"ހަޔާތުގެ އެންމެ ބޮޑު އިސްރާފަކީ ބޭކާރު ގޮތުގައި ދުނިޔަވީ ކަންތައްތަކުގައި ހޭދަކޮށްލާ ވަގުތުތަކެވެ."

***

މިނަލްގެ ހަޅޭކުގެ އަޑަށް އަދާރާގެ ފިޔަވަޅު ހުރިތަނަށް ގަނޑުވިއެވެ. ވަށައިގެން ހޯދާ ބަލައިލެވުނީ އޭނަގެ ލޯ ކުރިއަށްވުރެ ބޮޑުކޮށްލަމުންނެވެ. މިނަލް އެހާ ބިރުގަތީ ކޮންކަމެއް ފެނިގެން ހެއްޔެވެ؟ އެއްވެސް ކަމެއް ނުފެނުމުން ލަދު ގަހެއްހެން މޯޅިވެ ކުޑަވެގެންގޮސް ހުރިތަނަށް ގެނބެން ބޭނުންނުވިއެވެ. އެހެންނުވާންވީ ކީއްވެހެއްޔެވެ؟ އެންމެންގެ ތޫނު ނަޒަރު އޭނަގެ މޫނުގައި ހަރުލިގޮތަށް އެތިބީ ގާވެފައިވާ ބުދުތަކެއްހެން ވިއްޔާއެވެ. އޭނަ ފެނުމުން މިނަލް ހަޅޭއްލަވައިގަތީ ބިރުންހެއްޔެވެ؟ އޭރު ފަހަތުން އައި އާރިސްވެސް ހެމުން އައިސް ފްރިޖް ހުޅުވާލައިގެން ޗީޒް ގަނޑެއް ނަގައިގެން ކާންފެށިއެވެ.

"ހެލޮވީން މާސްކެއްތަ؟" މާކް ހެވިލާފައި ތަންކޮޅެއް ގާތަށް އައެވެ.

"ތިއީ........އަދާރާ؟" މިނަލް ގަބޫލުކުރަން ދަތިގޮތަކަށް ބަލަން ހުރެފައި މަންމަގެ މޫނަށްވެސް ނަޒަރު ހުއްޓާލައިފިއެވެ.

"ލައްބަ....މިއީ އަޅުގަނޑު....ހިތަށް އެރީ ދެން ފެމިލީއާއެކު އުޅޭއިރު ނިގާބު ނަގައިގެންނޭ އުޅޭނީ.." އަދާރާ ޖެހިލުންކުޑަގޮތަކަށް އެންމެންގެ މޫނަށް ބަލަމުން ގޮސް ހުސާމްގެ ލޮލާއި ލޯ ގުޅުނެވެ. ހުސާމްވެސް ހުރީ އާޝޯޚުވެފައެވެ. އެހެންނުވާންވީ ސަބަބެއްނެތެވެ. ކުރީގެ އަގްލީ ޑަކްލިން ސްވޭންއަކަށް ބަދަލުވިފަހުން ހުސާމްއަށް އޭނަގެ ސޫރަ އެފެނުނީ އަލަށެވެ. ކުރިން އޭނަ ހިކިކަމާއި ޟައީފުކަމުގެ އިތުރުން ތުންފަތާއި މޫނު ހިކި "އެގްޒިމާ"ގެ ސަބަބުން ރީތި ސިފަތައްވީ ފޮރުވިފައެވެ. މިހާރު އޭނަ އިސްކޮޅުން ދެމިލާ ވަނާތައް ފުރިހަމަވުމުން ހުސާމްވެސް އެހެރީ މޮޔަވާވަރުވެފައެވެ. ބުމަ އަރުވާލައިގެން ހުރި ހިނދުކޮޅަކަށްފަހު ލާނެތް ހިންޏެއް ތުންފަތަށް ވެރިވިއެވެ.

"މޫނަށް ކިހިނެއްވެފައި؟ އަނދާފައިތަ؟" މިނަލް ކައިރިވުމުން އެ މާކްގައި އިސްތަށި ފަޅާފައިކަން އެނގުނެވެ.

