14 Dec 2022, 08:52
"އޮކޭ ދޮންބެ ދިޔަޔަސް. އަހަރެން އެކަނި ގޮސްފާނަން." ހޮސްޕިޓަލް ދޮރު މައްޗަށް ކާރު ހުއްޓައިލުމާއެކު، މާކިންއަށް އޮފީހުން އައި ފޯނު ކޯލާއެކު މިޝްޔާ ބުނެލިއެވެ. އޭނާ ކާރުން ފައިބައިގެން ގޮސް ހޮސްޕިޓަލް ވަނެވެ. ލިފްޓަށް އެރުމަށްފަހު ގޮސް ނާޒިލްގެ ރޫމް ގައި ޓަކި ޖަހައިލުމަށްފަހު ދޮރުފަތް ހުޅުވައިލުމާއެކު އޭނާއަށް ފެނުނު މަންޒަރުން މަޑުޖެހިލެވުނެވެ.
ފުރަގަހުން ނާޒިލްގެ ގައިގައި ބައްދާލައިގެން ހުރީ ރީމާއެވެ. އެ މަންޒަރު ފެނުމާއެކު މިޝްޔާގެ ހިތަށް ނުބައިގޮތެއް ވެގެން ދިޔައެވެ. އޭނާގެ ހިތުގައި ހަސަދަވެރިކަމުގެ ހުޅުކޮޅެއް ރޯވެގެން ދިޔައީ ކީއްވެގެންކަން ބުނާކަށް އޭނާއަކަށް ނޭނގުނެވެ. އެ މަންޒަރު ބަލާކަށް މިޝްޔާއަކަށް ފަސޭހަކަމަކަށް ނުވިއެވެ. އެހެން އަންހެނަކު އެގޮތަށް ނާޒިލްގެ ގައިގައި އަތް ލައިގެން ހުރުމުން ބުނެދޭން ނޭނގޭ އުނދަގުލެއް އޭނާއަށް އިޙްސާސްކުރުވިއެވެ. ގޮސް ނާޒިލްގެ އުނަގަނޑުގައި ޖައްސާލާފައިވާ އަތް ނައްޓައިލާނަމޭ ހިތަށް އެރިނަމަވެސް، އޭނާ އެގޮތަށް ކަންތައް ކުރާނީ ކޮން ހައިސިއްޔަތަކުންކަމެއް މިޝްޔާއަކަށް ނޭނގުނެވެ. އެ މަންޒަރު ބަލަން މިޝްޔާއަށް ހުރެވުނުއިރު ބުނެދޭން ނޭނގޭ މާޔޫސްކަމެއްވެސް އޭނާގެ އެތެރެހަށީގައި ދައުރުވަމުން ދިޔައެވެ.
"މިޝް.. މިޝްޔާ!" ދޮރު ހުޅުވައިލި އަޑަށް އެ ދިމާލަށް ބަލައިލެވުނު ނާޒިލްއަށް މިޝްޔާގެ ނަން ވެސް ކިޔައިލެވުނީ ހާސްވެފައި ހުރެއެވެ. އޭނާ އަތުގައި ހުރި ބާރު ލާފައި ރީމާގެ އަތް ފޮޅުވައިލިއެވެ. ނާޒިލްއަށް ބެލެނީ މިޝްޔާއާ ދިމާލަށެވެ. މިޝްޔާއަށް ފެނުނީ ފެނިގެން ނުވާނޭ މަންޒަރެއްކަމުގައި އޭނާގެ ސިކުނޑި ދިޔައީ ވިސްނައިދެމުންނެވެ. އެ މަންޒަރުން މިޝްޔާ މާނަ ނަގާނެ ގޮތަކާމެދު އޭނާއަށް ވިސްނެން ފެށުނެވެ.
"ރީމާ... މީ އަހަރެން މަަސައްކަތް ކުރާ ތަނޭ... ހަމަ މިހާރު ނުކުމޭ!" ނާޒިލް ބުނެލިއެވެ. ނާޒިލްގެ އެ ރުޅިވެރިކަމުން ރީމާއަށް އަސަރު ކުރިނަމަވެސް، އޭނާއަށް ބަލައިލެވުނީ މިޝްޔާއަށެވެ. މިޝްޔާގެ މޫނުމަތިން ފެންނަނީ ބުނެދޭން ނޭނގޭ ފަދަ އަސަރެކެވެ.
