10 Apr 2012, 08:58
މިއަހަރުގެ ދައުލަތުގެ ބަޖެޓްގައި މަސްވެރިންނަށް ސަބްސިޑީގެ ގޮތުގައި ހިމަނާފައިވާ 100 މިލިއަން ރުފިޔާ ސަބްސިޑީގެ ގޮތުގައި މަސްވެރިންނަށް ދޭނެ ތިން ގޮތެއް މާލިއްޔަތު ކޮމެޓީއަށް ފިޝަރީޒް މިނިސްޓްރީ ހުށަހަޅައިފި އެވެ.
މަސްވެރިކަމުގެ ސިނާއަތް ހަރުދަނާ ކުރުމަށް އެހީވެދިނުމުގެ ގޮތުން ދައުލަތުގެ ބަޖެޓްގައި ކަނޑައަޅާފައިވާ 100 މިލިއަން ރުފިޔާ ސަބްސިޑީގެ ގޮތުގައި މަސްވެރިންނަށް ދިނުމަށް ފިޝަރީޒް މިނިސްޓްރީ ނިންމާފައި ވަނީ ތެލާއި އައިސްގެ ގޮތުގަ އެވެ. އަދި މަސްވެރިން މަހަށް ފުރިކަން ޔަގީން ކުރުމަށް ދޯނިތަކުގައި ވެސަލް ލޮކޭޓިން ޑިވައިސް (ވީއެލްޑީ) ހަރުކުރުމަށް ހަރަދުވާ ފައިސާ ވެސް ސަބްސިޑީގެ ފައިސާއިން ހަރަދު ކުރުމަށް ފިޝަރީޒުން މާލިއްޔަތު ކޮމެޓީއަށް ހުށަހަޅާފައިވެ އެވެ.
ރާއްޖޭގައި މަސްވެރިކަން ކުރުމަށް ރަޖިސްޓްރީކޮށްފައިވާ 1058 ދޯންޏަށް ތެލުގެ ސަބްސިޑީގެ ގޮތުގައި 76.5 މިލިއަން ރުފިޔާ ދޭންޖެހޭއިރު، އައިސްގެ ގޮތުގައި ސަބްސިޑީ ދިނުމަށް 12.721 މިލިއަން ރުފިޔާ ދޭން ވަނީ ހުށަހަޅާފައިވެ އެވެ. އަދި ދޯނިތަކުގައި ވީއެލްޑީ ހަރުކުރުމަށް 7.1 މިލިއަން ރުފިޔާ ދިނުމަށް ވެސް މާލިއްޔަތު ކޮމެޓީގެ ލަފަޔަކަށް ފިޝަރީޒުން ވަނީ އެދިފަ އެވެ.
ފިޝަރީޒުން ހުށަހަޅާފައި ވަނީ މަސްވެރިކަން ކުރާ އުޅަނދުފަހަރުގެ ހޯސް ޕަވަރަށް ބަލައި ދަތުރަކަށް، ހަރުދުވާ ތެލުގެ 19 ޕަސެންޓް ސަބްސިޑީގެ ގޮތުގައި ދިނުމަށާއި މަސްވެރިން ގަންނަ އައިސްގެ 7.5 ފަސެންޓް ސަބްސިޑީގެ ގޮތުގައި ދިނުމަށެވެ. އަދި މިނިސްޓްރީން މާލިއްޔަތު ކޮމެޓީއަށް ހުށަހެޅި ލިޔެކިޔުންތަކުގައި ބުނެފައި ވަނީ މަސްވެރިކަން ކުރާ ދޯނިތަކުން ބާނާ މަސް ތާޒާކަން މަތީގައި ބެހެއްޓުމަށްޓަކައި އައިސް ސަބްސިޑައިޒް ކުރަންޖެހޭ ކަމަށެވެ.
އެގޮތުން މަސްވެރިން ބާނާ މަހަށް އެންމެ މަތީ އަގު ހޯދުމަށްޓަކައި މަސް ގަންނަ އުޅަނދު ފަހަރަށް ނުވަތަ ފެކްޓްރީތަކަށް ގެންދެވެންދެން މަސް ތާޒާ ކަންމަތީގައި ބެހެއްޓުމަށްޓަކައި ގިނަ އަދަދަކަށް އައިސް ބޭނުންވާ ކަމަށެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ އައިސް ޕުލާޓުތަކުން އެކަށީގެންވާ ވަރަށް މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމަށް އައިސް ޕްލާންޓްތައް ގާއިމް ކުރުމަށް ރިވޯލްވިން ފަންޑެއްގެ ގޮތުގައި އިތުރު އައިސް ޕުލާންޓުތައް ގާއިމްކޮށް ލޯނު ދިނުމަށް ވެސް ފިޝަރީޒުން ހުށަހެޅި އެވެ.