"އައި ގޫގުލްޑް އިޓް.. އެއީ އަސްލު ބާތް މާކެއް. މިހިރަ ގާލްގެވެސް މިވައްތަރުގެ މާކެއް އިސްތަށިތައްވެސް ފަޅާފައި މިހިރީ. އޭނަ ޕްރައުޑް ވެޔޯ ސާޖަރީ ހަދައިގެން ލަކުނު ފިލުވަންވެސް ބޭނުމެއްނޫނޯ. އެއީ މޮޑެލްއެއް. ވޯވް.." މާކް މިނަލްއާއި ހުސާމް އަދި އޭނަގެ މަންމައާއި ބައްޕަގެ އިތުރުން އައްޔާޝްއަށްވެސް މޮޑެލް އަންހެންކުއްޖެއްގެ ފޮޓޯ ދައްކާފައި އަދާރާއާއި ވައްތަރުވެގެން އުޅުނެވެ. އާރިސްގެ ގާތުގައި ހުރި ގޮނޑީގައި އަދާރާ އިށީދެ ފަރާޓާއަކާއި ކުކުޅުފަޔެއް ތަށްޓަށް ލިއެވެ.

"އަދާރާ ނިގާބު އެޅީ މި މާކް ފޮރުވަންތަ؟" ޝުވޭކާރު ސުވާލުކުރިއެވެ. އުފަން ލައް މޫނުމަތީގައި ހުއްޓަސް އަދާރާގެ ސިފަތައް ރީތިކަމުން ހިތްތައް ދަމައިގަންނާނެއެވެ. އާރިސް އެހާވަރުން ކައިވެނިކުރަން އުޅުނު ސަބަބަކީ މިއީތާއެވެ. އުފަން ލަފަކީ އޭނަ އިތުރަށް ޚާއްސަކުރުވާ އެއްޗެއްގެ ގޮތުގައި ޝުވޭކާރުވެސް ދެކުނެވެ. މައިމޫންވެސް އަދާރާގެ ހިތްވަރަށް ތައުރީފުކުރިއެވެ. އެއީ ފޮރުވައިގެން އުޅޭވަރަށްވުރެ ރީތި ސިފައެއްކަމަށާއި އެކަމާއި ދެރަވެ ހިތާމަނުކުރަން ވާހަކަދެއްކުމުން އަދާރާގެ ހިތަށް ބުނަން ނޭގޭފަދަ ހަމަޖެހުމެއް ލިބިއްޖެއެވެ.

"ލައްބަ..." އަދާރާ އެއްބަސްވިއެވެ."އެހެންވެ އަޅުގަނޑުވެސް ހިތަށް އެރީ ދެން ދުނިޔެއަށް ފޮރުވިގެން އުޅުމުގެ ބޭނުމެއްނެތޭ......."

"ވީއިރު ގިނަކުދިންގެ ނިގާބުގެ ސިއްރަކީ މިއީ...."ޝުވޭކާރު ހީގަތެވެ.

އައްޔާޝް ހިމޭނުން އިނދެކަމުން ދިޔައިރު އަދާރާގެ އެ އަމަލު ހިތާހިތުން ކުށްވެރިކުރިއެވެ. މިފަދަ އަންހެންކުދިންގެ ސަބަބުން ތެދުވެރި ނިޔަތުގައި ﷲ ތައާލާއަށް ކިޔަމަންތެރިވެ ތަގުވާވެރިވެގެން ނިގާބު އަޅާކުދިންނަށް މީހުންގެ މަލާމާތް ރައްދުވެއެވެ. ނަމަވެސް މީހުންގެ މަލާމާތުން އެކުދިންގެ ހަށިގަނޑުން އެންމެ އެއްޗެއްވެސް އުނިވެގެނެއް ނުދާނެއެވެ. އަދާރާފަދަ ކިތަންމެ އަދާރާއިންނެއް އަދިވެސް އުޅޭނެއެވެ. ނަމަވެސް ﷲގެ ލޯބިފުޅު ހޯދަން ފޮރުވޭނީ ރަންމުތްތަކެވެ. އައްޔާޝް ބޭނުންވަނީ ފޮރުވިގެންވާ ރަން މުތެކެވެ.

