"ރިބާ ލޯނުން ގެދޮރު ހެދުމަށްވުރެ ފަނުން ހަދާފައިވާ ޖިފުޓިގަނޑެއްގައި އުޅުންވެސް ރަގަޅުވާނެއެވެ. ﷲއަށް ބިރުވެރިވެ ތަގުވާވެރިވާ މުއުމިނުން އެފަދަ ކޮންމެ ބޮޑު ފާފައަކުން ދުރުހެލިވާނެއެވެ. ކިތަންމެ ރީތި ގެއެއްގައި ދިރިއުޅުނަސް ހަޔާތުގެ ބައްތި ނިވޭނެކަން އެނގޭތީއެވެ. ކިތަންމެ ގިނަ ފައިސާއާއި ބިންތައް މިލްކުވިޔަސް ހުސް އަތާ ކަށްވަޅަށް ދާން ޖެހޭނެތީއެވެ. ހަޔާތަކީ ދާދި ކުޑަ ހިނދުކޮޅެކެވެ. އެދުވަސްކޮޅު ހަރާމް ކަންތައްތަކުން ދުރުވެ ﷲ ތައާލާ އެންގެވިގޮތަށް ތިބާގެ އަމަލު ބަހައްޓަން މަސައްކަތްކުރާށެވެ."

***

ގިނައިރުތަކެއްނުވެ ގޭގެ އެންމެންވެގެން ގޭގެ ހުރިހާތަނެއް ހޯދަންފެށިއެވެ. ފުލުހަށް ގުޅަން ޝުވޭކާރު ދެކޮޅުހެދީ ދަރިފުޅުގެ ބަލި އެހެން މީހުންނަށް ފަޅާ އަރާފާނެތީއެވެ. ގޭތެރޭގެ އެތަން މިތަން ހޯދަމުން ދަނިކޮށް އަދާރާ ސިއްރުން ސިޓިން ރޫމަށް ވަދެފައި ބޭރަށް ނުކުތީ އޭނަ ފިލައިގެން އުޅުން ރަގަޅުކަމަކަށް ނުވާނެތީއެވެ. ހީކުރިގޮތަށް ހުސާމްގެ ސުވާލު އޭނައަށް އަމާޒުވިއެވެ.

"އާރިސް ދެކުނިންތަ؟"

"މަށެއް ނޫނެއްނު އާރިސްއަށް ބަލަދު އަރަނީ. އެކަމަކު ރޭގައި ދެކުނިން. ވާރޭގަނޑުގައި ޕޫލަށް އެރިފައި ތެމިގެން ގެއަށް ވަނީ. ބަލަން ހަވާލުކޮށްފައި ޕޭރެންޓުން ދިޔަމީހާއަށް މޮޔަ ކޮއްކޮ ނުބެެލެންޏާ އެހެން މީހުން ބޮޮލުގައި އިލްޒާމް އަޅުވަން ނަހަދާތި..."އެހެން މީހުން ތަންކޮޅެއް ދުރުގައި ތިބުމުން ހިތަށް އައިހާ އެއްޗެއް ކިޔައިލުން ފަސޭހަވިއެވެ. އޭނަގެ ބޮޑު ދެލޮލުގެ ރީތިކަން ހާމައަށް ވާތަން ފެނި ހުސާމްއަށްވެސް ބެލުން ދުރުކޮށެއްނުލެވުނެވެ.

"ރީތިކޮށްވެސް ބުނެވިދާނެދޯ...."

"ރީތިކޮށް ވާހަކަދެއްކޭ ފެންވަރު މީހެއްވެސް ނަމަ..." އަދާރާ ކަޅި އަޅައިގަތެވެ.

