އަހަރުތެރޭގައި ނެރޭ އެންމެ މަގުބޫލު ޝޯތަކާއި ފިލްމުތަކުގެ އަގު ވަޒަން ކުރުމަށް ދޭ އެންމެ ބޮޑު އެވޯޑު ގޯލްޑެން ގްލޯބްސްގެ ނޯމިނޭޝަން އިއުލާނުކޮށްފިއެވެ.

މިއަހަރު ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަނީ ވަރުގަދަ ބޮޑެތި ބަޖެޓުގެ ފިލްމުތަކާއި ޝޯތައް ރިލީޒްކޮށްފައެވެ. އެގޮތުން ނޯމިނޭޝަންގެ ލިސްޓުގައި ވެސް އެކި ސަރަހައްދުގެ ފިލްމުތަކާއި ޝޯތައް ހިމެނެއެވެ. އެއާއެކު އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ގޯލްޑެން ގްލޯބްސް އެވޯޑު ހަފުލާގެ ތެރޭގައި ވަރަށް ވާދަވެރިކަން ބޮޑުވާނެއެވެ.

މި އަހަރު ނެރުނު ފިލްމުތަކުގެ ތެރޭގައި ނޮމިނޭޝަންގެ އެންމެ ކުރީގައި އުޅެނީ ސައިފައި ޑްރާމާ "އެވްރިތިން އެވްރިވެއާ އޯލް އެޓް ވަންސް"އެވެ. މި ފިލްމު ވަނީ ހަ ދާއިރާއަކުން ނޯމިނޭޓްވެފައެވެ. އޭގެތެރޭގައި ފިލްމުގެ ތިން އެކްޓަރުން މިޝެލް ޔޯ އާއި ޖޭމީ ލީ ކާޓިސް އަދި ކޭ ހުއައި ކުއާން ވަނީ އެންމެ ބޮޑު ތިން އެވޯޑަށް ނޯމިނޭޓް ވެފައެވެ. އެއީ އެންމެ މޮޅު އަންހެން އެކްޓަރުގެ އެވޯޑާއި ސަޕޯޓިން އެކްޓަރުންގެ އެވޯޑެވެ. އަހަރުގެ އެންމެ މޮޅު ޑްރާމާ އަށް ނޯމިނޭޓް ވެފައިވާއިރު އެންމެ މޮޅު ޑައިރެކްޓަރުންގެ އެވޯޑަށް ވެސް މި ފިލްމުގެ ޑައިރެކްޓަރުން ވަނީ ނޯމިނޭޓް ވެފައެވެ.

އެންމެ ގިނަ ނޯމިނޭޝަންތަކާއެކު ލިސްޓުގެ ކުރީގައި ދެ ޝޯއެއް ހިމެނެއެވެ. އެއީ އެޗްބީއޯގެ "ވައިޓް ލޮޓަސް" އާއި ނެޓްފްލިކްސްގެ "މޮންސްޓާ: ދަ ޖެފްރީ ޑާމާ ސްޓޯރީ"އެވެ. ދެ ޝޯވެސް އެންމެ މޮޅު ލިމިޓެޑް ޝޯއަށް ނޯމިނޭޓް ވެފައިވާއިރު ޝޯގެ އެކްޓަރުން ވަނީ ތަފާތު އެކި އެވޯޑުތަކަށް ނޯމިނެޓް ވެފައިވެއެވެ.

ނޯމިނޭޝަންގެ ތެރޭގައި ހިމެނޭ ފޮރިން ފިލްމުތަކުގެ ލިސްޓުގައި މިއަހަރު އިންޑިއާއިން ރިލީޒްކުރި ޕީރިއަޑް އެކްޝަން ފިލްމު "އާރުއާރުއާރު" ހިމެނެއެވެ.

ގޯލްޑަން ގްލޯބްސް އެވޯޑު ހަފުލާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހު 10ގައެވެ.