14 Dec 2022, 15:18
ރާއްޖޭގައި ބާނާ މަސްތައް މިހާރު ބޭރު ކުރެވެނީ މަދު ގައުމުތަކަކަށް ކަމަށާއި، ޗައިނާގެ މާކެޓަށް ރާއްޖޭގައި ބާނާ މަހުގެ ބާވަތްތައް އެތެރެ ކުރުން އިތުރުކުރުމަކީ އަމާޒެއް ކަމުގައި އިކޮނޮމިކް މިނިސްޓަރު އިސްމައިލް ފައްޔާޒް ވިދާޅުވެއްޖެއެވެ.
މިއަދު ހޮޓެލް ޖެންގައި ބޭއްވި "ޗައިނާ - މޯލްޑިވްސް: "ބެލްޓް އެންޑް ރޯޑް"ގެ ޖޮއިންޓް ކޮންސްޓްރަކްޝަން ބިޒްނަސް ފޯރަމު"ގައި ވާހަކަފުޅު ދައްކަވަމުން ފައްޔާޒް ވިދާޅުވީ މަސްވެރިކަމަކީ ރާއްޖޭގެ އެންމެ މުހިއްމު އެއް އިގްތިސާދީ ސިނާއަތް ކަމަށާއި، އެ އިގްތިސާދީ ސިނާއަތަކީ ރާއްޖޭގެ ބޮޑު އިންސައްތައެއްގެ ރައްޔިތުންގެ ދިރިއުޅުމާ ގުޅިފައިވާ ސިނާއަތެއް ކަމަށެވެ.
އަދި އެ ސިނާއަތަކީ ރާއްޖެއިން އެކްސްޕޯޓް ކުރާ ހަމައެކަނި ބްރޭންޑް ކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ މިހާރު ރާއްޖެއިން ޗައިނާއަށް ކުރަނީ ވަރަށް ލިމިޓެޑް އެކްސްޕޯޓްތަކެއް ކަމަށެވެ. އެހެންކަމުން ރާއްޖެއިން ޗައިނާއަށް މަސްބޭރުކުރުން އިތުރުކުރުމަކީ ރާއްޖޭގެ އަމާޒެއް ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
"ޗައިނާ އަކީ ރާއްޖެ ކުރިއެރުވުމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ ބައެއް،" ފައްޔާޒް ވިދާޅުވިއެވެ.
މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާއިން ޗައިނާއަކީ ރާއްޖެއަށް މިހާތަނަށް އެއް ގައުމަކުން އެންމެ ގިނަ ފަތުރުވެރިން އައި ގައުމުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެގޮތުން 2019 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތް ކުރި ޗައިނާގެ ފަތުރުވެރިންގެ އަދަދަކީ 284،000 އެވެ.
"ކޮވިޑްގެ ކުރިން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އަންނަނީ ޗައިނާއިން،" ފައްޔާޒު ވިދާޅުވިއެވެ.
އެހެންކަމުން ރާއްޖެއާއި ޗައިނާއާ ދެމެދު ޑައިރެކްޓް ފްލައިޓްތަކުގެ ދަތުރުތައް ފެށުމަކީ ރާއްޖެއަށް އެކަމުގެ ސަބަބުން ބޮޑު ކުރިއެރުމެއް ލިބޭނެ ކަމެއް ކަމުގައި އޭނާ ވިދާޅުވިއެވެ.
"ރާއްޖެއާއި ޗައިނާއާ ދެމެދު ޑައިރެކްޓް ފްލައިޓްތަކުގެ ދަތުރުތައް ފެށުމަކީ މުހިއްމު ކަމެއް. އެކަމުގެ ފެހި ސިގްނަލް ޗައިނާގެ އެމްބެސެޑަރު އަޅުގަނޑަށް ވަނީ ދީފައި،" މިނިސްޓަރު ވިދާޅުވިއެވެ.
ޗައިނާއަކީ ރާއްޖޭގެ އިގްތިސާދު ކުރިއެރުމުގައި މުހިއްމު ދައުރެއް އަދާކުރާ ގައުމެއްކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ މިދިޔަ އަހަރު ޗައިނާއިން 325 މިލިއަން ޑޮލަރުގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، 2019 ވަނަ އަހަރާ އަޅާބަލާއިރު އިމްޕޯޓްގެ އަދަދު ދަށްވީ ކޮވިޑްގެ ސަބަބުން ކަމަށެވެ.
އެގޮތުން 2019 ވަނަ އަހަރު ރާއްޖެއަށް ޗައިނާއިން 470 މިލިއަން ޑޮލަރުގެ މުދާ ވަނީ އިމްޕޯޓްކޮށްފައެވެ.
ރާއްޖޭގެ ސްޓްރެޓިޖިކް ޑެވެލޮޕްމެންޓް ތަކުގައި ޗައިނާއާއި ޗައިނާގެ ކުންފުނިތަކުގެ ބައިވެރިވުން ބޮޑު ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ހިޔާ ފްލެޓްތަކާއި، ސިނަމާލެ ބްރިޖާއި އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އެކްސްޕޭންޝަންގެ މަސައްކަތް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ކޮވިޑްގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް ވިލުންވެރި ގޮތެއްގައި އެންމެން ގުޅިގެން މަސައްކަތް ކުރަމުންގެންދާ ކަން ފާހަގަ ކުރަމުން މިނިސްޓަރު ވިދާޅުވީ ރާއްޖެ އަބަދުވެސްވަނީ ވިޔަފާރިތަކަށް ހުޅުވިފައިކަމަށާއި، އުންމީދުކުރަނީ ވީހާވެސް ގިނަ ފޮރިން ޑައިރެކްޓް އިންވެސްްޓްމެންޓް (އެފްޑީއައި)ތަކުން ރާއްޖޭގައި އިންވެސްޓް ކުރާނެ ކަމަށެވެ.
"ނިމިދިޔަ ދެ އަހަރު ރާއްޖޭގެ އިގްތިސާދަށް ކޮވިޑްގެ ސަބަބުން ލޮޅުން އެރި ނަމަވެސް ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ދޭ މެސެޖު ވަރަށް ސާފު. ރާއްޖެ ބޭރުގެ ވިޔަފާރިތަކަށް މަރްޙަބާ ކިޔާނެ. ރާއްޖެ މުޅި ދުނިޔެއަށް މަރްޙަބާ ކިޔާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
ޗައިނާ އާއި ރާއްޖެ އިގްތިސާދީ ގޮތުން ގުޅުން ބަދަހިކުރިތާ މިއަހަރަށް މިވީ 50 އަހަރެވެ. އެގޮތުން "ބެލްޓް އެންޑް ރޯޑް"ގެ ޖޮއިންޓް ކޮންސްޓްރަކްޝަން ބިޒްނަސް ފޯރަމަކީވެސް ރާއްޖޭގައި ހުޅުވިފައިވާ ފުރުސަތުތަކާއި، ރާއްޖޭގައި އިންވެސްޓްކުރުމަށް ކުރެވޭނެ ކަންކަން ދެ ގައުމުގެ ދެމެދުގައި މައުލޫމާތު ފޯރުކޮށްދިނުމަށް ބޭއްވުނު ފޯރަމެކެވެ.