14 Dec 2022, 02:46
ފީފާ ވޯލްޑް ކަޕަކީ ތަރިން އުފައްދާ މުބާރާތެކޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.
މިހާރު ގަތަރުގައި ކުރިއަށްދާ ވޯލްޑް ކަޕުންވެސް އެފަދަ އެތައް ޒުވާން ކުޅުންތެރިންތަކެއް ދަނީ ފެންނަމުންނެވެ. އެގޮތުން އެއް ކުޅުންތެރިއަކީ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީއާއެކު އެ ޓީމުގެ ކުރިއަށް ކުޅެމުން އަންނަ ހޫލިއަން އަލްވަރޭޒް އެވެ.
މުބާރާތުގައި މިހާތަށް އާޖެންޓީނާއިން ހަ މެޗު ކުޅެފައިވާއިރު، ގްރޫޕް ސްޓޭޖުގައި އަލްވަރޭޒްގެ ނަމަކީ ފަނޑު ނަމެއް ނަމަވެސް، މިއަދު އޭނާ އަކީ އެތައް ބައެއްގެ ދުލު ކުރީގައި އެ ނަމެއް އޮތް، އަލިގަދަ ތަރިއެކެވެ.
މިހާތަނަށް މުބާރާތުގައި އޭނާ ވަނީ ޖުމްލަ ހަތަރު ލަނޑު ޖަހާފައެވެ. އޭގެ ތެރެއިން ދެ ލަނޑަކީ ސެމީ ފައިނަލުގައި އާޖެންޓީނާއިން ކްރޮއޭޝިއާގެ މައްޗަށް 0-3 އިން ކުރި ހޯދި މެޗުގައި އޭނާ ކާމިޔާބުކުރި ދެ ލަނޑެވެ. އަދި އެ ޓީމުގެ ތިންވަނަ ލަނޑު ޕެނަލްޓީއަކުން މެސީ ކާމިޔާބު ކޮށްދިންއިރު މި ޕެނަލްޓީއަކީ އަލްވަރޭޒްއަށް ކްރޮއޭޝިއާގެ ކީޕަރު ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ. އެހެންކަމުން މި މެޗުން އާޖެންޓީނާ މޮޅުކޮށްދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރީ އޭނާއޭވެސް ބުނެވިދާނެއެވެ.
މިއާއެކު އޭނާއަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާއިރު، އެއީ ކާކުކަން އެނގެން ބޭނުންވާނެ ވަރަށް ގިނަ ބަޔަކު ތިބޭނެއެވެ.
އެ ސުވާލުގެ ޖަވާބު ވަރަށް ކުރެއެވެ. އެއީ މީގެ 10 އަހަރުކުރިން މެސީއާއެކު "ފޭންބޯއި" އެއްގެ ގޮތުގައި ފޮޓޯއެއް ނެގޭތޯ މަސައްކަތްކުރި އުމުރުން އެންމެ 12 އަހަރުގެ ކުޑަކުއްޖެކެވެ. އޭރު އޭނާގެ ހުވަފެނަކީ އާޖެންޓީނާގެ ޖާޒީގައި، ވޯލްޑް ކަޕެއްގައި ކުޅުމެވެ.

ފޮޓޯ/މީސްމީޑިއާ ---
2018 ވަނަ އަހަރު އާޖެންޓީނާގެ ރިވާ ޕްލޭޓުން ސީނިއާ ކެރިއަރު ފެށި އަލްވަރޭޒް ވަނީ ހަމަ އެ އަހަރު އާޖެންޓީނާގެ ޒުވާން ޓީމަށް ކުޅެން ފަށާފައެވެ. އާޖެންޓީނާގެ 18 އަހަރުން ދަށުގެ ޓީމާއި 23 އަހަރުން ދަށުގެ ޓީމަށް ކުޅުމަށްފަހު އޭނާ ސީނިއާ ގައުމީ ޓީމަށް ކުޅެން ފެށީ 2021 ވަނަ އަހަރުއެވެ.
ރިވާ ޕްލޭޓަށް ކުޅެދިން 57 މެޗުން 23 ލަނޑު ޖަހާފައިވާ އަލްވަރޭޒް ވަނީ މިއަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހު ރިވާ ޕްލޭޓުން އަލިއަންޒާ ލިމާއާ ދެކޮޅަށް ކުޅުނު މެޗުގައި ހަ ލަނޑު ކާމިޔާބު ކޮށްދީފައެވެ. އެ މެޗުން ރިވާ ޕްލޭޓް މޮޅުވީ 1-8 ގެ ނަތީޖާއަކުންނެވެ. މިއީ އަލްވަރޭޒްގެ ކުލަބު ކެރިއަރުގައި އެންމެ ފާހަގަކޮށްލެވޭ މެޗެވެ.

