މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން ދިވެހި ނަރުހުން މާސްޓާސް ޑިގްރީ ލެވެލްއަށް ރާއްޖެއިން ބޭރުގައި ތަމްރީނުވެ ސްޕެޝަލައިޒްވުމަށް 15 ސްކޮލާޝިޕް މިއަދު ހުޅުވާލައިފިއެވެ.

މިކަމާ ގުޅިގެން ވާހަކަފުޅު ދައްކަވަމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވިދާޅުވީ މި ސްކޮލާޝިޕްތަކުގެ މަގުސަދަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދެވޭ ސިއްހީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުންކަމަށެވެ.

"ރާއްޖޭގައި ދެވޭ ސިއްހީ ޚިދުމަތުގެ ފެންވަރުގެ ރަނގަޅުކުރެވޭނީ، ރަނގަޅު ފެންވަރަކަށް މީހުން ތަމްރީނުކުރެވިގެން،" މިނިސްޓަރު ވިދާޅުވިއެވެ.

މި ސްކޮލާޝިޕްގެ ދަށުން ސާކްގެ ގައުމުތަކުގައާއި މެލޭޝިޔާ ނުވަތަ ފިލިޕީންސްގެ ކިޔަވައިދޭ މަރުކަޒެއްގައި ކިޔެވުމުގެ ފުރުސަތު ލިބޭނެއެވެ. ކޯހުގައި ކިޔެވުމަށް ޖާގަހޯދުމަށް ހަމަޖެހިފައިވަނީ ސްކޮލާޝިޕް ލިބޭ ނަރުހުންނެވެ. ޖާގަހޯދުމުގައި މޯލްޑިވްސް ނާސިން ކައުންސިލާއި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ގަބޫލުކުރާ މަރުކަޒެއްކަން ކަށަވަރުކުރަންވާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

ސްކޮލާޝިޕް ލިބުމުން އިޚްތިޔާރުކުރާ ކޯހުގެ ޝަރުތުތަކުގެ ތެރޭގައި، އިންގްލިޝް މީޑިއަމްއިން ކިޔަވައިދޭ، ފުލްޓައިމް ކޯހެއް ކަމުގައި ވާންވާނެއެވެ. އަދި ކޯހުގެ މުއްދަތުގައި މަރުކަޒަށް ހާޒިރުވެގެން ފުރިހަމަކުރަންޖެހޭ ކޯހަކަށް ވާންޖެހޭނެއެވެ. މީގެ އިތުރުން ކޯހުގައި ސްޕަވައިޒްޑް ޕްރެކްޓިކަލް ބައެއް ހިމެނި އެއީ ކިޔަވައިދޭ މަރުކަޒުން އިންތިޒާމްކޮށް ހަމަޖައްސައި ދޭނޭ ކޯހަކަށްވެސް ވާންވާނެއެވެ.

މި ސްކޮލާޝިޕްގައި ކިޔެވުމަށް ޖާގަ ހޯދުމަށް ހަ މަސްދުވަސް ލިބޭނެއެވެ. ސްކޮލާޝިޕް ގައި ކިޔެވުމުގެ ހުރިހާ ޚަރަދެއް ހަމަޖައްސާފައި ވަނީ ސަރުކާރުންނެވެ. އެގޮތުން ކޯސްފީގެ އިތުރުން މަރުކަޒު ހުންނަ ގައުމަކަށް ދެކޮޅު ޓިކެޓާއި، މަހުންމަހަށް ގައުމުތަކަށް ކަނޑައަޅާފައިވާ ރޭޓުން ސްޓައިޕެންޑާއި، ބުކް އެލަވަންސާއި، އެސްޓަބްލިޝްމަންޓް އެލަވަންސާއި، ޑިޕާޗާ އެލަވަންސާއި، އިންޝުއަރެންސް ޚަރަދުގެ އިތުރުން ވިސާ ޚަރަދު ހަމަޖައްސައިދޭނެއެވެ.

ސްކޮލާޝިޕް ކަނޑައަޅާފައިވަނީ ރާއްޖޭގެ އަށް ހޮސްޕިޓަލަކަށެވެ. މި ސްކޮލާޝިޕްތައް ފުރިހަމަކުރާ މީހުން އެ ހޮސްޕިޓަލްތަކުގައި ޚިދުމަތް ކުރުމަށް ބޮންޑް ކުރެވޭނެއެވެ.

ސްކޮލާޝިޕް ކަނޑައަޅާފައިވާ ހޮސްޕިޓަލްތަކަކީ:

  • އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް

  • ހުޅުމާލެ ހޮސްޕިޓަލް
  • އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް
  • ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
  • ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް
  • ލ. ގަން ރީޖަނަލް ހޮސްޕިޓަލް
  • ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
  • މ. މުލީ ރީޖަނަލް ހޮސްޕިޓަލް

މި ސްކޮލާޝިޕް ގައި 27 ދާއިރާއަކުން ސްޕްޝަލައިޒްވުމަށް ހުޅުވާލާފައިވެއެވެ. އެއީ:

  • މެޓާނަލް ޗައިލްޑް ހެލްތް

  • ނިއޯނޭޓަލް އިންޓެންސިވް ކެއާ
  • ޕެލިއޭޓިވް އޮންކޮލޮޖީ
  • ނިއޯނޭޓަލް
  • ތިއޭޓާ
  • ކޮލިޓީ އެޝޫރަންސް
  • އޯތޯޕީޑިކް
  • މެންޓަލް ހެލްތް
  • ޔޫރޮލޮޖީ އެންޑް ނެފްރޮލޮޖީ
  • އިންފެކްޝަން ކޮންޓްރޯލް
  • ކާޑިއޮލޮޖީ
  • މިޑްވައިފްރީ
  • ރީޕްރޮޑަކްޓިވް ހެލްތް
  • ޓްރޯމާ އެންޑް އިމާޖެންސީ ކެއާ
  • އެނެސްތީސިއާ
  • މެޓާނަލް އެންޑް ޗައިލްޑް ހެލްތް
  • އިމާޖެންސީ ކެއާ
  • ކްރިޓިކަލް ކެއަރ
  • ކާޑިއެކް ކެއާ
  • ތިއޭޓާ
  • މިޑްވައިފްރީ އެންޑް އޮބެސްޓެޓްރިކަލް
  • ޑަޔަލިސިސް
  • އޮންކޮލޮޖީ
  • އިންފެކްޝަން ކޮންޓްރޯލް
  • ޑަޔަލިސިސް
  • ސައިކެއާޓްރިކް
  • ނާސިން މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން

ސްކޮލާޝިޕް ތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެފަހު ވަގުތަކީ މި މަހުގެ 29ވަނަ ދުވަހުގެ 13.00އެވެ.