"ކީއްވެ އަހަންނަށް ދޮގު ހަދަނީ؟ އަހަންނަށް އެނގެޔޭ ތި ދެމީހުން އުޅެނީ އިނދެގެން ނޫންކަން." އެންމެ ފަހުން ރީމާ އޭނާއަށް އޭނާގެ އެކުވެރި ނަރުހެއްގެ ފަރާތުން އެނގުނު ހަޤީގަތް ހާމަކޮށްލިއެވެ. އެއާއެކު ނާޒިލްއަށް ރީމާއާ ދިމާލަށް ބަލައިލަން މަޖުބޫރުވިއެވެ.
"އެހެން ބުނީ އަހަރެންގެ ކިބައިން ސަލާމަތް ވާންވެގެންތަ؟ ނޫނީ އަހަރެން ދެރަކޮށްލަންތަ؟" ފަހަރަކު މީހަކަށް ބަލައިލުމަށްފަހު، ރީމާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ. ބަލި ގަބޫލުކުރާކަށް އަދިވެސް އޭނާ ބޭނުމެއް ނޫނެވެ.
"އަހަރެން އިނދެގެން އުޅުނަސް ނީނދެ އުޅުނަސް ރީމާއަށް ކޮންކަމެއްތަ؟ އެއީ އަހަރެންގެ އަމިއްލަ ކަމެއް." ނާޒިލް ރުންކުރު ޖަވާބެއް ދިނެވެ.
"މައްސަލައަކީ އަހަންނަށް ދޮގުހެދުމޭ. އަހަރެން ދެރަކޮށްލަންހޭ އެހެން ކަންތައް ކުރީ..." ރީމާ އެހެން ބުނެލި ނަމަވެސް، މިޝްޔާއާއި ނާޒިލްއާ ދެމެދު އޮންނަ ގުޅުން އެނގެން އޭނާ ބޭނުން ވިއެވެ. މިޝްޔާ އެހާ ގިނައިން ނާޒިލްއާ އެކު ފެންނަނީ ކީއްވެބާއޭ އޭނާގެ ހިތަށް އެރިއެވެ.
"ނާޒިލްގެ މޫނުމައްޗަށް އަރާ ފައިބަމުން ދިޔަ ކުލަވަރުތައް ބަަލަން ހުރުމަށްފަހު، މިޝްޔާ ވާހަކަ ދެއްކިއެވެ. ނާޒިލްގެ މޫނުމަތިން ފެނުނު އަސަރުތަކުން އޭނާއަށް އެއްޗެއް ނުބުނެ ނުހުރެވުނީއެވެ. ނާޒިލް ހުރީ ލަދުގަތްފައިކަން އޭނާއަށް އެނގުނެވެ.
"އަހަރެމެން އިންނަން ވީމަ އެނގޭނީ އަހަރެމެންނަށް. އެއީ ރީމާ އަކާ ބެހޭކަމެއް ނޫނޭ. އެކަމަކު ވެސް އަހަރެމެން ނީދެގެން ރީމާ ތިހާ ކަންބޮޑުވަންޏާ ބުނެފާނަން. އަހަރެމެން މިއުޅެނީ އިންނަންނޭ... ކިހިނެއް ހެދީމަ ގަބޫލުކުރާނީ؟ ކައިވެނީގެ ކާޑު ފޮނުވީމަތަ؟ ޑޯންޓް ވޮރީ. އެކަންވެސް ކޮށްފާނަމޭ ތިހާ ކިއުރިއަސްވަންޏާ! ކަމެއް ނެތިއްޔާ ދެން މިތަނުން ގޮސްލަންވީނު." މިޝްޔާގެ ވާހަކަތަކުން ހައިރާންކަން ލިބުނީ ހަމައެކަނި ރީމާއަކަށް ނޫނެވެ. ނާޒިލްއަށް ވެސް މެއެވެ. އޭނާއަށް މިޝްޔާއާ ދިމާލަށް ބަލަން ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އިތުރު ހަރަކާތެއް ގެންނަން ނޭނގިފައި ހުއްޓާ އިތުރަށް ސިހުން ލިބުނީ މިޝްޔާ އައިސް އޭނާގެ އަތުގައި އަތް އަޅުވައިލުމުންނެވެ. އެ މަންޒަރު ބަލަަން ހުރި ރީމާގެ ހިތުގައި ރިއްސައިލި ނަމަވެސް، އެއީ ހަޤީގަތްކަމުގައި ގަބޫލުކުރަން އޭނާ ދެކޮޅު ހެދިއެވެ. ނާޒިލް އަކީ އެެހެން މީހެއްގެ ހައްގެއްކަމުގައި ގަބޫލުކުރާކަށް އޭނާގެ ހިތް އެއްބަހެއް ނުވިއެވެ. މާޒީގައި އޭނާއަށް ހެދުނު ގޯހުގެ އިޙްސާސް އޭނާއަށް ކިތަންމެ ރަނގަޅަށް ވެސް ކުރެވިއްޖެއެވެ. ނާޒިލް ދޫކޮށްލުމުގެ ހިތިކަން އޭނާގެ އަރުގައި ލައިފިއެވެ.
