުރައްވާ ކަމަށާއި އެ ހުރިހާ ޚަރަދެއް ވެސް ކުރަނީ ރައްޔިތުންގެ ފައިސާއިން ކަމަށް ހީނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުގެ އެފަދަ އަމަލުތަކާ ބެހޭ ގޮތުން ވާހަކަ ދައްކައި، އެކަމާ ރައްޔިތުން ނުރުހުންވާ ކަން ސަރުކާރަށް ހާމަކޮށްދޭން ޖެހެއެވެ.
ހީނާ ވިދާޅުވީ 23 ވަނަ ދުވަހު ބާއްވާ ޖަލްސާއަށް ތައްޔާރުވުމަށްޓަކައި ޕީޕީއެމްގެ ދާއިރާތަކުގެ ރައީސުންނާއި ނައިބު ރައީސުން މިހާރު ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.