"ޔޫ ޝުޑް ގޯ ޓު ހޮލީވުޑް...މިކަހަލަ ޔުނީކް ފީޗާރ އެއް ހުރީމަ އޮފާސްތައް ލިބޭލެއް ގިނަވާނެ......"މާކް ޑްރޭމެޓިކް ގޮތަކަށް އެ ހިމަ އަޑުން ކިޔާލައިފިއެވެ. އުމުރުން ތޭރަ އަހަރުވެ އިސްކޮޅެއް ދެއްވާފައިވިޔަސް އަދިވެސް މާކްގެ ކޮންމެ ސިފައެއް ރަމްޒުކޮށްދެނީ އޭނަގެ ޅަކަމެވެ.

"ކޮންމެ އިންސާނަކީވެސް ޔުނީކް މީހެއް. ..އެހެނޭ ކިޔާފައި ގަދަރުވެރި އަންހެންކުދިން ހޮލީވުޑްގެ ވިޔާނުދާ މާހައުލަކުން ޖާގައެއް ނުހޯދާނެ. ގަދަރުވެރި ރަގަޅު ވަޒީފާއެއްގައި އުޅެން ކާބަފައިން ދަސްކޮށްދީފައިވާއިރު ގެއަށް އަންނަ ޅީދަރިންނާއި ދަނބިދަރިންވެސް އެ އުސޫލަށް ހުރުމަތްތެރިކޮށް ހިތާނެ. އަދާރާއަކީވެސް މިގޭ ޅީދަރިއެއް. މިގޭގެ ފަޚުރު. ގަދަރުވެރިކަން މަތީގައި ގޭގައި އިންނާނީ...ހައުސްވައިފެއްގެ މަގާމު ފުރައިލަދޭން..."ޝުވޭކާރު އަދާރާގެ މޫނަށް ނަަޒަރު ހުއްޓައިލިއެވެ. އާރިސް އެހާ ވަރުވީ ކީއްވެކަން މިއަދު އޭނައަށް އެނގިއްޖެއެވެ. އަދާރާއަކީ ރީތި އަންހެންކުއްޖެކެވެ. ވަރަށް ރީއްޗެވެ. މޫނުގައިވާ ލަފުގެ ސަބަބުން ތަފާތުވުމަކީ އަދި ވަކިން ޚާއްސަ ސިފައެކެވެ.

"މަންމަ ރިމައިންޑް ކޮށްދިނީމަ އިންސާނާ ހައްދަވާފައިވާލެއް ފުރިހަމަކަމާއިމެދު އަނެއްކާ ވިސްނަން މަޖުބޫރުވެއްޖެ..އެމީހާގެ ފިންގާޕްރިންޓް އާއި އެކަންޏެއްނޫން އެހެން މީހުންނާއި ތަފާތުވަނީ. ސިކުނޑި، ލޯ، ކަންފަތް، ތުންފަތުގައި ހުންނަ ޕެޓަން އާއި ހިނގާގޮތުން ފެށިގެން އަޑުވެސް އެކަކު އަނެކަކަށް ތަފާތު. އަދި އެ ނިމުނީއެއް ނޫން.......ޓޯ ޕްރިންޓް އާއި ރެޓިނަލް ކެޕިލަރީ ޕެޓާންސްވެސް އޭގެ ތެރޭގައި ހިމެނޭ. އަދި އެންމެ މުހިއްމު އެއްޗަކީ ދެޓް މޭކްސް ޔޫ "ޔޫ" އަދި ގިވްސް ޔޫ އޯލް ދީސް ޔުނީކް ތިންގްސް އިން ޔޯ ބޮޑީ.. ޔޯ ޑީއެންއޭ. ﷲގެ ކުޅަދުންވަންތަކަމުގެ ހެކިތައް ވިސްނާ ބަޔަކަށް އިބުރަތެއް ލިބޭނެ..."އައްޔާޝްގެ ހިތުގައި ކުރިއަށްވުރެ ބޮޑަށް ﷲގެ ލޯބި އުފެދި ވިސްނެންފެށީ ކުޅަދުންވަންތަ ކަމާމެދުގައެވެ.

