ކުޅިވަރާ ބެހޭ ވަޒީރު ނުހިމައި ކުޅިވަރުގެ ގައުމީ މަޖިލިސް އަލުން އެކުލަވާލަން ނިންމައިފި އެވެ.

މިހެންވެ ގައުމީ މަޖިލީހުގެ ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތް މިހާރުވަނީ ފަށައިގެންފަ އެވެ.

ކުޅިވަރުގެ ގައުމީ މަޖިލީހުގެ ފަރާތުން ވާހަކަ ދައްކަވަމުން ސްޕޯކްސް ޕާސަން އަލީ ޒަކީ ވިދާޅުވީ އެ މަޖިލީހުގެ ގަވާއިދު އިސްލާހުކުރުމުގެ މަސައްކަތް ފެށީ ކުޅިވަރާ ބެހޭ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފު (މުންދު)ގެ އެދިވަޑައިގަތުމަކަށް ކަމަށެވެ.

"މިނިސްޓަރު ބޭނުމެއް ނުވޭ ސްޕޯޓްސް ކައުންސިލް (ކުޅިވަރުގެ ގައުމީ މަޖިލިސް)ގައި އިންނަވާކަށް. އެހެންވެ ގަވާއިދު ބަދަލުކޮށްގެން އެކަން ކުރެވެން އޮންނަނީ. އެ މަސައްކަތް ވަރަށް އަވަހަށް ނިންމާލެވޭނެ. އަދި އޭގެ ފަހުން މީޑިޔާއާ ވެސް ހިއްސާކުރެވޭނެ،" އަލީ ޒަކީ ވިދާޅުވި އެވެ.

ވީޓވީގައ ވާހަކަ ދައްކަވަމުން މުންދު ވިދާޅުވީ ގައުމީ މަޖިލީހުގައި އޭނާ އިންނެވަކީ ނުފޫޒުން އެމަޖިލިސް އެއްކިބާކުރުމަށް ހުރަހަށް ވެދާނެ ކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.

"މިނިސްޓްރީގެ ފަރާތުން އެކިއެކި ޑިޕާޓްމަންޓްތައް އިސްކޮށް ހިންގަވާ ބޭފުޅުން އެބަތިއްބަވާ. ދެން އަޅުގަނޑު ބޭނުންވަނީ ވީހާ މިނިވަންކޮށް އެތަންހިންގަން. ކުޅިވަރު އެސޯސިއޭޝަންތަކުން ބޭފުޅުން ވަޑައިގެން އެއިން ކޮންމެވެސް ބޭފުޅަކު ސްޕޯޓްސް ކައުންސިލް ޗެއާ ކުރެެއްވުން އަޅުގަނޑު އެދޭގޮތަކީ. އެސޯސިއޭޝަންތަކުގައި ތިއްބެވީ ކުޅިވަރަށް ވަރަށް ގިނަ ހިދުމަތްކުރައްވާފައި ތިއްބެވި ފަންނީ ގާބިލް މީހުން. އަޅުގަނޑުމެންނާ އެބޭފުޅުންގެ ތަޖުރިބާ މިދާއިރާގައި ވަރަށް ތަފާތުވާނެ،" ސަރުކާރުގެ ސްޕޯކްސް ޕާސަންކަން ވެސް ކުރައްވާފައިވާ މުންދު ވިދާޅުވި އެވެ.

އަލީ ޒަކީ ވިދާޅުވީ ގަވާއިދު އިސްލާހު ކުރުމަށް ބާއވާ ބައްދަލުވުންތައް ޗެއާ ކުރައްވަނީ މިނިސްޓަރު ނުވަތަ ސްޓޭޓް މިނިސްޓަރު ކަމަށެވެ. އެއީ މަޖިލީހުގެ ގަވާއިދު އޮތްގޮތުން ކަމަށެވެ. އަދި ގަވާއިދު އިސްލާހުކޮށް ނިމޭއިރު ގައުމީ މަޖިލިސް މުޅިން އަލުން ހޮވަން ޖެހިދާނެ ކަމަށެވެ. އަދި މިހާރު ތިއްބެވި 15 މެމްބަރުގެ އަދަދު އިތުރުވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.