އެމެރިކާގެ މަޝްހޫރު މޮޑެލް އަދި ޓީވީ ޕާސަނަލިޓީ ކްރިސީ ޓީގަން އަށް ނަޓެއްލާ ނުބައި ކަމަށް ބުނެ ފޭނުން ހައިރާން ކޮށްލައިފިއެވެ.

ސޯޝަލް މީޑިއާގައި އަބަދުވެސް ތަފާތު އެކި ކަންކަމުގައި ވާހަކަ ދައްކައި އުޅޭ ކްރިސީއަކީ އަބަދުވެސް ތަފާތު އެކި ކަހަލަ ލުއި ކާނާ ހެދުމާއި އެކި ކަހަލަ ލުއި ކާނާއަށް ލޯބިކުރާ މީހެކެވެ.

މިއީ އޭނާގެ ފޭނުންނަށް ވެސް އަބަދު އޭނާ ކިޔައިދޭ ވާހަކައެކެވެ. ނަމަވެސް ދާދި ފަހުން އޭނާ އާންމުކުރި ކެއުމުގެ އާދައަކާއެކު ފޭނުން ދިޔައީ ކުޑަވަރެއްގެ ޝޮކަކަށެވެ.

ތަފާތު އެކި ކަހަލަ ފޮނި އެއްޗެއްސަށް ލޯބިކުރާ ކްރިސީ ދާދިފަހުން ސޯޝަލް މީޑިއާގައި ހާމަކޮށްފައިވަނީ އޭނާއަށް ނަޓެއްލާ ނުބައި ކަމަށެވެ.

ކްރިސީ ބުނަނީ ބައެއް މީހުން ހެނދުނު ގަޑީގައި ޕާނާ ޖަހައިގެން ނަޓެއްލާ ކަނީ އެއީ މާ ރަނގަޅު އެއްޗެއް ކަމަށް ހީކޮށް ކަމަށެވެ. ނަމަވެސް އެއީ ނުރަނގަޅު އާދައެއް ކަމަށް ކްރިސީ ފާހަގަކުރިއެވެ.

"ނަޓެއްލާ ހެނދުނަށް ކެއުން މި ހަމަ ގާތްގަނޑަކަށް ހެނދުނު ހޭލާ ގޮތަށް ބޮޑު ޗޮކުލެޓެއް ކެއުމެކޭ އެއްގޮތް ދޯ. މިއީ ވަކި ފައިދާއެއް ވާ އެއްޗެއް ނޫން،" ކްރިސީ ބުންޏެވެ.

ކްރިސީ ބުނިގޮތުގައި ނަޓެއްލާ އެއްވެސް އެއްޗަކަށް އަޅައިގެން އޭނާއަށް މީރެއް ނޫނެވެ. އަދި ނަޓެއްލާ ދެކެ ރުޅި އަންނަ މީހުންގެ ކްލަބެއް އޮތް ނަމަ އެ ކްލަބުގައި އޭނާ ހިމެނޭނެ ކަމަށް ކްރިސީ ބުންޏެވެ.

ސޯޝަލް މީޑިއާގައި މިކަމާ ގުޅޭގޮތުން ކްރިސީގެ ހިޔާލު ހިއްސާކުރުމުން އެއްބަޔަރު މިކަމާ ވަރަށް ދެކޮޅެވެ. ނަމަވެސް ގިނަ އަދަދަކަށް މީހުން ކްރިސީ އާ އެއްބަސް ވެސް ވަނީ ވެފައެވެ.