އެ މަންޒަރު ބަލަން ހުރި ރީމާ އެތަނުން ނުކުންނަން ހިނގައިގަތެވެ. އޭނާގެ ދެލޮލަށް ކޮންމެވެސް ވަރަކަށް ކަރުނަތައް ޖަމާވިއެވެ. މާޒީގައި ކަންތައް ކުރެވުނު ގޮތާ މެދު އަމިއްލަ ނަފްސަށް އޭނާއަށް ޝަކުވާ ކުރެވުނެވެ. ރީމާ ނުކުތުމުން ވެސް މިޝްޔާއަށް ހުރެވުނީ ނާޒިލްގެ އަތުން ދޫކޮށްލަން ބޭނުންނުވެފައިފަދަ ގޮތަކަށެވެ. ނާޒިލް އޭނާއަށް ބަލައިލުމާއެކު، މިޝްޔާއަށް ވެސް ނާޒިލްގެ ދެލޮލަށް ބަލައިލެވުނެވެ. ހިނދުކޮޅަަކަށް ކަނޑެއްފަދަ އެ ފުން ދެލޮލުގެ ތެރެއަށް ގެއްލިފައި އޭނާއަށް ހުރެވުނެވެ. އެ ދެލޮލުގެ ތެރެއަށް ފީނައިގަންނަން މިޝްޔާ ބޭނުންވިއެވެ. އެ އަޅިކުލައިގެ ދެލޮލުން އޭނާއަށް ޖެއްސީ ކޮންފަދަ ޖާދުލެއްކަމެއް ނޭނގެއެވެ. ނާޒިލްއާ އެހާ ގާތުގައި ހުރުމުން އޭނާއަށް ހިމާޔަތްތެރިކަން އިޙްސާސްކުރެވުނެވެ. ކީއްވެކަމެއް ނޭނގެއެވެ. ހިތުގައި ބުނެދޭން ނޭނގޭ އުފާވެރިކަމެއް ވެސް ދައުރުވިއެވެ.
މިޝްޔާއެކޭ އެއްގޮތަށް ނާޒިލްއަށް ވެސް ކުރެވެމުން ދިޔައީ ތަފާތު އިޙްސާސްއެކެވެ. ރީމާގެ ކުރިމަތީގައި މިޝްޔާ ކަންތައް އެކުރީ އޭނާ ދުވަހަކުވެސް އުންމީދު ކުރި ގޮތަކަށް ނޫނެވެ. މިޝްޔާގެ އެ ސިފަ އޭނާއަށް ފެނުނީ އަލަށެވެ. މިޝްޔާގެ ދެލޮލުގެ ތެރެއަށް ގެއްލިފައި ނާޒިލްއަށް ހުރެވުނުއިރު، އޭނާ ދިޔައީ އެ ދެލޮލުން ޖަވާބެއް ހޯދަމުންނެވެ. މިޝްޔާ ގެ ހިތުގައި އޭނާއާމެދު އިޙްސާސްތައް ވޭ ބާއެވެ. ނޫނީ މިޝްޔާ އެގޮތަށް އަމަލު ކުރީ އޭނާއާ މެދު ހަމްދަރުދީ ވެގެން ހެއްޔެވެ؟ ނާޒިލް އޭނާގެ އަތުގައި ހިފައްޓާފައިވާ މިޝްޔާގެ އަތަށް ބަލައިލުމާއެކު، މިޝްޔާއަށް ހަމަ ބިމަށް އާދެވުނެވެ. އޭނާ އަވަސް އަވަހަށް އަތް ދޫކޮށްލަމުން ނާޒިލްއާ ދުރަށް ޖެހިލިއެވެ.