ހުސާމް އިތުރު އެއްޗެއް ނުބުނެ އިސްތަށިގަނޑުގައި އަތް ހިންގާލާފައި ހިނގައިގަތީ އޭނަގެ މަންމަމެން ތިބި ދިމާލަށެވެ. މާގިނައިރެއްނުވެ ޝުވޭކާރުއަށް އައި ކޯލުން އާރިސް ހޮސްޕިޓަލުގައި އޮތްކަން އެނގުނެވެ. ސިހުމެއްވެސް ލިބުނެވެ. ޝުވޭކާރުގެ ލޮލުން ކަރުނަ އޮހެން ފެށީ ހިފެހެއްޓުމަކާއި ނުލައެވެ. މައިމޫން ޝުވޭކާރު ގަޔާ ލައްކޮށްލަމުން ހިތްވަރުދިނެވެ. އެންމެން އަވަސްވެގަތީ ހޮސްޕިޓަލަށް ދިޔުމަށެވެ. އާރިސް ބަލާ ނުލާ މަގު ހުރަސްކުރަން ހަދައިގެން ސައިކަލެއްގައި ޖެހި އެކްސިޑެންޓެއްވީއެވެ. ތަންތަން މަށައިގެން ގޮސް ހުރުން ފިޔަވާ ބޮޑު އަނިޔާއެއް ނުލިބުނަސް ހަޅޭއްލަވާ ބިރުން އުޅުނުގޮތުން ބޮލަށް ގެއްލުންވެފައިވާކަމަށް ޑޮކްޓަރުންނަށް ހީކުރެވުނެވެ. ޒަޚަމްތަކުގައި ބޭސް އަޅާ ނިމުނުއިރުވެސް އާރިސް ދައްކަމުން ދިޔައީ ސިއްރުއެޖެންޓެއް އޭނަ ފަހަތުން އުޅުނު ވާހަކައެވެ. ސީޓީސްކޭނަކަށް އޯޑަރުކޮށްގެން ހުއްޓާ އާއިލާ މެމްބަރުންނަށް ދެވި އެތަނަށް ވަނުމާއެކު އާރިސްއަށް ވެގެން އުޅޭގޮތް އޮޅުން ފިލުވިއެވެ. އާއިލާ އެންމެނަށް ވަގުތުން އެނގުނެވެ."ސްކިޒްފްރީނިކް އެޕިސޯޑް" އެއް އައީއެވެ. ޝުވޭކާރު ވަގުތުން ޑޮކްޓަރުންގާތު އެދުނީ އެމީހުންނަށް އެކަނިވެރި ވަގުތުކޮޅެއް ދިނުމަށެވެ. މައިމޫންއާއި ޝުވޭކަރު އާރިސް އައްޔާޝް މިނަލް އަދި އަދާރާ ފިޔަވާ އެހެން އެންމެން ތަނުން ނިކުތުމުން އާރިސް ހަނި ނަޒަރަކުން ބަލައިލިއެވެ. މިނަލް ހުސާމްގެ މޭގައި ބައްދާލައިގެން ހުރެ ރޮމުން ދިޔައީ އާރިސްގެ ޒަޚަމްތައް ފެނިފައެވެ.

"ތިއްތިއަށް މާބޮޑުކަމެއް ނުވެއޭ. ނުރޮއި ސްވީޓްހާޓް..."އެންމެ ކައިރީގައި ހުރި އައްޔާޝްވެސް މިނަލްގެ އިސްތަށިގަނޑުގައި ފިރުމައިލަމުން ހިތްވަރުދިނެވެ.

