ބައިނަލްއަގްވާމީ އެކުވެރި ކަމުގެ މެޗެއްގައި މާދަމާ މެލޭޝިއާއާ ދެކޮޅަށް ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުން ކުޅޭ މެޗުގައި މުހިންމީ މެޗުގެ ފައިނަލް ރިޒަލްޓް ނޫން ކަމަށާއި، މުހިންމީ މެޗުގައި ކުޅުންތެރިންގެ ފަރާތުން ރީތި ކުޅުމެއް ފެނުންކަމަށް، ގައުމީ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއެރޯ ބުނެފިއެވެ.

މާދަމާ ކުޅޭ މި މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ކޯޗު މޮރިއެރޯ ވަނީ، މިއީ ރާއްޖޭގެ ފުޓުބޯޅަ ސީޒަން ބްރޭކް ދުވަސްވަރުކަން ފާހަގަކޮށްފައެވެ.

މީގެއިތުރުން މޮރިއެރޯ ވަނީ، ރާއްޖެއާ އަޅާބަލާއިރު މެލޭޝިއާގެ ފުޓުބޯޅައިގެ ފެންވަރު ވަރަށް ބޮޑުތަނުން ރަނގަޅުވެފައިވާކަމާއި، ރާއްޖެއަށްވުރެ މެލޭޝިއާ މިހާރު ވަރުގަދަކަން ފާހަގަކޮށްފައެވެ. އެހެންކަމުން މި މެޗުގައި ނަތީޖާއެއް ނެރުމަށްވުރެ ބޮޑަށް، ޓީމުން ރަނގަޅު ކުޅުމެއް ދައްކަން އިސްކަންދޭނެ ކަމަށް މޮރިއެރޯ ބުނެފައިވެއެވެ.

މޮރިއެރޯ މި މޭރުމުން ވާހަކަދެއްކިއިރު ފީފާގެ ދުނިޔޭގެ ރޭންކިންގައި ރާއްޖެއަށް 154 ވަނަ ލިބޭއިރު މެލޭޝިއާ އޮތީ ރޭންކިންގެ 146 ވަނައިގައެވެ.

މޮރިއެރޯ ވަނީ ރާއްޖެއިން ސެޕްޓެމްބަރު މަހުގެ ތެރޭގައި ބްރޫނާއިއާއި ލާއޯސްއާ ދެކޮލަށް ކުޅެ ރަނގަޅު ނަތީޖާތަކެއް ނެރުނުން ފާހަގަކޮށް، ކުރިއަށް އޮތް މެޗުގައި މެލޭޝިއާއާ ދެކޮޅަށް ކުޅެ އެވަރުގެ ނަތީޖާއެއް ނުނެރެވިދާނެކަން ފާހަގަކޮށްފައެވެ.

ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ، ރާއްޖޭގެ ގައުމީ ޓީމުން އެންމެފަހުން ވާދަވެރި މެޗެއް ކުޅެފައި ވަނީ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަމަށްވާއިރު، މި މަހުގެ ތެރޭގައިވެސް މެލޭޝިއާގެ ފުޓުބޯޅަ ޓިމުން މެޗެއް ކުޅެފައި ވުމެވެ. އެހެންކަމުން އެ ޓީމަށް މި މެޗަށް ތައްޔާރުވުމަށް އެކަށީގެންވާ ވަރުގެ ފުރުސަތެއް ލިބިފައިވާކަން މޮރިއެރޯ ފާހަގަކުރިއެވެ.

ރާއްޖެއިން މި މެޗުތަކަށް ތައްޔާރުވުމަށް ފަރިތަކުރުންތައް ކުރިއަށް ގެންދާތާވީ އެންމެ 20 ދުވަހެވެ. މިއީ ސީޒަން ބްރޭކް ދުވަސްވަރު ކަމުން، ވާދަވެރި މެޗުތަކެއް ކުޅުމުގެ ފުރުސަތު ދިވެހި ކުޅުންތެރިންނަށް ނުލިބޭކަންވެސް ފާހަގަކޮށްލެވެއެވެ.

މާލޭގައި ގައުމީ ޓީމުން މިފަހުން ބޭއްވި ފަރިތަކުރުންތަކެއްގެ ތެރެއިން --ފޮޓޯ/ގެޓީ އިމޭޖަސް

ރާއްޖެއިން ބައިނަލްއަގްވާމީ މެޗަކަށް ތައްޔާރުވަމުން އަންނައިރު، މާދަމާ މެލޭޝިއާއާ ދެކޮޅަށް ކުޅޭ މެޗަކީ ގައުމީ ޓީމާއެކު މޮރިއެރޯ އެއްބަސްވުން އައުކުރިފަހުން ކުޅޭ ފުރަތަމަ މެޗެވެ.

މޮރިއޭރޯ އިރުޝާދުގެ ދަށުން ގައުމީ ޓީމުން މިހާތަނަށް ވަނީ ނުވަ މެޗެއް ކުޅެފައެވެ. އޭގެތެރެއިން ހަތަރު މެޗުން މޮޅުވިއިރު، ތިން މެޗުން ވަނީ ބަލިވެފައެވެ. އަދި އަނެއް ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ރާއްޖެ މޮޅުވީ މި އަހަރު ބަންގްލަދޭޝާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗާއި އޭޝިއަން ކަޕް ކޮލިފައިންގައި ސްރީލަންކާ އަތުންނާއި ސެޕްޓެމްބަރު މަހު ކުޅުނު އެކުވެރިކަމުގެ ދެ މެޗުގައި ބްރުނާއީ ދާރުއްސަލާމާއި ލާއޯސް އަތުންނެވެ.

ރާއްޖެ ބަލިވީ މިދިޔަ އަހަރުގެ ފޯ ނޭޝަންސް ކަޕްގައި ބަންގްލަދޭޝް އަތުންނާއި މި އަހަރު އޭޝިއަން ކަޕް ކޮލިފައިންގައި ތައިލެންޑާއި އުޒްބެކިސްތާންއާ ދެކޮޅަށް ކުޅުނު މެޗުތަކުންނެވެ.

އެއްވަރުވީ މިިދިޔަ އަހަރު ނޮވެމްބަރު މަހު ފޯ ނޭޝަންސް ކަޕްގައި ސްރީލަންކާ އާއި ސީޝެލްސްއާ ދެކޮޅަށް ކުޅުނު މެޗުތަކުގައެވެ.

މެލޭޝިއާގެ ބުކިޓް ޖަލީލް ނޭޝަނަލް ސްޓޭޑިއަމުގަ މާދަމާ މެލޭޝިއާއާ ދެކޮޅަށް ކުޅޭ މެޗަށްފަހު މިމަހުގެ 17 ވަނަ ދުވަހު ރާއްޖޭގެ ގައުމީ ޓީމުން ސިންގަޕޫރާ ދެކޮޅަށް ސިންގަޕޫރުގެ ޖަލަން ބިސާރް ސްޓޭޑިއަމުގައި ކުޅޭނެއެވެ.