ފިޝަރީޒުން ބުނީ މަސްވެރިން މަހަށް ފުރިކަން ޔަގީން ކުރުމަށް ވެސަލް ލޮކޭޓިން ޑިވައިސް (ވީއެލްޑީ) ދޯނިތަކުގައި ހަރުކުރުމަށް ދިރާގާއެކު ވާހަކަ ދެކެވިފައިވާ ކަމަށެވެ. އެގޮތުން ކޮންމެ އުޅަނދެއްގައި ވީއެލްޑީ ހަރުކުރުމަށް 500 ޑޮލަރު (ގާތްގަނޑަކަށް 7800ރ.) ހަރުދުވެ އެވެ. އެގޮތުން ރާއްޖޭގައި މަސްވެރިކަން ކުރާ 1058 އުޅަދަށް 8252400ރ. ހަރަދުވާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން މާލިއްޔަތު ކޮމެޓީގައި ބުނެފައި ވެއެވެ. އަދި ވީއެލްޑީ ހަރުނުކުރާ އުޅަނދުތަކަށް ސަބްސިޑީގެ ފައިސާ ދޫ ނުކުރުމަށް ނިންމާފައިވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ސަބްސިޑީގެ ފައިސާގެ ތެރެއިން ވީއެލްޑީ މަސް ދޯނިތަކުގައި ހަރުކުރުމަށް ނިންމި ސަބަބެއް ކަމަށް ފިޝަރީޒުން ބުނެފައި ވަނީ 2009 އަހަރާއި 2010 ވަނަ އަހަރު މަސްދޯނިތަކަށް ސަބްސިޑީ ދީފައިވަނީ އެ ދޯނިތައް މަހަށް ފުރިކަން ޔަގީންނުކޮށް ކަމަށްވާތީ އެވެ. އަދި ފިޝަރީޒް މިނިސްޓްރީގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި މަސްދޯނިތަކަށް ސަބްސިޑީ ދެމުން ދަނީ މަސްދޯނި ފަހަރު މަހަށް ފުރިކަން ޔަގީން ނުކޮށް، ކަމަށް ބުނެފައި ވާތީ މަސް ދޯނިތައް މަހަށް ފުރިކަން ޔަގީން ކުރެވޭނެ ހަމައެކަނި ގޮތަކީ ވީއެލްޑީ ހަރުކުން ކަމަށް ވާތީ ކަމަށެވެ.
އިއްޔެ ބޭއްވި މާލިއްޔަތު ކޮމެޓީގައި މަސްވެރިންނަށް ސަބްސިޑީ ދޫކުރާނެ އުސޫލު ފިޝަރީޒުން މާލިއްޔަތު ކޮމެޓީއަށް ހުށަހެޅުމުން މެންބަރުން ވަނީ ތަފާތު ހިޔާލުތަކެއް ހުށަހަޅާފަ އެވެ.
މާފަންނު ހުނޅަގު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއްރަހީމް ވިދާޅުވީ 2012 ވަނަ އަހަރުގެ ބަޖެޓް އަލުން ރިވައިޒްކޮށް މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ވިސްނަމުންދާ ދަނޑިވަޅެއްގައި މަސްވެރިންގެ ސަބްސިޑީ ދިނުމަށް ކޮމެޓިން ގޮތެއް ނިންމުމަކީ އިތުރު މައްސަލައެއް ފެންމަތިވެދާނެ ކަމެއް ކަމަށެވެ.
"ބަޖެޓާ ގުޅުންހުރި މުހިއްމު ކަންތައްތަކެއް މިހާރުގެ ސަރުކާރުން ވަކި ގޮތަކަށް ނިންމުމަށް މަސައްކަތް ކުރަމުންދާތީވެ، މި ދަނޑިވަޅަކީ އެންމެ ރަނގަޅު ދަނޑިވަޅުތޯ މަސްވެރިކަން ކުރާ އުޅަނދުފަހަރުގެ ތެލަށް ސަބްސިޑީ ދިނުމަކީ. މިހެން މިދެންނެވީ ކުރީގެ ބަޖެޓް އަލުން ރިވައިޒްކޮށްފައި މަޖިލީހުގެ ތެރެއަށް އަލުން ވަންނާތީވެ، މި ދަނޑިވަޅުގައި މިކަން އަޅުގަނޑުމެން ކޮށްފިނަމަ އަނެއްކާ ވެސް ބަޖެޓްގެ މައްސަލަތަކެއް ދިމާވުން އެކަށީގެންވޭ،" އަބްދުﷲ އަބްދުއްރަހީމް ވިދާޅުވި އެވެ.
ސަބްސިޑީ ދިނުމަށް ފިޝަރީޒް މިނިސްޓްރީ ހުށަހެޅި މައްސަލަ ބެލުމަށް މާލިއްޔަތު ކޮމެޓީން އިއްޔެ ވަނީ ސަބް ކޮމެޓީއެއް އެކުލަވާލާފަ އެވެ. ސަބް ކޮމެޓީން މިހަފުތާގައި މަސްވެރިންގެ ސަބްސިޑީގެ މައްސަލަ ވަކި ގޮތަކަށް ނިންމައި މާލިއްޔަތު ކޮމެޓީއަށް ހުށަހެޅުމަށް ނިންމި އެވެ. ސަބް ކޮމެޓީ އެކުލެވިގެން ވަނީ މާލިއްޔަތު ކޮމެޓީގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ތެރެއިން ކޮންމެ ޕާޓީއަކުން މެންބަރަކާއި އަމިއްލަ މެންބަރެއްގެ މައްޗަށެވެ.