"އޮފްކޯޒް ދަރިފުޅު ތިގޮތަށް ވިސްނާނަމަ މަގު ގެއްލިގެން ނުދާނެ. އެކަމަކު ދީނަށް ލޯބިކުރިޔަސް މެދުމިންގަނޑެއްގައި ހިފަހައްޓާތި ނޫނީ އާއިލީ ގުޅުންވެސް ނެތިގެން ހިނގައިދާނެ. މުޖުތަމައު ފަސާދަވެ އެއްބައިވަންތަކަން ނެތިގެން ދިޔުމުގެ އަސްލަކީވެސް އެއީ...."މައިމޫންގެ ވާހަކަތަކާއި ހިތް ދެކޮޅުވިޔަސް އައްުޔާޝް ހިނިތުންވުމަކުން ފުއްދައިލިއެވެ.

"މިނަލް ސްކްރީމްކުރީ ހެލޮވީން މާސްކެއް އަޅައިގެން ހުރި މީހެއްކަމަށްތަ؟" ކުއްލިއަކަށް އަދާރާ ހީލާފައި ސުވާލުކުރިއެވެ. މިނަލް ކަންބޮޑުވެފައިި އަދާރާގެ ކަންފަތްބުޑުގައި ސިއްރުން އެއްޗެއް ބުނެލުމުން އަދާރާ ހިމޭންވިއެވެ. މިނަލް ބުނީ އިހަށް އެވާހަކަ ނުދެއްކުމަށެވެ.

ކައި ނިމިގެން އެންމެންހެންގޮސް ކާކޮޓަރި ހުސްވުމުން މިނަލްއަށް ހުސްވަގުތެއް ލިބުނެވެ.

"އާރިސްގެ ބަލި އެނގޭތަ؟"

"ޑިޕްރެޝަން؟"

"ނޫން އަދާ....އެއީ ސްކިޒޮފްރީނިއާ. އެހެންވެ އެކަނި ހުރެ ވާހަކަދެއްކުމާއި އޮޑިޓްރީ ހެލުސިނޭޝަންތަކާއި އެއްޗެހިވެސް ވޭ......."

"ވާޓް......." އަދާރާ ސިހިފައި ހަޅޭއްލަވައިގަތެވެ. "ނުވާނެ ތިހެނެއް؟ މިނަލް ތިބުނަނީ އާރިސްއަކީ މޮޔައެކޭތަ؟ މޮޔަ އާރިސްއޭ ކިޔަން ފަށާފާނެއްނު........"

އާރިސް ނަފްސާނީ ކަމެއްކަމަށް ގަބޫލުކުރެވުނަސް ސްކިޒޮފްރީނިއާއަށް ވެދާނެކަމަށް އޭނަ ހިޔެއްނުކުރެއެވެ. އެއީ އެންމެ ބޮޑަށް ބުއްދިގޯސްވެ ގުރައިދޫއަށް ގެންދާން ޖެހޭ ބަލިނޫންހެއްޔެވެ؟ އަދާރާ މޭގައި އަތް އަޅާ ބާރުކޮށްލިއިރު މިނަލް ސުޕާރީ ޕެކެޓެއް ކަނޑައިލަނީއެވެ. އެއްބައި އަނގަޔަށް އަޅައިލަމުން އަދާރާގެ ހުޅުވިފައިވާ އަނގައިގެ ތެރެއަށް އެއްބައި އަޅައިލިއެވެ.

