"އޭގެ އަގު ވަޒަން ނުކުރާ މީހަކަށްޓަކާ ތިބާގެ ލޯބި ބޭކާރުކޮށްނުލާށެވެ."

***

"މަންމަ......." ކާއިނާތު ހީލާފައި އަޑު ނީވޭ ހިސާބަށް ގޮސް މަޑުމަޑުން ސައިރަސްއާއި ވާހަކަދައްކަންފެށިއެވެ. ކާއިނާތު އަސަލްމެން ގާތަށްގޮސް ބުނީ އޭނަގެ މަންމަ ބޮލުގައި ރިއްސާތީ ޚަބަރު ބަލައިލަން ގެއަށް ދަނީ ކަމަށެވެ. ކާއިނާތު ލޮލުގެ ކުރިމަތިން ގެއްލުމާއެކު އާޔާ އަސަލްއާއި ދިމާލަށް ބަލައިލީ ތަފާތު ނަޒަރަކުންނެވެ. އަސަލްގެ މޫނަށް މަޑު އޮރެންޖްކުލައިގެ އައްޔެއް އެޅިފައިވާއިރު ފެންނަލެއް ނިކަން ހިތްގައިމެވެ.

"އަސަލް. ވާހަކައެއް ބުނަން ބޭނުން...."

"ޔެސް...."އަސަލްގެ ޝައުގުވެރިކަން ދަމައިގަތީ އެ އަޑުގައި ހުރި ކަންބޮޑުވުމުގެ ސަބަބުންނެވެ.

"އެންމެ ގާތް އެކުވެރިޔާގެ ސިއްރެއް ފައުޅުކުރުމަކީ ހެދޭ ގޯހަކަށްވެސް ވެދާނެ. އެކަމަކު އަހަންނާއިވެސް ގުޅިފައިވާ ކަމަކަށް ވާތީ ބުނެލަން ބޭނުންވީ. އޮޅުވައިލުމާއި ދޮގު ހެދުން ހުއްދަވެދާނެ ކަމަށް ގަބޫލެއްވެސް ނުކުރެވޭ. މިފަދަ ހާލަތެއްގައި....މްމް...ސޮރީ އަސަލް. އަހަރެން ދެކެ ރުޅިއަޔަސް ކާއީއާއި ދިމާލަށް އެއްޗެއް ނުބުނައްޗޭ. ކާއީ ބުނީ ތެދެއްނޫން..." އާޔާ އިސްޖެހިއެވެ.

"ތިބުނީ...."އަސަލްގެ މެޔަށް ފިނިވިއެވެ.

"އަހަރެން ބައްޔެއްނޫން. ކެންސަރެއް ނުޖެހޭ އަދި އަލްހަމްދުލިﷲ... ހަގީގަތުގައި ކާއީ ބޭނުންވީ އަހަރެމެން ދެމީހުން ގުޅުވަން. ސަބަބަކީ ކާއީ އަށް އަސަލްދެކެ އެބުނާ އިޝްގީ ލޯބިވާކަމަށް ގަބޫލުނުކުރެވޭތީ. އަސަލްއާއިމެދު އޭނަދެކެނީ ބެސްޓްފްރެންޑެއްގެ ގޮތުގައި... ވަރަށް ދެރަވޭ މިހެން ބުނަން. ހަގީގަތް އެނގުމަށްފަހު އަސަލް އެންމެ ރުޅި އަންނާނީ އަހަރެން ދެކެކަން ނޭގޭ. މިކައިވެނިވެސް ނުކުރާނެ. އެކަމަކު ދޮގެއްގެ މައްޗަށް އެއްވެސް ކަހަލަ ގުޅުމެއް ގާއިމުކުރަން ހިތް ނޭދުނީ..." އާޔާ ބުނަމުން ދިޔައެވެ.

"ނޫން އަހަރެން ކައިވެނި ކުރާނަން.."

