މާފަންނު ގެއެއްގެ ފާހާނާއަށް ވެއްޓިގެން ފުލުހުންގެ އެހީތެރިކަމާއެކު އައިޖީއެމްއެޗްއަށް ގެންދިޔަ މީހަކު ފަރުވާ ދެމުން ދަނިކޮށް ދެންމެ މަރުވެއްޖެއެވެ.

މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ މާފަންނު ގެއެއްގެ ފާހާނާއަށް ވަތް މީހެއްގެ ޚަބަރެއް ނުވެގެން މިއަދު ހެނދުނު 09:14 ހާއިރު ފުލުހަށް ރިޕޯޓުކޮށްފައި ވާކަމަށެވެ. އަދި ފުލުހުން ދިޔައިރު އޭނާ އޮތީ ފާހާނާ ތެރެއަށް ވެއްޓިފައި ކަމަށާއި ވަގުތުން އައިޖީއެމްއެޗްއަށް ގެންގޮސް ފަރުވާދިންކަމަށް ފުލުހުން ބުންޏެވެ.

ފާހާނާއަށް ވެއްޓިގެން އައިޖީއެމްއެޗުގައި ފަރުވާދިނީ އުމުރުން 50 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. ފަރުވާ ދެމުން ދަނިކޮށް މީގެ ކުޑައިރުކޮޅެއް ކުރިން އޭނާ މަރުވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އޭނާ މަރުވާން މެދުވެރިވި ސަބަބެއް ނުވަތަ ފާހާނާއަށް ވެއްޓުނު ސަބަބެއް ވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

"މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.