"ހާސްނުވޭ އަދާ.ސްކިޒްފްރީނިއާގައި އެކި މީހުންނަށް އެކިވަރުވަނީ. ތިއްތިވެސް ޑިފެރެންޓްއީ. މޮޔައެއްނޫން. ވަރަށް އިންޓެލިޖެންޓް. ސަޅި ސޮފްޓްވެއާސް އުފައްދަމުން ދަނިކޮށް އެކަމެއް ދިމާވީ... އަދާއަށް ސިއްރުކޮށްގެން އުޅުމުގެ މާނައެއް ނެތްހެން ހީވާތީ މިވާހަކަ ބުނެލީ. ޕްލީޒް ޓޭކް ގުޑް ކެއާ އޮފް ހިމް. އަދާފަދަ ރަގަޅު ވައިފްއެއްލިބުނުކަމީ ތިއްތިގެ ނަސީބުކަން ނޭގޭ. އެފަދަ މެންޓަލް މައްސަލައެއް ހުރުމުން ލޯތްބާއި އަޅައިލުން އެހެން އިންސާނުންނަށްވުރެ ބޮޑަށް ބޭނުންވާނެ. އައި ތިންކް......އަދާއަށް އެކަން ވާނެ."މިނަލްގެ މައުސޫމް ހިނިތުންވުމަށް ބަލަން އިންއިރު އަދާރާގެ ލޮލަށް ފެންނާންފެށީ ހުސާމްގެ އުނގުގައި ބޯ އަޅައިގެން އެކުއްޖާ އޮތް މަންޒަރެވެ. އަނދިރި ކޮޓަރިއެއްގައި ތިމާގެ ބޭބެގެ އުނގުގައި އެހެންއޮތަސް އިތުރު ގޯހެއް ނުހިގާނެހެއްޔެވެ؟ އަމިއްލަ ނަފުސް ކުށްވެރިކުރެވުނީ މިނަލްގެ މައުސޫމް ރީތި މޫނަށް ބަލަން އިނދެވުމުންނެވެ. ފަހަރެއްގައި އެރޭގެ ތޫފާނީކަމުން މިނަލް ބިރުން އެކޮޓަރިއަށް ދިޔުމުން ހުސާމް އޭނަ ނިންދަވަން ބެޑްޓައިމް ސްޓޯރީއެއް ކިޔާދިނީ ނޫންކަމެއްވެސް ނޭގެއެވެ.

އަދާރާ ކުރިއަށްވުރެ ބޮޑަށް އާރިސްދެކެ ބިރުގެންފިއެވެ. އޭނަގެ ފިރިމީހާއަކީ ބުއްދި ހަމަނުޖެހޭ މޮޔަ އިންސާނެކެވެ. މޮޔައަކާއި އެކު އުޅުމެކޭ ސިންގާ ކޮށްޓަކަށް އެރި އޮތުމެކޭ ތަފާތެއްނެތެވެ. ސިންގާގެ ބުއްދިވެސް އާރިސްގެ ހުރެދާނެކަމަކަށް އޭނަ ގަބޫލެއްނުކުރެއެވެ.

"އަދާ ކާކޮޓަރިއަށް ވަންނަން އައި ވަގުތު ހަޅޭއްލަވައިގަނެވުނީ ތިއްތި ފަހަތުން އަންނަމުން އަތް މަޅައިލީ.....އަދާގެ ބޮލުގައި އެތިފަހަރެއް ޖަހައިފާނެހެން ހީވި ވަގުތަކަށްފަހު އަތް ތިރިކޮށްލީ......ސަމާސާއެއްކޮށްލީކަން ނޭގޭ. މީހަކު ހިންޏަކަށް އަނިޔާކުރިޔަސް ތިއްތި ދެރަވާނެ އެހެންވީމަ ހިތް ސްނޯފްލޭކްސް ހާ މަޑުވާނެ......."މިނަލްގެ ވާހަކައިން އަދާރާގެ ހިތް ބިރުގަތެވެ. ސަމާސާ ނިމޭއިރު ފެންނާނީ އޭނަގެ ފުރާނަނެތް ހަށިގަނޑުކަން ނޭގެއެވެ. އޭނަގެ މަންމަ ފައިސާއާއި ގަދަރާއި މުދަލުގެ ބޭނުމުގައި ދަރިފުޅު ގުރުބާންކޮށްލީއެވެ. ނިކަމެތި އަންހެންކުއްޖަކު ޅީދަރިއަކަށް ހަދަން ޝުވޭކާރު ފަސްނުޖެހުނު ސަބަބު އަދާރާއަށް ހާމަވެއްޖެއެވެ.

***

"އަޔާ މަންމަ މިބުނަނީނު އެ ޕިކް ރިމޫވްކުރާށޭ. މީހުން ގުޅާފައި އެބަ ފާޑުކިޔާ...." ޝުވޭކާރު ހަށަން ބަދެލައިގެން ހުރިއިރު މޫނުމަތިން ނުރުހުމުގެ ކުލަވަރު ފެނުނެވެ. އައްޔާޝް ފެންޑާގައި ހުރި ސޯފާއެއްގައި އިށީދެލައިގެން އިންއިރު އަތުގައި އޮތީ ގުރުއާނުގެ ތަރުޖަމާއެކެވެ.