"އަދާރާއަކީ ސްޕައިއެއް....އޭނަގެ ނަމަކީ ފަޔާ ފްލައި. ޖާސޫސީ އިދާރާތަކުން އެގޮތަށް އެންމެނަށް ކޯޑް ނަމެއް ދީފައި އޮވެއެއްނު. އެގޮތަށް އަދާރާއަކީ އެފްބީއައިގެ ވަރަށް ސީނިއާ އެޖެންޓެކޯ. އޭނަ މޫނު ފޮރުވައިގެން އުޅެނީވެސް ހަގީގަތުގައި ފިރިހެނެއްކަން އެހެން މީހުންނަށް އެނގިދާނެތީ. ހީޒް ޑޭންޖަރަސް. ގޮއިންޓް ޓު ކިލް މީ..."އާރިސްގެ ބިރުން ފުރިފައިވާ ނަޒަރު އަދާރާގެ މޫނަށް ހުއްޓުނެވެ. އަދާރާއަށް އަޑު އިވުނު އެއްޗެއް ގަބޫލުކުރަން ދަތިވިއެވެ. ފުން ގަދަ ރަތްކުލައަކުން މޫނުގެ ކުލަ ބަދަލުވިއެވެ. އޭނަ އިންތިހާއަށް ނުރުހުނެވެ. އޭނަގެ އަޑު ފިރިހެންކުއްޖަކާއި ވައްތަރީހެއްޔެވެ؟ ފިރިހެންވަންތަކަން ހުރީ އޭނަގެ ހަށިގަނޑުގެ ކޮން ބަޔެއްގައިހެއްޔެވެ؟ ވަގުތުން މޫނުމަތީގައިވާ ފޮތިކޮޅު ނަގާ މޫނު ދައްކަން ހިތަށް އައި ނަމަވެސް އެ ކުއްލި އެދުން އޭނަ ސިކުނޑިން ފޮޅުވާލައިފިއެވެ. އާރިސްއަށް އޭނަ ފިރިހެނެއްގެ ގޮތުގައި ދެކުނިއްޔާ ވާނީ ކޮންކަމެއް ހެއްޔެވެ؟ އަދާރާ ދުވަހެއްގައިވެސް އާރިސް ދެކޭގޮތަކާއިމެދު ފަރުވާލެއް ހުރީއެއްވެސް ނޫނިއްޔާއެވެ. އަދާރާ ވަގުތުން ކޮނޑު ފުޅާކުރަން މަސައްކަތްކުރީ ފިރިހެން ފާޑު ޖެއްސުމަށެވެ. އެކަމަކު އެހިމަ ފްރޭމާއި ހަނި ކޮނޑުގެ އަންހެންވަންތަކަން ކުޑައެއް ނޫނެވެ.

އާރިސް ތެދުވެގެން ދާން ހިނގައިގަތުމުން މައިމޫން ދަރިފުޅުގެ ކޮނޑުގައި ހިފެހެއްޓިއެވެ. "ދަރިފުޅު އަންނައުނު ގެނައީމަ އެއްޗެހި ލައިގެން ދާނީ. ހޮސްޕިޓަލް ގައުންގައި ބޭރަށް ދާނެކަމެއްނެތް..."

"އަހް...އޯހް....ޔެސް ޑޭޑް. އަޅުގަނޑު ލައިގެން ހުރީ ކޯނޗެއްކަން ހަދާނެއްވެސް ނެތް. އަދާރާއަށް ފިލައިގެން ދާން ހަދައިގެން ހެދުން ނުލާ އާދެވުނީ..."އާރިސް ލައިގެން ހުރި ހެދުމުގައި އަތް ޖައްސައިލިއެވެ. "ކީއްވެ ހޮސްޕިޓަލުގައި އޮންނަން ޖެހުނީ؟"

"އާރި ހަނދާނެއް ނުވޭތަ؟"

"ނުވޭ.....ޑޭމް. އައި ހޭޓް ދިސް ޕްލޭސް. ގެއަށް ދާން ބޭނުން....."

