13 Dec 2022, 21:35
އަންނަ އަހަރު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ގިނަ ތައްޔާރީތަކެއް ވާން ފަށައިފިއެވެ.
އީސީއިން ވަމުންދާ ތައްޔާރީތަކާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން އެކޮމިޝަންގެ ރައީސް ފުއާދު ތައުފީގު "ސަން"އަށް ވިދާޅުވީ، ކޮންމެ އިންތިޚާބެއްގައި ވެސް ކޮމިޝަނަށް އެންމެ ބޮޑު އެހީތެރިކަމެއް ބޭނުންވަނީ ފުލުހުންގެ ފަރާތުން ކަމަށެވެ.
އެގޮތުން، ވޯޓުލާ މަރުކަޒުތަކުގެ ސެކިއުރިޓީ ބެލެހެއްޓުމާއި، އެހެން ގައުމުތަކުގައި ހުންނަ ވޯޓު ފޮށިތައް އުފުލުމާއި، އެއްތަނުން އަނެއް ތަނަށް ގެންދަން ޖެހޭ ފޮށިތަކުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ފުލުހުންގެ ދައުރު ފުއާދު ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ، އިންތިޚާބުގެ ސެކިއުރިޓީއާ ގުޅުންހުރި ކަންކަމާ ބެހޭގޮތުން ފުލުހުންނާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ. އަދި ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވޯޓު ލުމުގެ އިންތިޒާމް ހަމަޖެއްސުމުގެ ކަންކަމާ ގުޅޭގޮތުން ޓުއަރިޒަމް މިނިސްޓަރާ ވެސް އެކޮމިޝަނުން ބައްދަލުކޮށްފައިވާ ކަމަށް ފުއާދު ވިދާޅުވިއެވެ.
ވޯޓުލާ ހުރިހާ ތާކަށްވެސް އަޅުގަނޑުމެންގެ އޮފިޝަލުންނާއެކު ވަޑައިގަންނަވާނެ ޕޮލިހުންގެ ބޭފުޅުން. މީގެ އިތުރުންވެސް އިލެކްޝަންސް ކޮމިޝަންގެ ބެލުމުގެ ދަށުގައި ހުންނަ އިމާރާތްތަކާއި ތަންތަނުގެ ސެކިއުރިޓީގެ ކަންކަމާ ބެހޭގޮތުންވެސް މަޝްވަރާ ކޮށްފަ ވާނީ [ފުލުހުންނާ]. އިއްޔެ އަޅުގަނޑުމެން ޓުއަރިޒަމް މިނިސްޓަރާ އެކީގަ ބައްދަލުކޮށް ވާހަކަ ދެއްކިން 167 ރިސޯޓުތަކުގައި ވޯޓު ފޮށި ބެހެއްޓުމާ ގޫޅޭގޮތުން.އީސީގެ ރައީސް ފުއާދު ތައުފީގް
އެހެނިހެން އިންތިޚާބުތަކެކޭ އެއްފަދައިން ރިޔާސީ އިންތިޚާބުގެ ސެކިއުރިޓީގެ ކަންކަމާ ގުޅޭގޮތުން ފުލުހުންނާއި އީސީ އާ ދެމެދު ވަނީ އެމްއޯޔޫއެއްގައި ސޮއި ކުރުމަށް ހަމަޖެހިފައެވެ.
ފުއާދު ވިދާޅުވީ މިހާރު އެންމެ ހަލުވިކޮށް ކުރިއަށްދަނީ ވޯޓު ފޮށިތައް ބެހެއްޓުމުގެ އިންތިޒާމް ހަމަޖެއްސުމާ ގުޅޭ މަސައްކަތްތައް ކަމަށެވެ. އޭގެ އިތުރުން، ރީ ރެޖިސްޓްރޭޝަންގެ މަސައްކަތްތަކާއި އެކަމަށް ބޭނުންވާނެ ސޮފްޓްވެއާއެއް އެކުލަވާލުމުގެ މަސައްކަތް ވެސް އެކޮމިޝަނުން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި، އިންތިޚާބުގައި ބޭނުންކުރާނެ އަތްމަތީ ފޮތާއި މައުލޫމާތު ލީފްލެޓް ތައްޔާރުކުރުމުގެ މަސައްކަތްވެސް އީސީން އަންނަނީ ކުރަމުންނެވެ.
އެ ކޮމިޝަނުން މި މަސައްކަތްތައް ކުރަމުން އަންނައިރު، އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ވަގުތީ މުވައްޒަފުން ހޯދުމަށް އީސީއިން އިއްޔެ ވަނީ އިއުލާންކޮށްފައެވެ.
އަންނަ އަހަރަށް ލަފާކޮށް 42.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައިވާއިރު އޭގެތެރެއިން ރިޔާސީ އިންތިޚާބަށް ދޭން ހިމަނާފައިވަނީ 95 މިލިއަން ރުފިޔާއެވެ.