10 Apr 2012, 08:40
ނިއުދއްލީ (މާޗް 10) : އިންޑިޔާގެ ބޮޑުވަޒީރު މަންމޯހަން ސިންގްއާ އެކު އިއްޔެ ނިއުދިއްލީގައި ބޭއްވި ބައްދަލުވުމަކީ ކާމިޔާބު ބައްދަލުވުމެއް ކަމަށް ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރުދާރީ ސިފަކުރައްވައިފިއެވެ.
އިންޑިޔާއަށް ކުރެއްވި އެއްދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ނިއުދިއްލީން ފުރާވަޑައިގަންނަވަމުން ދެއްވި ބަޔާނެއްގައި ޒަރުދާރީ ވިދާޅުވީ އިންޑިޔާއަށް ކުރެއްވި ދަތުރުފުޅާމެދު ހިންހަމަޖެހިވަޑައިގަންނަވާ ކަމުގައެވެ. އަދި އިންޑިޔާ ސަރުކާރުން އޭނާއަށް ވަރަށް ފުރިހަމައަށް މެހްމާންދަރީ އެރުވި ކަމަށާއި މިކަމަށްޓަކައި އިންޑިޔާގެ ވެރިންނަށާއި ރައްޔިތުންނަށް ޝުކުރުވެރިވެ ވަޑައިގަންނަވާ ކަމަށްވެސް ޒަރުދާރީ ވިދާޅުވިއެވެ.
ޒަރުދާރީގެ މިދަތުރުފުޅުގައި އިންޑިޔާގެ ބޮޑުވަޒީރު މަންމޯހަން ސިންގ އާއެކު ބޭއްވި ސިއްރު ބައްދަލުވުމުގައި ދެޤައުމުގެ ގުޅުންތައް އިތުރަށް ރަނގަނޅުކޮށް އިތުބާރު އުފެއްދުމާބެހޭގޮތުން ބިނާކުރަނިވި މަޝްވަރާތަކެއް ކުރެވުނު ކަމަށްވެސް ޒަރުދާރީ ވިދާޅުވިއެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.
ޒަރުދާރީއާއެކު ކުރެވުނު މަޝްވަރާތައް ވަރަށް ކާމިޔާބު ކަމަށް އިންޑިޔާގެ ބޮޑުވަޒީރުވެސް ވަނީ ވިދާޅުވެފައެވެ. މިބައްދަލުކުރެއްވުމުގައި ޕާކިސްތާނަށް ޒިޔާރަތް ކުރެއްވުމުގެ ދަޢްވަތު ޒަރުދާރީ ގެ ފަރާތްޕުޅުން ލިބިވަޑައިގެންނެވި ކަމަށް މަންމޯހަން ސިންގ ވިދާޅުވިއެވެ. ސިންގ ވިދާޅުވީ ޒަރުދާރީގެ ދަޢްވަތު ޤަބޫލުކުރައްވާ ކަަމަށާއި ކައިރި މުސްތަޤްބަލެއްގައި ޕާކިސްތާނަށް ވަޑައިގެންނެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައެވެ. ސިންގ ވެސް މިބައްދަލުކުރެއްވުމާބެހޭ އިތުރު ތަފްސީލެއް ނުދެއްވައެވެ.
އެއްދުވަހުގެ ނުރަސްމީ ދަތުރުފުޅަކަށްފަހު ޒަރުދާރީ އިއްޔެ ހަވީރުވަނީ އިންޑިޔާއިން ފުރަވަޑައިގެންފައެވެ. ނުރަސްމީ ދަތުރުފުޅެއްގައި ޒަރުދާރީ މިދިޔަ އާދިއްތަ ދުވަހު އިންޑިޔާއަށް ވަޑައިގެންނެވީ ރާޖެސްތާނުގެ އަޖްމީރުގައިވާ ސޫފީ ޢިލްމުވެރިއެއްގެ މަޤްބަރާއަށް ޒިޔާރަތް ކުރެއްވުމަށެވެ.
މިއީ ސޫފީ ފިކުރުގެ މަޝްހޫރު ޢިލްމުވެރިއެއް ކަމަށްވާ ޚަވާޖާ ޣަރީބް ނަވާޒްގެ މަޤްބަރާއެވެ. މިމަޤްބަރާއަކީ ސޫފީން ޒިޔާރަތެއްގެ ގޮތުގައިބަލާ މަޒާރެކެވެ. މަޒާރަށް ޒިޔާރަތް ކުރެއްވުމަށްފަހު ނިއުދިއްލީގައި ސޫފީ މުސްލިމުުން ބޭއްވި އެއްވުމެއްގައިވެސް ޒަރުދާރީ ބައިވެރިވެވަޑައިގެންނެވި ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޒަރުދާރީ އަމިއްލަ ޙައިސިއްޔަތުން އިންޑިޔާއަށް ކުރެއްވި އެއްދުވަހުގެ މިދަތުރުފުޅުގައި އޭނާގެ ފިރިހެން ދަރިކަލުން ބިލާލްވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މިއީ 2005 ގައި ޕާކިސްތާނުގެ އޭރުގެ ޢަސްކަރީ ވެރިޔާ ޖެނެރަލް ޕަރުވޭޒް މުޝައްރަފް އިންޑިޔާއަށް ކުރެއްވި ދަތުރުފުޅަށްފަހު ޕާކިސްތާނުގެ ރައީސަކު އިންޑިޔާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.
ޒަރުދާރީގެ މިދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ވެރިންގެ މެދުގައި އިތުބާރު ބޮޑުވުމަށް މަގުފަހިވެގެންދާނެ ކަމަށް އުންމީދުކުރާކަމަށް ޕާކިސްތާނުގެ ޚާރިޖިއްޔާއިން ބުނެފައިވެއެވެ. -- ނޫސްއެޖެންސީތައް