"ސޮރީ..." މިޝްޔާ ބުނެލިއެވެ. އޭނާ އިސްޖަހައިލިއެވެ. މިޝްޔާގެ މޫނުމަތިން ފެނުނު ލަދުވެތި އަސަރުތަކުން ނާޒިލްގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.
"ތޭންކްސް..." ނާޒިލް މިޝްޔާއަށް ޝުކުރު އަދާކުރިއެވެ.
"އިޓްސް އޯކޭ... ކީއްވެތަ އޭނަ އަބަދު އުނދަގޫ ކުރަނީ؟" މިޝްޔާއަށް އެ ސުވާލުކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ. ނާޒިލްގެ ގައިގައި ބައްދާލައިގެން ރީމާ ހުރި ގޮތް ހިތަށް ސިފަވާ ކޮންމެ ފަހަރަކު އޭނާއަށް ބުނެދޭން ނޭނގޭ އުދަނގުލެއް ވަނީއެވެ. މިޝްޔާ އެގޮތަށް އެ ސުވާލުކުރުމުންނާއި މިޝްޔާގެ އަޑުގައި ހުރި އަސަރުތަކުން ނާޒިލްއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ނާޒިލްގެ ހިމޭންކަމާއެކު، މީޝްޔާއަށް އޭނާއަށް ބުނެވުނު އެތި ރޭކާލިއެވެ.
"ސޮރީ..." މިޝްޔާ އަނެއްކާވެސް މާފަށް އެދުނެވެ.
"ނޫނޭ! މިޝްޔާ މާފަށް އެދޭކަށް ނުޖެހޭނެ. އެކަމަކު މިޝްޔާ އެނގެން ބޭނުންވެއްޖެއްޔާ ބުނެފާނަން. އަހަހަރެން ކިޔަވަން ދިޔުމުގެ ކުރިން އަހަރެމެން ދެމީހުން ލޯބީގެ ގޮތުން ގުޅުނިން. ފުދޭވަރަކަށް ގިނަ ދުވަހުވެސް އެކުގައި އުޅުނިން. އެކަމަކު އޭނަ އަހަންނަށް ބޭވަފާތެރިވީ... އަހަރެން އޭރު އޭނަ ދެކެ ވަރަށް ލޯބިވިން. މީ އޭރު ކަންތައް ވީ ގޮތް ކުރު ގޮތަކަށް. މިހާރު ނޭނގެ ކީއްވެގެންކަމެއް. އަހަރެން ދޫކޮށްލާފައި އޭނަ ފަހުން އެހެން މީހަކާ އިން. އެނގޭހާވެސް އެއްޗަކީ ވަރިވެއްޖެކަން މިހާރު." ނާޒިލް ބެލީ ވީހާވެސް ކުރު ގޮތަކަށް އެ ވާހަކަ މިޝްޔާއަށް ކިޔައިދެވޭތޯއެވެ.
"އޯހް..." މިޝްޔާއަށް ހަމައެކަނި ބުނެވުނީ އެހެންނެވެ. އޭނާއަށް ބުނާނެ އެއްޗެއް ނޭނގުނީއެވެ.
"އެކަންތައް އެއްވެސް މީހަކަށް ނޭނގޭނެ. މިޝްޔާގެ ދޮންބެއާވެސް އަހަރެން މި ވާހަަކަތައް ހިއްސާއެއް ނުކުރަން. ސަބަބެއް ނެތިއެއް ނޫން. އޭރު އެކަންތައް ވީ ގޮތުން، ޙަޔާތުގެ އެ ސަފްހާތައް މީހެއްގެ ކުރިމަތީގައި ހުޅުވުމަކީ ފަސޭހަކަމަކަށް ނުވާތީ..." ނާޒިލް ބުނެލިއެވެ.
"ދެން... މިހާރު..." އެހިސާބަށް ބުނެފައި މިޝްޔާ ވާހަކަ ހުއްޓައިލިއެވެ. ހިތަށް އެރި ސުވާލު ނާޒިލްއާ ކުރާނެ ގޮތެއް އޭނާއަކަށް ނޭނގުނެވެ.
"މިހާރު ކިހިނެއްވީ؟" މިޝްޔާ އަހަން އެ އުޅޭ ސުވާލެއް އޭނާއަށް އެނގޭފަދައެވެ. ނާޒިލް އެ ސުވާލު އެގޮތަށް ކުރީ ގަސްތުގައެވެ.