"އިރުކޮޅަކަށް އޮށޯވެލާ...ކެނިއުލާވެސް ނައްޓަން ޖެހޭނެ ދޯ ދަރިފުޅު..." މައިމޫން އާރިސް ގެންގޮސް އެނދުގައި ބޭއްވީ އޯގާތެރިކަމާއެކުގައެވެ. ހުސާމް ހަމަޖެހުމުގެ ނޭވާއެއްލީ އޭނަގެ ޒިންމާގެ ދަށުގައި ހުރެ ބޮޑު އަނިޔާއެއް ނުލިބުނުކަން ޔަގީންވުމުންނެވެ. އަދާރާގެ ރީތި ލޯ ވަކިން ބޮޑުކޮށްފައި ހުސާމްގެ މޫނަށް ބަލައިލަމުން އެސްފިޔަ ޖަހައިލީ ލަސްލަހުންނެވެ. ހުސާމްގެ ހިތަށް އަސަރުކުރުވާފައި ތަޅުވާފައި އޭނަ ބޭނުމީ ދުރަށް ދާށެވެ. ހުސާމް އޭނައާއިހެދި މޮޔަކުރުވާފައި ހިޔަނިވެސް ނުފެންނަ ހިސާބަކަށް ދިޔުމަކީ އޭނަގެ މަގުސަދެވެ. ހިތުގެ ދުޢާއަކީ ހުސާމް ދިން އަނިޔާގެ ހިތި ރަހަ ހުސާމްއަށް ދެއްކެވުމެވެ. ޝުވޭކާރު ހިނގައިގަތީ އާރިސް ހޮސްޕިޓަލުން ދޫކުރުވުމަށް ނިންމަންޖެހޭ ލިޔުންތައް ތައްުޔާރުކުރުވުމަށެވެ. އަދި އާއިލީ ޑޮކްޓަރެއްގެ ބެލުމުގެ ދަށުން އެބައިތައް ނިންމަން ޝުވޭކާރު އަވަސްވީވެސް ދަރިފުޅުގެ ބަލި ދުނިޔެއަށް ފޮރުވުމަށެވެ.

އެންމެން އެކީ ހިނގައިގަތްއިރު ހަށިފާރަވެރިންވެސް އެމީހުންނާއެކު ދާތަން ފެނި އަދާރާއަށް ފަޚުރުވެރިކަމެއް ލިބުނެވެ. ބައެއްމީހުން އިހުތިރާމް އަދާކުރުމުގެ ގޮތުން އަދަބު އަދާކޮށް ސަލާމްކުރިއެވެ. ޕްރައިވެޓް ރޫމްގެ ބޭރުގައި މަޑުކޮށްލައިގެން ތިބި އާއިލާގެ މެމްބަރުންނަށް އާރިސް ފެނުމުން ހިތަށް ހަމަޖެހުން ލިބުނެވެ. އުރުސުލާ އާރިސްގެ އަތުގައި ފިރުމާލާފައި ފަހަތުން އައި ހުސާމްއާއި މިނަލްއާއި އެއް ހަމައިގާ ހިނގަމުން ހުސާމްގެ ގާތުން ހާދިސާގެ ތަފްސީލު އަހަންފެށިއެވެ.

މައިމޫން އާރިސްއަށް ޚާއްސަ ހަށިފާވެރިޔަކު ހޯދަން ނިންމީ އާރިސްގެ ހަރަކާތްތަކާއި އުޅޭގޮތް ބެލުމަށެވެ. އެކަކުވެސް ނޫޅޭ ވަގުތެއްވިއްޔާ ނޫނީ އާރިސް ބޭރަށް ދަންޏާ ސަރުމަދުއަށް އެމީހުން ގުޅާނެއެވެ. އާރިސްއަށް އެ ޒުވާނާ ތައާރަފުކޮށްދިނުމުން އޭނަ ވަގުތުން ޝައްކުުރީ އެވެސް ސިއްރު އެޖެންޓެއްގެ ގޮތުގައެވެ. އަދާރާ ފޮނުވައިގެން އޭނަގެ ކަންތައްތަކަށް ފާރަލާންވެގެން އައި މީހެކެވެ. ސަރުމަދުއާއިމެދު ވިސްނަން ހުއްޓާ ކޮޓަރީގެ ކަނަކުން "ގޯސްޓް" ފެނުމުން ހިތަށް ބިރުވެރިކަމެއް ވަނެވެ. އެ އިސްކޮޅުން ދިގު ބިޔަ މީހާގެ އަޑުގައި އޯގާތެރިކަމެއް ހުއްޓެވެ. އޭނަ ފެންނަލެއް ތަންކޮޅެއް މަދުނަމަވެސް އޭނަ އާރިސް އަށް ވިސްނައިދެނީ ރަގަޅަށް އުޅުމަށެވެ.

