14 Dec 2022, 10:12
މިއަހަރުގެ މެއި 20 ވަނަ ދުވަހު ރިލީޒްކުރުމަށް ތައްޔާރުވި ބަތަލާ ރާނީ މުކަރްޖީގެ ފިލްމު "މިސިޒް ޗެޓަޖީ ވާސަސް ނޯވޭ" ރިލީޒްކުރުން ފެށޭ އަހަރުގެ މާޗް ތިނަކަށް ތާވަލުކޮށްފިއެވެ.
މި ފިލްމަކީ ޒީ ސްޓޫޑިއޯ އާއި ނިކިލް އަދްވާނީގެ އެމްމޭ އެންޓަޓެއިންމެންޓާ ގުޅިގެން އުފައްދާ ފިލްމެކެވެ. "މިސިޒް ޗެޓަޖީ ވާސަސް ނޯރވޭ"އަކީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމާއި ބެހޭގޮތުން ބައިނަލްއަޤްވާމީ ފެންވަރުގައި ކުރާ މަސައްކަތްތައް ދައްކުވައިދޭ ފިލްމެކެވެ.
ފިލްމުގައި ދައްކުވައި ދޭނީ ޙަޤީޤީ ޙާދިސާތައް ނަމޫނާއަކަށް ބަލައިގެން ގެނެސްދޭ ވާހަކަތަކެކެވެ.
ބަތަލާ ރާނީ މުކަރްޖީ ފެނިގެން ދާނީ ޤަވަޢިދާއި ޚިލާފަށް ހިންގާ ޔަތީމު ޚާނާއެއްގައި ތިބި އަމިއްލަ ކުދިންތަކެއް އެތަނުން ސަލާމަތް ކުރުމަށް މަސައްކަތް ކުރާ މައެއްގެ ރޯލްއިންނެވެ.
ރާނީ މުކަރްޖީ ބުނެފައި ވަނީ ފިލްމުގެ ޝެޑިއުލް ނިންމާލިއިރު ހިތަށް ވަރަށް ފުން އަސަރުތަކެއް ކުރުވި މަންޒަރުތަކެއް ވެސް ނަގަން ޖެހުނު ކަމަށެވެ. ޚާއްސަކޮށް އަމިއްލަ ޤައުމުން ބޭރުގައި ތިބި ކުދިންތަކެއްގެ ޙައްޤުގައި ވަކާލާތުކޮށް މަސައްކަތް ކުރުމަކީ، ވަރަށް ފުން އަސަރުތަކެއް ކުރުވާ ކަމެއް ކަމަށް ރާނީ ވަނީ ބުނެފައެވެ.
މިދިޔަ އަހަރު ފިލްމު "ބަންޓީ އޯރް ބަބްލީ 2"އިން ފެނިގެންދިޔަ ރާނީ ފަހަކަށް އައިސް ފެނިފައި ވަނީ ވަރަށް ތަފާތު އެހާމެ ވަރުގަދަ ރޯލްތަކަކުންނެވެ. އޭގެތެރޭގައި ފިލްމު "މަރްދާނީ"ގެ ދެ ފިލްމު ފާހަގަކޮށްލެވެއެވެ. މި ފިލްމުގެ ދެ ބައިގައިވެސް ރާނީ ފެނިގެންދިޔައީ ހިއުމަން ޓްރެފިކިންގް ގޭންގްއަކާ ދެކޮޅަށް މަސައްކަތްކުރި ވަރުގަދަ ފުލުހެއްގެ ރޯލްއިންނެވެ.
ޔާޝް ރާޖް ފިލްމްސް ކުންފުނީގެ ވެރިޔާ ޔާޝް ޗޯޕްރާއާއި ކައިވެނިކޮށް އަންހެން ކުއްޖަކު ލިބިފައިވާ ބަތަލާ މިހާރު ފިލްމުކުޅޭ ޢަދަދު ވަނީ ކުރިޔަށްވުރެ މަދުވެފައެވެ.