"އަޅައިނުލާ!" މިޝްޔާ ބުނެލިއެވެ. އޭނާ ދެފަރާތަށް ބޯ ހޫރައިލި ނަމަވެސް، ނާޒިލް ތަކުރާރުކޮށް އެ ސުވާލުކުރުމަށް އެދުނެވެ. ނާޒިލް ބުނީ އޭނާ ރުޅި ނާންނާނެ ކަމުގައެވެ.
"ދެން މިހާރު އޭނާ ދެކެ އެއްވެސް ވަރަކަށް ލޯތްބެއް ނުވޭތަ؟" މިޝްޔާ ސުވާލުކޮށްލިއެވެ. އޭނާގެ ހިތް ބާރަށް ތެޅިގަތީ ކީއްވެގެންކަމެއް ޚުދު އޭނާއަކަށް ވެސް ނޭނގެއެވެ. ނާޒިލްގެ ޖަވާބެއް އެނގެން އޭނާ އެހާ ކެތްމަދުވީ ވަގުތެއް މި ނޫނީ ނާދޭއެވެ. މިޝްޔާގެ އެ ސުވާލާއެކު ނާޒިލްގެ ހިތަށް އުފާވެރިކަމުގެ އިޙްސާސްއެއް ވެރިވީ މިޝްޔާގެ ހިތުގައިވެސް އޭނާއާ މެދު ކޮންމެވެސް ވަރެއްގެ އިޙްސާސްތަކެއް ވާހެން އޭނާއަށް ހީވާތީއެވެ.
"މިހާރަކު ނުވޭ... ބޭވަފާތެރިއެއް މަތިން ހަނދާންކޮށް އަބަދު ކަރުނަ ނޭޅޭނެއެއްނު. މިހެން ބުންޏަސް ވަރަށް ދުވަސްވަންދެން އަހަރެން އޭނަގެ ހަނދާނުގަ ދުވަސްތައް ވޭތުކުރިން." ދާދިފަހަކާ ޖެހެންދެން އެ ހިތާމަތައް ތަހައްމަލް ކުރި ނާޒިލް މިޝްޔާއަށް ބަލައިލީ ފުން ނަޒަރަކުންނެވެ. އޭނާގެ ހިތުގެ މަލަކާ އަކީ މިހާރު މިޝްޔާ ކަމުގައި އޭނާ ބުނާނީ ކިހިނަކުންހެއްޔެވެ؟
"ދެން އަހަރެންގެ ވާހަކަތައްތަ އަބަދު ދައްކާނީ..." ނާޒިލް އެހެން ބުނެލާފައި ސޯފާއާ ދިމާލަށް އިޝާރާތްކޮށްލުމުން މިޝްޔާއަށް ވެސް އިތުރު ސުވާލެއް ކުރާކަށް ނުކެރުނެވެ. އޭނާ ސޯފާތަކާ ދިމާލަށް ހިނގައިގަތުމުން ނާޒިލްވެސް ހިނިތުން ވެލުމަށްފަހު، އޭނާގެ ފަަހަތުން ހިނގައިގަތެވެ.
އެ ރޫމުން ނުކުމެގެން ދިޔަ ރީމާ އެތަނުގައ ހުރި ގޮނޑިބަރިއެއްގައި އިށީނދެލިއެވެ. އޭނާއަށް މާޒީގެ ހަނދާންތައް އަންނަން ފެށިއެވެ.