ރިވާ ޕްލޭޓުން އަލިއަންޒާ ލިމާއާ ދެކޮޅަށް ކުޅެ 1-8 އިން މޮޅުވި މެޗަށްފަހު --ފޮޓޯ/ގެޓީ އިމޭޖަސް
މިއަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު މެންޗަސްޓާ ސިޓީއާއެކު އަލްވަރޭޒް އެއްބަސްވުމެއް ހަދައި ސޮއިކުރިއިރު، އެ ކުލަބުން ވަނީ ޖޫން މަހުގެ ނިޔަލަށް، ލޯނު އެއްބަސްވުމެއްގެ ދަށުން އޭނާ ރިވާ ޕްލޭޓަށް ކުޅުމުގެ ފުރުސަތު ދީފައެވެ.
މެންޗަސްޓާ ސިޓީގެ ޖާޒީގައި އަލްވަރޭޒް އެންމެފުރަތަމަ ވާދަވެރި މެޗެއް ކުޅުނީ ޖުލައި މަހުގެ 30 ވަނަ ދުވަހު ލިވަޕޫލާ ދެކޮޅަށް ސިޓީ ކުޅެ 1-3 އިން ބަލިވި މެޗުގައެވެ. މި މެޗުގައި ސިޓީގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ އަލްވަރޭޒް އެވެ. އެއީ ކޮމިއުނިޓީ ޝީލްޑް މެޗުގައެވެ.
ޕްރިމިއާ ލީގުގައި އަލްވަރޭޒް އެންމެފުރަތަމަ މެޗެއް ކުޅުނީ އޮގަސްޓު މަހުގެ ހަތްވަނަ ދުވަހު ވެސްޓްހާމް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އަލްވަރޭޒް ޕްރިމިއާ ލީގުގައި އެންމެފުރަތަމަ ލަނޑު ޖެހީ އޮގަސްޓު މަހުގެ 31 ވަނަ ދުވަހު ސިޓީން ނޮޓިންގްހަމް ފޮރެސްޓާ ދެކޮޅަށް ކުޅެ 0-6 އިން މޮޅުވި މެޗުގައެވެ. އެމެޗުގައި އޭނާ ވަނީ ދެ ލަނޑު ޖަހާފައެވެ.

އަލްވަރޭޒް މެންޗަސްޓާ ސިޓީގެ ޖާޒީގައި ޗެމްޕިއަންސް ލީގުގައި ސެވިއާއާ ދެކޮޅަށް ކުޅުނު މެޗެއްގައި ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ --ފޮޓޯ/ގެޓީ އިމޭޖަސް
އާޖެންޓީނާގެ ސީނިއާ ގައުމީ ޓީމުން އަލްވަރޭޒްއަ އެންމެފުރަތަމަ ޖާގަ ހޯދީ 2021 ވަނަ އަހަރުގެ ޖޫން މަހުގެ ތިންވަނަ ދުވަހުއެވެ. އެއީ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ޗިލީއާ ދެކޮޅަށް އާޖެންޓީނާ ކުޅުނު މެޗެއްގައެވެ. ސީނިއާ ގައުމީ ޓީމަށް އަލްވަރޭޒް އެންމެފުރަތަމަ ލަނޑެއް ޖެހީ މާޗު މަހުގެ 29 ވަނަ ދުވަހު އެކުއެޑޯއާ ދެކޮޅަށް ކުޅެއެވެ. މި މެޗުގައި އަލްވަރޭޒް ލަނޑު ޖެހިއިރު އެ މެޗު 1-1 އިންވީ އެއްވަރެވެ.
އެދުވަހަށްފަހު މިހާތަނަށް އަލްވަރޭޒް ސީނިއާ ގައުމީ ޓީމަށް 17 މެޗު ކުޅެދީފައިވާއިރު ޖުމްލަ ފަސް ލަނޑު ކާމިޔާބު ކޮށްދީފައިވެއެވެ.
ފޭންބޯއިއެއްގެ ގޮތުގައި ފޮޓޯނަގަން އުޅުނު އަލްވަރޭޒް މިއަދު އެއީ މުޅި އާޖެންޓީނާ ފަޚުރުވެރިވާ ފަދަ ފުޓުބޯޅައިގެ ތަރިއެކެވެ.