"މަންމާ އެއީ ތައުހީދުގެ ނިޝާން..ކޮބާ މައްސަލައަކީ؟"

"ސަބަބަކީ ތިއީ ވެރިއެއްގެ ދަރިއަކަށް ވާކަން. ވަކި އަޚުލާގީ މިންގަނޑެއް ހުންނަން ޖެހޭ. ނިރުބަވެރިންގެ ނިޝާނެއް ނަކަލުކޮށްގެން ދަރިފުޅު ފޮޓޯ ނަގާފައި ޕަބްލިކަށް ފެންނަހެން ލީ. މީހުން މަލާމާތްކުރަނީ މަންމަމެންނަށޭ.."ޝުވޭކާރު ފުން ނޭވާއެއްދޫކޮށްލިއެވެ.

"އެމީހުން ޝަހާދަތް ކިޔާތީ ޝަހާދަތް ނުކިޔާ ނަމާދުވެސް ނުކުރަންވީ. ގުރުއާންވެސް ނުކިޔަންވީ......"އައްޔާޝް ހިނިތުންވެލާފައި މަންމައަށް ވިސްނައިދޭން އުޅުނަސް ސިކުނޑިއަށް އެކަށީގެންވާ ލަފުޒުތަކެއްނައެވެ.""މަންމަ ހުސާމް ކައިރީ އޭނަ ލައިގެން އެހެރަ ވިޔާނުދާ ތަސްވީރު ނަގަން ނުބުނަނީ ކީއްވެ؟"

"މަންމަ އަޔާއަށް ވިސްނައިދޭނީ ކިހިނެއް؟ ދަރިފުޅު ކުއްލިއަކަށް ބަދަލު މިވީ އެކަހަލަ ގްރޫޕަކާއި ޖެހިގެންތަ؟"

ބަންގީގެ އަޑު ކަންފަތުގައި ޖެހުމާއެކު އައްޔާޝް ތެދުވުނެވެ."މަންމާ. ނަމާދުކޮށްގެން އަންނާނަން...."

ޝުވޭކާރު ހައިރާންވެ އަނގަ ހަދައިގެން ބަލަންހުރިއިރު ބިރުވެރިކަން ހިތުތެރޭ ހިނގައިގަތީ އިންތިހާއަށެވެ. އޭނަގެ ދަރިފުޅުވެސް ގެއްލެން އުޅެނީހެއްޔެވެ؟ ސީރިޔާތަންތަނަށް ގޮސްގެން އެތައް ބަޔަކު ދުނިޔެއާއި ވަކިވެގެންގޮސްފައިވާކަން އޭނައަށްވެސް އެނގެއެވެ. އެތައް މައިންނެއްގެ ލޮލުން ކަރުނަ އޮހޮރުވާފައެވެ.

***

މިނަލް ކުއްލިއަކަށް މިއުޒިކަށް ޖެހުނު ޝައުގެއްގެ ބޮޑުކަމުން ހުސާމްގެ ގާތުން ފިލާވަޅުތައް ނަގަން މިއުޒިކް ކޮޓަރީގައި ގިނަވަގުތުތައް ހޭދަކުރަން ފެށިއެވެ. ބައެއްފަހަރު ޝުވޭކާރުވެސް އެތަނަށް ގޮސް ދަރިފުޅުމެންގެ ސަކަރާތުގައި ބައިވެރިވެއެވެ. މާކްގެ ކަމަކީ ޕަބްޖީ ކުޅުމާއި ގޭމް ކުޅުމެވެ. އެކަމަށް ދެވިހިފިލެއް ބޮޑުކަމުން ކާންވިޔަސް އޭނައަށްވަނީ ބޮޑުކަމަކަށެވެ. ޝުވޭކާރު އަވަދިނެތި އުޅޭތީ ދަރިންނަށް ވަގުތުދެވޭލެއް ކުޑައެވެ. ކުދިން ބަސްއަހައިގެން ގޭގައި ތިބޭތީ ހިތްހަމަޖެހިގެން ހުންނައިރު ކުދިންގެ އަމަލުތައް ދަނީ ހައްދުން ނައްޓަމުންނެވެ. ބައްޕައާއި މަންމަ ސިޔާސީ ކަންތައްތަކުގައި އަވަދިނެތި އުޅުމުން ދަރިންނަށް ހައްގު މިންވަރަށްވުރެ ބޮޑަށް މިނިވަންކަން ދެވިއްޖެއެވެ. އައްޔާޝް އާއިލާއަށް ވިސްނައިދޭން މަސައްކަތްކުރީ އެހެން ގޮތަކަށެވެ. ވައިބާ ގްރޫޕަށް ދީނީ މެސެޖްތައް ފޮނުވަންފެށީ ހިދާޔަތް ލިބޭނެކަމުގެ އުއްމީދުގައެވެ. މިއުޒިކް ހަރާމްކަން އެނގޭފަދަ ޕޯސްޓެއްވިއްޔާ ހުސާމް ކޮންމެވެސް ޖޯކެއް ޖަހައިލާނެއެވެ. އައްޔާޝް ކެތްތެރިވިއެވެ. މަގު ގެއްލިފައިވާއިރު ޖަހާލާތުގެ އަނދިރިކަމުން އަލި ކަމަށް ނިކުންނަން އުދަގޫވާނެކަމާއި ވަގުތު ބޭނުންވާކަން އޭނައަށް ވިސްނެނީއެވެ.