ނާޒިލްއާއި އޭނާއާއި ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅުނުއިރު، އޭނާގެ ކޮންމެ އެދުމެއް ނާޒިލް ދިޔައީ ފުއްދައިދެމުންނެވެ. ބޭނުންވާ ކޮންމެ ކަމެއް ކޮށްދެމުންނެވެ. އޭނާ ރުޅި އައިސްފާނެތީ ނާޒިލް އުޅުނީ ބިރުންނެވެ. ކިތަންމެ ބުރަކޮށް އުޅުނު ނަމަވެސް އޭނާއަށް ވަގުތު ދެއެވެ. ނާޒިލްގެ ލޯބިވެތި ފިރުމުންތަކާ، ދޭ ހަދިޔާތަކުން ނާޒިލް ދިޔައީ އޭނާގެ ހިތް ފުރައިދެމުން ނަމަވެސް، ރީމާއަށް އެކަން އޭރު އިޙްސާސްއެއް ނުކުރެވުނެވެ. އޭނާ ނާޒިލްއަށް ބޭވަފާތެރިވުމަށްފަހު، އެހެން މީހަކާ ލޯބީގެ ގޮތުން ގުޅުނީ ނާޒިލްއަށް ކުރާނެ އަސަރާ މެދު ވިސްނައިލުމެއް ނެތިއެވެ. އެކަންތައް ނާޒިލްއަށް އެނގުމުން އޭނާ ދޫކޮށް ނުދިޔުމަށް އެދި ނާޒިލް އޭނާގެ ގާތުގައި އާދޭސް ކުރިއެވެ. އެދުވަހު ރީމާ ނާޒިލްއަށް ދިނީ ބީރު ކަންފަތެކެކެވެ. ނާޒިލްގެ އެ އާދޭސްތައް އޭނާގެ ކުރިމަތީގައި އެއްވެސް އެއްޗަކަށް އޭރު ނުވިއެވެ. އޭނާ ލޯބީގެ ގޮތުން ގުޅުނު ޒުވާނާއާ އެކު އޭނާ ޖަވާޖީ ޙަޔާތެއް ފެށީ ފޮނި އުންމީދުގައެވެ. އޭނާގެ ފިރިމީގާ ޝާރިހް އޭނާގެ އަސްލު ސޫރަ ރީމާއަށް ދައްކައިލީ ކައިވެނީގެ ފަހުންނެވެ. އެންމެ ފުރަތަމަ ދެބަސްވުންތައް ފެށުނީ އަނގަބަހުންނެވެ. ޝާރިހް އޭނާއަށް ވަގުތު ނުދިނުމާއި ކޮފީތަކުން އަންހެން ކުދިންނާއެކު ފެންނަ ވާހަކަ ރައްޓެހިންގެ ފަރާތުން އިވޭތީ، ރީމާ އެކަމާ ސުވާލުކުރުމުން ޝާރިހް ބުނަނީ އެއީ އޭނާގެ އެކުވެރި އަންހެން ކުދިންކަމުގައެވެ. އަދި އެކަމާ ރީމާ ބެހޭކަމުގައި ވާނަމަ ކަންތައްތައް މާ ރަނގަޅު ނުވާނެ ކަމުގައެވެ. ޝާރިހްގެ ފަރާތުން ރީމާއަށް އެއްވެސް ސަމާލުކަމެއް ނުލިބެއެވެ. ފަހުން ފަހުން އައިސް ދެމަފިރިންގެ ދެމެދުގައި އޮންނަންޖެހޭ އެއްވެސް ގުޅުމެއް އެ ދެމެދުގައި ނޯވެއެވެ. އޯގާތެރިކަމާއި ރަހުމާއި ކުލުނުގެ އެއްވެސް މިންވަރެއްވެސް މެއެވެ.
ދެން ކުރަން ފެށީ ކުދި އަނިޔާއެވެ. ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުންވެސް ޝާރިހް ރީމާއަށް ދެމުން ދިޔައީ އަނިޔާއެވެ. އަތްއިސްކޮށް ކުދި ކުދި ކަންތައްތަކާ ޒުވާބުކޮށް އަނިޔާކުރަމުން ދިޔައެވެ. ރީމާ އެ އަނިޔާއަށް ކެތްކުރަމުން ދިޔައެވެ. އެހެންނަމަވެސް ޝާރިހްގެ އެ އަމަލުތަކުން އޭނާއަށް ނާޒިލް މަތިން ހަނދާންވަމުން ދިޔައެވެ. އެންމެ ފަހުން އޭނާގެ ކުރިމަތީގައި ފާޅުގައި އަންހެން ކުދިން ގެއަށް ވައްދަން ފެށީއެވެ. އޭނާގެ ކުރިމަތީގައި އުޅެން ނުޖެހޭ އެތައް ގޮތަކަށް ޝާރިހް އުޅުނެވެ. ޝާރިހް ގާތުގައި އެތަކެއް އާދޭހެއް ކުރުމަށްފަހު، އެތަކެއް ގޮތަކުން ކެތް ކުރުމަށްފަހު، އެންމެ ފަހުން ރީމާ ވަރިވާން ފޯމުލުމާއެކު ޝާރިހް ރީމާ ވަރިކުރީއެވެ.
އެ ހަނދާންތަކުން ރީމާގެ ދެލޯ ފެންކަޅިވިއެވެ. އޭނާ ދެލޯ ފުހެލުމަށްފަހު، ތުންފަތުގައި ދަތް އަޅައިލިއެވެ.
(ނުނިމޭ)