13 Dec 2022, 17:52
ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ، އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީއާ އިންޓަވިއުއެއް ކުރުމަށް، އިންޑިއާގެ ނޫސްވެރިއަކު ސްޕެނިޝް ބަސް ދަސްކޮށްފިއެވެ.
އިންޑިއާގެ ކަންނޫރަށް އުފަން ޖުޝްނާ ޝާހީން ބުނީ، އޭނާ ސްޕެނިޝް ދަސްކުރަން ފެށީ 2013 ވަނަ އަހަރު ކަމަށެވެ. އަދި އޭނާ އެކަންކުރަން ފެށީ، 2010 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުގައި ޖަރުމަނު އަތުން އާޖެންޓީނާ ބަލިވެ މުބާރާތުން ކެޓުމާއި ގުޅިގެން، ލިބުނު ހިތްދަތި ކަމުގެ ސަބަބުން ކަމަށެވެ.
އަދި ބޭނުމަކަށްވީ މެސީއާ އިންޓަވިއު ކުރުން ކަމަށާއި، އެހެންނަމަވެސް މެސީއަށް އިނގިރޭސި ބަހުން ވާހަކަދައްކަން ނޭނގޭތީއާއެކު، މެސީ އެންމެ ފަރިތަ ބަހަކީ ސްޕެނިޝް ބަސް ކަމުން، އެ ބަސް ދަސްކުރަން ބޭނުންވީ ކަމަށް ޖުޝްނާ ބުންޏެވެ.
މިހާރު ގަތަރުގައި ކުރިއަށްދާ ވޯލްޑް ކަޕުގެ މެޗުތައް ބެލުމަށް އެގައުމަށް ގޮސްހުރެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި، ނޫސްވެރިއަކު ވަނީ މެސީ އިނގިރޭސި ބަސް ދަސްކުރުން މާ ބުއްދިވެރި ނޫންތޯ ޖަޝްނާ ކައިރީގައި އަހާފައެވެ. ޖަވާބުގައި ޖަޝްނާ ބުނީ މެސީއާ އިންޓަވިއު ކުރަން ބޭނުންވެގެން އުޅެނީ އޭނާ ކަމަށާއި، އެހެންކަމުން މެސީ އެ ބަހަކަށް ފަރިތަ ބަހެއް ދަސްކުރަން ޖެހޭނީ މެސީއާ އިންޓަވިއު ކުރާ މީހެއް ކަމަށެވެ.
ޖަޝްނާ ބުނީ އޭނާ އެންމެފުރަތަމަ ސްޕނިޝް ދަސްކުރަން ފެށީ ޔޫޓިއުބްގެ އެހީ ހޯދައިގެން ކަމަށާއި، އެހެންނަމަވެސް އެކަމުން މާބޮޑު ކުރިއެރުމެއް ނުލިބޭ ކަމަށެވެ. އެހެންކަމުން ސްޕެނިޝް ބަހުގެ ކޯހެއް ފެށީ ކަމަށާއި، އަދިވެސް ފުރިހަމައަށް އެ ބަހުގެ ހުރިހާ ހަމަތަކާއި އެއްގޮތަށް ސެޕެނިޝް ބަހުން ވާހަކަ ނުދެއްކޭ ކަމަށް ޖަޝްނާ ބުނެފައިވެއެވެ.
ޖަޝްނާގެ ސްޕެނިޝް ބަސް ދަސްކުރީ ހަމައެކަނި މެސީއާ އިންޓަވިއު ކުރުމުގެ ބޭނުމުގައި ނޫން ކަމަށާއި، ކެރިއަރުގައި ކުރިއަށް ދިއުމުގެ ބޭނުމުގައި ކަމަށެވެ. އަދި ކާމިޔާބު ކެރިއަރެއް ބިނާކުރަން ބޭނުންވަނީ މެސީއާ އިންޓަވިއު ކޮށްގެން ކަމަށް ޖަޝްނާ ބުނެފައިވެއެވެ.
ޖަޝްނާ ފުޓުބޯޅައަށް ލޯބިޖެހި މި ކުޅިވަރުގެ އެންމެހާ ޚަބަރުތައް ހޯދައި ނޫސްވެރިއަކަށް ވާން އަޒުމް ކަނޑައެލީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި މެސީގެ ކުޅުން ފެނިފައި ކަމަށް އޭނާ ބުންޏެވެ. އަދި މުޅި އާއިލާ އަކީވެސް ފުޓުބޯޅައަށް ވަރަށް ބޮޑަށް ލޯބިކުރާ ބައެއް އުޅޭ އާއިލާއެއް ކަމަށާއި، އޭނާގެ ބައްޕައަކީވެސް އެވޯޑުތައް ހޯދާފައިވާ މަޝްހޫރު ކުޅިވަރު ނޫސްވެރިއެއް ކަމަށް އޭނާ ބުނެފައިވެއެވެ.
ބޮޑު އުންމީދެއްގައި މި ދާއިރާއިން ކުރިއަށްދާން ޖަޝްނާ މަސައްކަތް ފެށިނަމަވެސް، މިއަދާއި ހަމައަށް އައިއިރު އަދި އޭނާއަށް މެސީއާ އިންޓަވިއު ކުރެވޭނެ އަލިމަގެއް ފެނިފައެއް ނުވެއެވެ. އެހެންނަމަވެސް އަދިވެސް އުންމީދު ކަނޑާ ނުލާކަމަށް ޖަޝްނާ ބުނެފައިވެއެވެ.