09 Apr 2012, 23:21
މެޗުގެ އެންމެ ފަހު ވަގުތުކޮޅާ ހަމައަށް ވެސް މަސައްކަތް ކުރާނީ ބާސެލޯނާ ބަލިކޮށް، ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުން ޖާގައެއް ހޯދުމުގެ މަގު ކޮށުމަށް ކަމަށް ޗެލްސީގެ ހުނަރުވެރި މިޑްފީލްޑަރު މައިކަލް އެސިއަން ބުނެފި އެވެ.
ޗެލްސީގެ އަމިއްލަ ދަނޑުގައި މިމަހުގެ 18 ވަނަ ދުވަހު ކުޅޭ ސެމީ ފައިނަލްގެ ފުރަތަމަ މެޗަށް ނިކުތުމުގެ ކުރިން ގާނާގެ ގައުމީ ޓީމަށްވެސް ކުޅެމުންއަންނަ މައިކަލް ބުނެފައި ވަނީ، ލީގުގެ ކުއާޓާ ފައިނަލުން ވެސް ޖާގަ ހޯދީ ހިތް ވަރު ކޮށްގެން ކަމަށާއި ހަމަ އެގޮތަށް ސެމީއިން ޖާގަ ލިބުނީ ވެސް މިންނަތާއެކު މަސައްކަތް ކުރުމުން ކަމަށެވެ. އެހެން ކަމުން ސެމީގެ ފުރަތަމަ މެޗުގައި ޗެމްޕިއަން ބާސާއާ ދެކޮޅަށް ނިކުންނާނީ ފައިނަލް މެޗެއްގެ ގޮތުގައި ދެކިގެން މޮޅުވުމަށް ކަމަށެވެ.
"އަހެރެން މިހިރީ ބާސާއާދެކޮޅަށް ކުޅެ ނަތީޖާއެއް ހޯދުމުގެ އަޒުމުގައި. އެހެން ކުޅުންތެރިންނެކޭ އެއްގޮތައް އަހަރެން ވެސް މަސައްކަތް ކުރާނީ ބާސާ ބަލިކުރުމަށް. އަހަރެންގެ އުންމީދާ އެއްގޮތަށް ޓީމުގެ އެހެން ކުޅުންތެރިންގެ އުންމީދަކީ ބާސާ ބަލިކުރުން. އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ސެމީގެ ފުރަތަމަ މެޗެ ކާމިޔާބު ކުރުމަކީ ޓީމުން ބޭނުން ވާގޮތް. އެކަން ކުރުމަށް ޓީމް އޮތީ ފުރިހަމައަށް ތައްޔާރަށް" އުމުރުން 29 އަހަރުގެ މިޑްފީލްޑަރު މައިކަލް ބުންޏެވެ.
ބާސާއާ ދެކޮޅަށް ޗެލްސީ ކުޅޭ ދެ ވަނަ ސެމީ ފައިނަލް މެޗް ކުޅޭނީ މިމަހުގެ 24 ވަނަ ދުވަހު ބާސާ ދަނޑު ގައެވެ.
ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ޗެލްސީ ޖާގަ ހޯދީ މިމަހުގެ ހަތަރު ވަނަ ދު ވަހުގެ ރޭ އަމިއްލަ ދަނޑުގައި ކުޅުނު ކުއާޓާފައިނަލްގެ ފަހު މެޗުގައި ބެންފިކާއާ ދެކޮޅަށް ކުޅެ 2-1 ލަނޑުން މޮޅުވެގެން ނެވެ.
ބައެއް މީޑިއާ ރިޕޯޓް ތަކުން ބުނަމުން ދަނީ، ބާސާއާ ދެކޮޅަށް ޗެލްސީ ކުޅޭ ސެމީ ފައިނަލްގެ ފުރަތަމަ މެޗް ވެގެން ދާނީ އެ ދެޓީމް 2008- 2009 ގެ މުބާރާތުގެ ސެމީގައި ބައްދަލުކުރި ހަދާންތައް އާވެގެންދާނެ މެޗެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން އެ ފަހަރުގެ ދެ ވަނަ ލެގުގެ ފަހު ސިކުންތު ކޮޅުގައި އަންދްރޭ އިނިއެސްޓާ ޖެހި ލަނޑާ އެކު ފައިނަލުން ފުރުސަތު ހޯދީ ބާސާ އެވެ. އެހެން ނަމަވެސް ބައެއް މީޑިއާ ރިޕޯޓްތަކުން ބުނަމުން ދަނީ، ފާއިތުވި އަހަރުތަކުގައި ނެރުނު ނަތީޖާއަށް ވުރެ މިފަހަރުގެ ނަތީޖާ ޗެލްސީން ރަނގަޅު ކުރާނެ ކަމަށެވެ.