"އާރިސް ރަގަޅުމީހަކަށް ވައްޗޭ. އޭރުން ހުރިހާ ކަމެއް ރަގަޅުވާނެ..."

"ތިއީ ކާކުތަ؟ ކަލޭމެން އެކަކުވެސް ރިއަލް ނޫންކަން އަހަންނަށް އެނގޭ....." އާރިސް ހަޅޭއްލަވައިގަތެވެ.

"އާރިސް އަތުގެ ލޭ ނާރު ކަނޑާލާ...އޭރުން އެންމެ ރަގަޅުވާނީ ސަބަބަކީ ތިއީ އެއްވެސް ފަރާތަކުން ލޯބިވާ މީހެއްނޫން. އެއްވެސް އަގެއްނެތް ބޭކާރު މީހެއް...އަންހެނުންވެސް ކިހާ އިހާނެތިކޮށް ކަންތައްކުރަނީ." ލުސިފާރގެ މަލާމާތުގެ އަޑު އިވުނީ ކަންފަތް ކައިރިން ނުކުޅަދާނަވާފަދަ ގޮތަކަށެވެ. އާރިސްއަށް ކަންފަތުގައި އަތް އަޅާ ބާރުކޮށްލެވުނެވެ.

މައިމޫނާއި ޝުވޭކާރުގެ ކޮޓަރިތެރޭ ތިބެ މަޝްވަރާކުރަމުން ދިޔައީ އާރިސްގެ ހާލަތުގެ ސަބަބުން ދިރިއުޅުމަށް ގެންނަންވީ ބަދަލަކާއިމެދުގައެވެ. އާރިސްގެ ނަފްސާނީ މައްސަލަތައް ރަގަޅުވުމުގެ ބަދަލުގައި އިތުރަށް ގޯސްވަމުންދާ ކަމުގައި ބުނިއިރު ޝުވޭކާރުގެ ލޮލުން ކަރުނަތިކިތައް ގިނަވެގަތެވެ. ޝުވޭކާރުއަށް ފެނުނު ހައްލަކީ ބޭރު ގައުމަކަށް ބަދަލުވުމެވެ.

"އަހަރެމެންގެ ދަރިއަކު މޮޔައެކޭ ކިޔައިގެން ނޫސްތަކުގައި ޖެހިއްޔާ އެދަރިފުޅަށް ވާނީ ކޮން ގެއްލުމެއްތަ؟"

"ގެއްލުމެއް ނުވިޔަސް ދުނިޔެއަށް އެނގި މަލާމާތް ކުރުވަން ހިތްނޭދެނީ. މީހުންގެ އަންޑަސްޓޭންޑްވުމުގެ ބައި ވަރަށް ދަށް...އެކުއްޖާގެ ފޯލްޓްކަމުގައި ދެކޭނީ. އެއްވެސް މީހަކު ލައްވާ ލޭބަލް ކުރުވުމަކީ ފަސޭހަކަމެއް ނޫން...

"އެކަމަކު އަހަންނަށް ފެންނަނީ އަމިއްލަ ދަރިފުޅުގެ މެންޓަލް ސްޓޭޓަސް އެންމެނަށް އެނގުން. އެހެން މީހުންނަށް ސްކިޒޮފްރީނިއާ ނޯމަލައިސްކުރުން. ދަރިފުޅަކީ ވައިލެންޓް ކުއްޖެއް ނޫންކަމާއި ވިސްނުންތޫނު މޮޅު ތައުލީމީ ޒުވާނެއްކަން އެނގުން. ތަފާތުކަމެއް ހުއްޓަސް ހަމަޖެހިގެން އުޅެވޭނެކަމާއި ފިލްމުތަކުން ދައްކުވާފަދަ ބިރުވެރި ބަޔެއް ނޫންކަން އެންގުން. އަދި ބައިވެރިޔަކު ނުލިބިގެން ކަންބޮޑުވާކަށްވެސް ނުޖެހޭ...އާރިސް ބޭނުންވާ ބައިވެރިޔާ ހޯދަދެވިއްޖެ. ދެން ކޮންކަމެއް އާރިގެ ހަޔާތުން އުނިވާނީ؟ ދަރިފުޅު ބޭނުން ކޮންމެ އެއްޗެއް ހޯދަދޭނަން. ޔަގީނުންވެސް ދުނިޔޭގެ ބާރަކަށް ނުހުއްޓުވޭނެ......"

