13 Dec 2022, 21:35
ފީފާ ވޯލްޑްކަޕްގެ ސެމީފައިނަލްގައި މިރޭ އާޖެންޓީނާއާއި ކްރޮއޭޝިއާ ބައްދަލުކުރާ މެޗުގައި މޭން މާކުކޮށްގެން އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ހުއްޓުވަން ކްރޮއޭޝިއާއިން މަސައްކަތް ނުކުރާނެކަމަށް އެ ޓީމުގެ އިތުބާރު ފޯވާޑު ބްރޫނޯ ޕެޓްކޮވިޗް ބުނެފިއެވެ.
މިރޭގެ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޕެޓްކޮވިޗް ބުނީީ މިރޭގެ މެޗުގައި މެސީ ހުއްޓުވަން ވަކި ޕްލޭނެއް ކްރޮއޭޝިއާއިން ނުގެންގުޅޭނެ ކަމަށެވެ.
އެ ޓީމުން ވަކި ކުޅުންތެރިއެއް ހުއްޓުވުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި މަސައްކަތް ކުރާނީ އާޖެންޓީނާގެ މުޅި ޓީމު ހުއްޓުވަން ކަމަށް ވެސް ޕެޓްކޮވިޗް ބުންޏެވެ.
"އަހަރުމެން އާޖެންޓީނާ ހުއްޓުވާނީ ޓީމެއްގެ ގޮތުގައި. މެސީ މޭން މާކު ކޮށްގެނެއް ނޫން. އާޖެންޓީނާއަކި މެސީ އެއް ނޫން" ޕެޓްކޮވިޗް ބުންޏެވެ.
މިރޭގެ މެޗަށް ކޮރެއޭޝީއާއިން ނުކުންނައިރު އެ ޓީމުގައި މިވަގުތު އަނިޔާގެ އެއްވެސް މައްސަލައެއް ނެތެވެ. ކުރިން އަނިޔާގެ މައްސަލަތަކެއް ކުރިމަތިވި އެ ޓީމުގެ ފުލްބެކް، ބޯނޯ ސޯސާ މެޗުގެ ކުރިން ފިޓުވުމަކީ އެ ޓީމަށް ލިބޭނެ އިތުރު ހިތްވަރެކެވެ. އަދި އެ ޓީމުގައި ސަސްޕެންޝަންގެ މައްސަލައެއްވެސް ނޫޅެއެވެ.
އެއާ ހިލާފަށް އާޖެންޓީނާގެ ދެ ފުލްބެކުން ކަމުގައިވާ ނަހުއެލް މޮލީނާއާއި މާކޮސް އަކުނާއަށް ސަސްޕެންޝަންގެ ސަބަބުން މިރޭގެ މެޗުގައި ނުކުޅެވޭނެއެވެ.
ނަމަވެސް އާޖެންޓީނާގެ ޓީމަށް އޮތް ހިތްހަމަ ޖެހުމަކީ އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ފޯމުގައި ހުރުމެވެ. މެސީ ވަނީ މި މުބާރާތުގައި ހަތަރު ގޯލު ޖަހައި ދެ އެސިސްޓު ކޮށްފައެވެ.
ލުސައިލް ސްޓޭޑިއަމްގައި އާޖެންޓީނާ އަދި ކްރޮއޭޝީއާ ބައްދަލުކުރާ ސެމީ ފައިނަލްގެ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 12:00 ގައެވެ.