14 Dec 2022, 09:39
ދިވެހިންގެ ހުރިހާ ބާވަތެއްގެ ކެއުމަކަށް ވެސް ފޮނިތޮއްޓަކީ ބީރައްޓެހި އެއްޗެއް ނޫނެވެ. އެކި އެއްޗެހީގެ ރަހަ ހެޔޮވަރު ދިވެހީން ފޮނިތޮށި ބޭނުންކޮށް އުޅެއެވެ. ނަމަވެސް މިއީ ކިހާވަރެއްގެ ފައިދާއެއް ހުރި އެއްޗެއްކަން އެނގޭ ހެއްޔެވެ؟
ކުޅި އެއްޗެއް ހެދި ނަމަވެސް އަދި ފޮނި އެއްޗެއް ހެދި ނަމަވެސް ދިވެހިންނަށް ފޮނިތޮއްޓަކީ ވަރަށް ގާތް އެއްޗެކެވެ. އެއީ ރަނގަޅު އާދައެކެވެ. މިއިން ލިބޭ ފައިދާ ބޮޑުވުމުގެ ސަބަބުން މިއީ ކޮންމެ ދުވަހެއްގެ ކެއުމަށް ކޮންމެހެން ވެސް އިތުރު ކޮށްލުން ރަނގަޅު އެއްޗެކެވެ.
ކެނެޑާގެ ނިއުޓްރީޝަނަލް ސައިންޓިސްޓެއް ކަމަށްވާ ޖެން ސޫ ބުނާގޮތުގައި ފޮނިތޮއްޓަކީ އެންޓިއޮކްސިޑެންޓުން ފުރިގެންވާ އެއްޗެކެވެ. ނަތީޖާއެއްގެ ގޮތުން މިއިން ހަށިގަނޑަށް އެތައް ފައިދާއެއް ލިބިގެން ދެއެވެ. އޭގެތެރޭގައި ބޮޑެތި ބަލިތަކުން ދުރުހެލިވުމަށް އެހީތެރިވެދެއެވެ. އެންޓި އޮކްސިޑެންޓުގެ ސަބަބުން މީހާގެ ސްޓްރެސް ލެވެލް ދަށްކޮށްދީ އިންފްލިމޭޝަނުން ދުރުވާން އެހީތެރިވެދެއެވެ.
ސޫ ބުނާގޮތުގައި މީހާގެ ލޭގައި ހަކުރުގެ މިންވަރު ދަށް ކޮށްދިނުމާއި ޓައިޕް 2 ޑައިބިޓީޒް ޖެހުމުގެ ފުރުސަތު ކުޑަ ކޮށްދިނުމަށް ވެސް ފޮނިތޮށި އެހީތެރިވެދެއެވެ.
ސޫ އިރުޝާދު ދޭ ގޮތުގައި ސަޔާއި ގޭގައި ހަދާ ލުއި އެއްޗެއްސަށް އަޅައިގެން ވެސް ފޮނިތޮށި ބޭނުން ކުރެވޭނެއެވެ. އޭނާ ލަފާ ދެނީ ދުވާލެއްގެ މައްޗަށް 0.5 ގްރާމާއި ހަތަރު ގްރާމާ ދެމެދުގެ އަދަދަކަށް ފޮނިތޮށި ބޭނުން ކުރުމަށެވެ.
ސޫގެ އިތުރުން ނިއުޓްރީޝަނެއް ކަމަށްވާ ބްރޫނާ ޑޮނާޓީ ބުނާގޮތުގައި ކޮންމެ ދުވަހެއްގެ ޑައިޓު ބަދަލުކޮށްލުމުގައި ފޮނިތޮއްޓަކީ ބޭނުން ކުރެވޭނެ އެއްޗެކެވެ. އެގޮތުން އެކި ކަހަލަ މޭވާ ސެލެޑް ހަދައި ސިއްހަތަށް ފައިދާވާނެ ކެއުމެއް ތައްޔާރުކުރާއިރު އެއަށް މުގުރި ފޮނިތޮށި އެޅިދާނެ ކަމަށް އޭނާ ފާހަގަކުރިއެވެ. މިއީ ސެލެޑް އިތުރަށް މީރުވުމުގެ އިތުރުން ފައިދާތައް ވެސް އިތުރުވާނެ ކަމެއް ކަމަށް ޑޮނާޓީ ބުންޏެވެ.