"ޢެކަމެއް ނޭގޭ. އެކުއްޖާ ބިރުން ފިލައިގެން އުޅެނީ....."

"އަދި ރަގަޅުވާނެ..."

"އެ ކުއްޖާގެ އެ ބުރުގާގެ ނިވަލުގައި އެހެން އެޖެންޑާއެއް ފޮރުވިފައިވާކަމާއިމެދު ޝައްކުކުރެވޭ...އެހާ އަޅުވެރިހެނެއް ހިޔެއްނުވޭ..."ހުސާމްގެ ހަރަކާތްތަކަށް ބަލަން ހުއްޓާ ޝުވޭކާރުގެ ނަޒަރުގައި އަޅައިގަތްފަހުން އެ ޝައްކުތައް އެތައް ގުނަ އިތުރުވެފައިވިއެވެ.

"އެއްވެސް އިންސާނަކު މަލާއިކަތަކަށްނުވާނެ..."

"އެކުއްޖާ ލާފައި ހުންނަ ޖުއްބާއިން ރަގަޅަށް އެނގެނީ ހައްދު ފަހަނަޅާފާއިވާ ޖަމާއަތުގެ މެމްބަރެއްކަން ދުވަސްކޮޅަކުން މިގޭ އެންމެން ކާފަރު ނުކޮށްފިއްޔާ ރަގަޅު. އެކަމާ ބިރުގަންނަނީ. ރަގަޅު މުސްލިމެއްނަމަ އެހެނެއްނޫން އުޅޭނީ. އަޔާވެސް ބްރެއިންވޮޝްކުރުމުގެ މަގުމަތީގައި......."ޝުވޭކާރުގެ ނަޒަރިއްޔާތުގައި ނިގާބުގެ ކޮންމެ އަހުލުވެރިއަކީވެސް ހަރުކަށި ފިކުރުގެ މީހެކެވެ. "އެހެންވެ ބޭރު ތަނަކަށް ބަދަލުވުމުގެ ވިސްނުން ގެންގުޅުނީ...އަޔާމެންނާއި އެ ދިމާވި ބަޔެއްގެ ސަބަބުން އެނބުރެނީ. ރާއްޖެއަކީ އުޅެވޭވަރުގެ ތަނެއްނޫން....އާރިވެސް ބުނެފިއޭ އޭނައަށް ތްރެޓްކުރަން ފަށައިފިޔޯ ރެއިންބޯ ޕްރޮފައިލްއެއް ލީމަ. ވަގުތުން މަރާ ކުދިކޮށް ކޮށައިލާ ވާހަކަ މިކިޔަނީ."

"އޯ ނޯ....." ކުއްލިއަކަށް ޝުވޭކާރު މައިމޫންގެ އަތުގައި ހިފާ ބާރުކޮށްލިއެވެ."އަޔާގެ ޕްރޮފައިލް......"

"ކިހިނެއްވީ؟"

"މިހިރީ އެމީހުން ހަދާގޮތަށް ޝަހާދަތް އިނގިލިދިއްކޮށްގެން ފޮޓޯ ލާފައި..ކީކޭ ބުނާނީ..."