***

އަދާރާއާއި ދާނިޔާ އައިސްކްރީމް ގަނެގެންގޮސް އެންމެ މަތީބައިގެ ކަނުގައި ހުރި އެކަހެރި މޭޒެއްގެ ދޮށުގައި ޖައްސައިލިއެވެ. އަދާރާ ދިން ދެ ޚަބަރުން ދާނިޔާވެސް ކަންބޮޑުވިއެވެ. އެއް ޚަބަރަކީ އާރިސް ސްކިޒޮފްރީނިއާކަން އެނގުމެވެ. ދެވަނަ ޚަބަރަކީ ހުސާމްއާއި މިނަލްގެ އޮތް އަޖައިބެއްފަދަ ގުޅުމެވެ. ބޭބެއަކާއި ކޮއްކޮގެ އެފަދަ ގުޅުމެއް އޮތުމުން ޝައްކާއި ވަހުމުން އަދާރާގެ ހިތް ފުރުނެވެ.

"ޗެރީވުޑް ޕެލެސްގެ ސިއްރުތައް ހަމަ ބަކިންހަމްޕެލެސްއަކަށް ދޫނުކުރޭ ދޯ. އިންޓެރެސްޓިން އެކަމަކު ހިތްދަތިވަނީ އަދާއަށް ކުރިމަތިވި އިމްތިހާނުގެ ސަބަބުން...."

"އަހަރެންވެސް މޮޔަވެދާނެއްނު. ގޭގެ އަހުލުވެރިން އެހާ މިސްޓީރިޔަސް. ދޮރު އަޑާއަށް ހުޅުވައިގެން ތިއްބަސް ބޮކިތައް ނިވާލައިގެން ތޫފާނެއްގެ ތެރޭގައި އެގޮތަށް ތިބުމުން ކިހާ އެހެން ކަހަލަ ގޮތެއް. މީހުންގެ މޫނަށްވެސް ބެލުމެއްނެތް. އެޓްލީސްޓް ނުފެންނަ ހިސާބުގައި ތިބިނަމަ..އެންމެ ރަގަޅު. ހުސާމް ބުނާނެކަން ނޭގޭ މާބޮޑުކަމެއްނުހިގައޭ...ކޮއްކޮއަކަށްވީމަ ހިމާޔަތް ދިނީއޭ. އެކަމަކު އެނގޭތަ؟ މިނަލް ހުސާމްއާއި ދިމާލަށް ލޯބިވެއޭ ބުނި ރާގުން ބޭބެއަކާއި ދިމާލަށް ކޮއްކޮ އެފަދަ ވަގުތެއްގައި ބުނުން އެކަށީގެންވެއޭ ނުބުނެވޭނެ...އެފަދަ ގެއެއްގައި އެތައް ނުބައި ސިއްރު ގުޅުންތަކެއް ނެތްކަން އެނގެނީވެސް ކިހިނެއްތަ؟ ހުސާމް އަންހެންކުދިން ގެންގުޅެނީ އޭނަގެ ޓޯއިސްތައް ފަދައިންހެން ހީވޭ. އެރީތިކަން ވީ ވިހައަަށް. އެހުރިހާކަމަކަށްވުރެ ބިރުވެރީ އަމިއްލަ ކޮއްކޮދެކެ ލޯބިވާތީ...." އަދާރާ ކުޑަކޮށް ބޯ ހޫރައިލީ އެ ޚިޔާލުން އުދަގޫވިފަދަ ގޮތަކަށެވެ."މިނަލްގެ ޕޭރެންޓުން ކޮއްކޮމެން ހުސާމްއާއި ހަވާލުކުރާނީ ކިހާ ބޮޑަށް އިތުބާރުކުރާތީ.."

