13 Dec 2022, 14:45
އިސްލާމިކް ޔުނިވާސިޓީއިން ލޯފަން ކުދިންނަށް ޚާއްސަކޮށް ޤުރްއާން ހިތުދަސް ކޮށްދިނުމުގެ ގޮތުން ކޯހެއް ފަށައިފިއެވެ. އެގޮތުން މި ކޯހުގައި ބައިވެރިވި ދަރިވަރުންނަށް ފަސޭހަ ކުރުމުގެ ގޮތުން ލެޕްޓޮޕްވެސް އައިޔޫއެމްއިން ވަނީ ހަދިޔާކޮށްފައެވެ. އެ ކޯހުގައި ޖުމްލަ 15 ދަރިވަރަކު ވަނީ ބައިވެރިވެފައެވެ.
ހިލޭ ކުރިއަށް ދާ މި ކޯހަކީ ފަސް ސެމިސްޓާ އަށް ބަހާލައިގެން ކުރިއަށް ދާ ކޯހެއް ކަމުގައި އައިޔޫއެމްއިން ބުނެއެވެ. އެގޮތުން އެ ޔުނިވާސިޓީގެ ވައިސް ޗަންސެލާ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ ވިދާޅުވީ އެ ކޯހުގެ ދަރިވަރުންނަށް ލެޕްޓޮޕް ހަވާލު ކުރީ، ގިނަ ދަރިވަރުންނަކީ ރާއްޖެ ތެރޭގެ ރަށްރަށުގައި ކިޔަވާ ދަރިވަރުންނަށް ވެފައި އެދަރިވަރުންނަށް މާލެއަށް އައިސް ކިޔެވުމަކީ ދަތިކަމަކަށް ވާނެތީ ކަމަށެވެ.
"ދަރިވަރުންނަށް އަޅުގަނޑުމެން ހަވާލުކުރި ލެޕްޓޮޕް ތަކަކީ އެކުދިން އެ ކޯސް ފުރިހަމަ ކޮށްފިނަމަ އެކުދިންގެ އަމިއްލަ އެއްޗަކަށް ވާނެ އެއްޗެހި. އަސްލު އޭގެ އެންމެ ބޮޑު މަގްސަދަކީ މި ކޯސް ހުރިހާ ބޭފުޅުންވެސް ފުރިހަމަ ކުރުން،" ޒަކަރިއްޔާ ވިދާޅުވިއެވެ.
ލޯފަން ކުދިންނަށް ޤުރްއާން ހިތުދަސް ކުރުމަށް ކުރިއަށް ގެންދެވޭ ކޯހުގައި ދަރިވަރުންނާ ހަވާލުކުރެވުނު ލެޕްޓޮޕްތަކަކީ އައިޔޫއެމްގެ އިތުރުން އެ ޔުނިވާސިޓީގައި ހުޅުވާފައިވާ ހެޔޮ އެދޭ އެކި ފަރާތްތަކުގެ އެހީދޭ ފަންޑުން ހަދިޔާ ކުރި ލެޕްޓޮޕް ތަކެކެވެ.
މި ކޯހުގެ އިތުރުން އެފަދަ ކުދިންނަށް ޚާއްސަކޮށް އިމާމު ކޯހެއް ވެސް އައިޔޫއެމް އިން ދަނީ ހިންގަމުންނެވެ. އެގޮތުން އެ ޔުނިވާސިޓީގައި އެފަދަ ދަރިވަރުންނަށް ޚާއްސަ ކްލާހެއްވެސް ހެޔޮ އެދޭ ފަރާތެއްގެ އެހީގެ ދަށުން ވަނީ ފަރުމާކޮށްފައެވެ.