މައިމޫންގެ މޫނުމަތިންވެސް ނުރުހުމުގެ ކުލަވަރު ފެނުނެވެ. އައްޔާޝްގެ ސަބަބުން އެމީހުން ބަދުނާމުވުމުގެ އިތުރުން ވެރިޔެއްގެ ދަރިއެއްގެ އަމަލު ހުރިގޮތުން ހަރުކަށިފިކުރުގެ މީހުންނަށް ހިތްވަރު ލިބިގެން ހިނގައިދާނެކަމުގައިވެސް ގަބޫލުކުރެވުނެވެ. ދަރިފުޅުގެ އަމަލުތައް ހުއްޓުވަން އޭނަ ފިޔަޅު އަޅަން ޖެހޭނެއެވެ. ހުރިހާކަމެއް ބޮއްސުން ލާ އައްޔާޝް ހައްދުން ނައްޓައިފިއްޔާ އޭނަގެ ލޯބިވާ ފިރިހެންދަރިފުޅު ގުރުބާންކުރަންވެސް އޭނަ ފަހެއް ނުޖެހޭނެއެވެ. އަމިއްލަ އިއްޒަތާއި ގަދަރުވެސް އަމިއްލަ ދަރިންނަށްވުރެ މުހިއްމުހެއްޔޭ ސިކުނޑީގެ ކަނަކުން ސުވާލުކޮށްލިއެވެ.

***

އަދާރާ ލޯގަނޑުކުރިމަތީގައި ހުރީ ޖިންސަކާއި އަތް ދިގު ޓީޝާޓެއްލައިގެންނެވެ. އިސްތަށިގަނޑު ހިއްކުމަށްފަހު ވޫލްކޮޅެއްގެ އެހީގައި ހައްޔަރުކޮށްލުމަށްފަހު އިރުގަނޑެއްވާންދެން އޭނަގެ ސޫރައަށް ބަލަން ހުރުމަށްފަހު ކަޅު ބުރުގާއަކުން އިސްތަށިގަނޑު ނިވާކޮށްލިއެވެ. މުޅިން ކަޅު އެއްޗެހީގައި އޭނަގެ ދޮން މޫނު ވިދަނީ ފަލަކުގައިވާ ހަނދުވެސް ކަޅުވިލާތަކުގެ ތެރެއިން ފެންނަހެންނެވެ. ދާނިޔާގެ ޚިޔާލު ހޯދުމެއްނެތި އަމިއްލައަށް ނިންމީ މޫނު ބުރުގާ ނާޅާ އެންމެންގެ ކުރިމައްޗަށް ނުކުތުމަށެވެ. ޝުވޭކާރުގެ މޫނަށް ވެރިވާނެ ކުލަވަރުދެކޭހިތުން ކެތްކުރެވެނީއެއް ނޫނެވެ. އަދާރާ ކުޑަކޮށް ހިނިއަންނަން އުޅުމުން އަނގަމަތީގައި އަތްއެޅިއެވެ. ރޭގަނޑުގެ ކެއުމަށް އިންސާފުކުރަން އެންމެން އެކީގައި ތިބޭނެކަން ޔަގީންވާތީ ވަކިން ބޮޑަށް ހިތްހަމަޖެހުނެވެ. ކާކޮޓަރިއާއި އަރާ ހަމަވީވަރަކަށް ހިތުގެ ތެޅުން ބާރުވަމުން އައެވެ. އެނބުރި ދާން ހިތަށް އެރިތަނާ އާރިސް އަންނަތަން ފެނުމާއެކު ހިނގައިގަނެވުނީ އެތެރެއަށެވެ.

މިނަލްގެ ހަޅޭކުގެ އަޑަށް އަދާރާގެ ފިޔަވަޅު ހުރިތަނަށް ގަނޑުވިއެވެ. ވަށައިގެން ހޯދާ ބަލައިލެވުނީ އޭނަގެ ލޯ ކުރިއަށްވުރެ ބޮޑުކޮށްލަމުންނެވެ. މިނަލް އެހާ ބިރުގަތީ ކޮންކަމެއް ފެނިގެން ހެއްޔެވެ؟

ނުނިމޭ