"ހުސާމްއަކީ މިނަލްގެ ހަގީގީ ބޭބެއެއް ނޫނެއްނު...." ދާނިޔާ ހަނދާންކޮށްލަދިނެވެ.

"ލޭގެ ގޮތުން ގުޅުމެއްނެތަސް ފެށުނީއްސުރެ ދަރިއަކަށް ހެދި މައިންބަފައިންނަށް ހިތުގައި ކިރިޔާ ގަދަރެއް އޮތްނަމަވެސް އެދެމަފިރިންގެ ހުރި ހަމައެކަނި އަންހެންދަރިފުޅު މަގުފުރައްދާ އޭނަގެ ޖާދޫގައި ނުޖެއްސީސް. އަންހެންކުދިން މި ދުނިޔޭގައި މަދުވީއެއްނޫން. މިނަލްގެ އުމުރު އެހާ ޅަ. އެންމެ ފަނަރަ އަހަރު...އެނގޭތަ؟ މިނަލް އޮތީ ބަނޑުފެންނަވަރުގެ ކުރު ޓީޝާޓްކޮޅަކާއި ސޯޓެއްލައިގެން..އެރޭގެ ބާކީ އޮތް ބައިގާ ދެން ހިނގިކަމެއް އެނގެނީއެއް ނޫން......."

"ޝައްކުކުރާކަށް ނުވާނެ އަދާ. ނުފެންނަ ކަމެއްގެ ވާހަކަ ނުދައްކަމާ. މީހުން ނެތްތަންތާ އެމީހުންގެ ވާހަކަ ދެއްކުމަކީވެސް ފާފައެެއް އެހެންވެ މިހާރު ވަރަށް ބިރުގަނޭ. ތަފްސީރު ކިޔަންފެށި ފަހުން ޚާއްސަކޮށް ކަންތައް އެނގި ފާފަތަކުން ދުރުވާން ހިތް ބޭނުންވޭ.. އަދި އެނގޭތަ؟ހުސާމްއަކީ މިއުޒިކް ކުޅޭމީހެއް...މިއުޒިކް ކަނެކްޓްސް ޔޫ ޓު ޝައިތާން. ގުރުއާން ކަނެކްޓްސް ޔޫ ޓު ﷲ. އެހެންވީމަ ވެގެން އުޅޭގޮތް އަދާއަށްވެސް ވިސްނޭނެ...." ދާނިޔާގެ އަލި މޫނު މިއަދު ވަކިން ދޮންހެން ހީވެއެވެ.

އަދާރާ އަމިއްލަ ނަފުސާއިމެދު ވިސްނުމުން ކުށްވެރި އިހުސާސެއް ކުރެވުނެވެ. އޭނަވެސް ދާނިޔާފަދަ މާތް ކުއްޖަކަށް ވާނެނަމައެވެ.

"ޝޭޚެއްގެ ކުއްޖަކަށްވީމަ ދީނީ ބައި ވާރުތަވީ....ހެހެ."

"އެއީ ވާރުތަވަ ކަމެއް ނޫން..ކޮންމެ މީހަކަށް އެ ނަސީބު ހޯދެން އެބައޮތް. ތަގުވާވެރިން އަސްލު މިޒަމާނުގައި މަދު ދޯ. އަހަރެންވެސް މަސައްކަތްކުރަން އެކަމަކު އަދި އީމާންކަން ދަށުގައި އުޅެނީ...އަދާ ދެން ކިހިނެއް ހަދަނީ؟"

"ހުސާމް މެރީކުރަން އުޅެނީ. އަހަރެން ބޭނުން ރިވެންޖް ނަގަން..."

ނުނިމޭ