"ސީރިޔަސްކޮށް؟" އާޔާ ސިހޭގޮތްވިއެވެ. ހަގީގަތް އެނގުމުން އަސަލް ކައިވެންޏާއިގެން ކުރިއަށް ދާން ބޭނުންވީ ކީއްވެހެއްޔެވެ؟

"ސަބަބަކީ ތިހާ ތެދުވެރި އަންހެންކުއްޖެއްގެ ހަޔާތުގެ ބައިވެރިޔާއަށް ވަފާތެރިވާނެކަމަށް ހިތް ބުނާތީ. ކާއީ އެދިޔައީ އޭނަ އަހަރެންދެކެ ލޯބިނުވާތީ. ސޯ އެއްފަރާތުން ލޯބިވެވުނަސް އަދި އެކަން ކުރެވޭކަށްނެތް. ކާއީގެ ހިތް އެނގުމަށްފަހު އަހަރެންވެސް އެ ޗެޕްޓާ ކްލޯޒްކޮށް ލައިފިން. ހަގީގަތަކީ އަހަރެން ވަރަށް ވަރަށް ލޯބިވިން ކާއީދެކެ...އެކަމަކު...ކާއީގެ ހިތުގައި އެހެން މީހެއްގެ މައްޗަށް ލޯބި އޮތިއްޔާ ހިތް ބަދަލެއް ނުކުރެވޭނެ. އެހެން ބަދަލުކުރެވޭނެނަމަ ވަރަށް ޒަމާންވަންދެން ޓްރައިކުރެވިއްޖެ...ކާއީ ބަދަލުވީ ސަބަބެއް އެއްގޮތަކަށްވެސް ނޭގުނު.....އަހަންނަށް ހެދުނު ގޯހެއްވެސް ނޭގުނު..................."އަސަލްވެސް އިސްޖެހިއިރު އެލޯ ތެމުނެވެ. ހިތަށް ކުރި ފުން އަސަރުތައް އެރީތި ލޯ ހެކިދިނެވެ. އެންމެ ފަހުގެ ޖުމްލަތައް ބުނެލިއިރު އަޑުގައިވި ރިހުން އާޔާއަށް އިހުސާސްވުމުން ދެރަވިއެވެ. މިކުރެވުނީ ރަގަޅުކަމެއްބާވައޭ ހިތަށް އެރިއެވެ. ހަގީގަތް ފާޅުނުކުރިނަމަ އަސަލްގެ ހިތަށް އަނިޔާ ނުވީހެވެ.

ކައި ނިމިގެން އާޔާ ގެއަށް އައިއިރު އޭނަގެ ހިތަށް ލިބުނު ހާސްކަމާއި ކަންބޮޑުވުން ހިތްހަމަޖެހުން ޚިޔާރުކުރިއެވެ. ބުނަން ނޭގޭފަދަ ތަސައްލީއެއް ހިތަށް ލިބުނެވެ. ހޫނު ދުވަހެއްގައި ފިނި ފިނި ފެން އާރަކުން ފެންވަރައިލެވުނުފަދައެވެ. އަސަލްދެކެ ހިތުގައިވި ލޯބި އިތުރުވެ ކައިވެންޏަށް ފޮނި އިންތިޒާރެއް ކުރެވެންފެށިއެވެ. ނިދަން ތައްޔާރުވެ އެނދުގައި އޮށޯތް ގޮތަށް ވިސްނެމުން ދިޔައީ އަސަލްއާއި މެދުގައެވެ. އަސަލްފަދަ ރަގަޅު ބައިވެރިޔަކު ހުއްޓާ ކާއިނާތުގެ ހިތް އެހެން ފަރާތަކަށް ދީލާލުން އޭނައަށް އަޖައިބުކުރުވަނިވި ކަމަކަށްވިއެވެ. އަސަލްއާއި ވާހަކަދެއްކި ކޮންމެ މީހެއްގެ ހިތްވެސް ތައުރީފުކުރާހާ މާތް ޒުވާނެކެވެ. ކާއިނާތު އެހެން ދިމާލަކަށް ދިޔައީ އޭނަގެ ނަސީބުގައި ނެތީކަން ނޭގެއެވެ. ނިދުމުގެ ކުރިން ކިޔާ ދުޢާތަކާއި ސޫރަތްތައް ކިޔެވުމަށްފަހު ލޯ މަރާލައިގެން އޮވެ ޒިކުރުކުރަން ފެށިތަނާ ނިދީގެ ފޮނި އާލަމުގެ ތެރެއަށް ގެނބުނެވެ.

***

ކާއިނާތު ކައުނު ނޫހުގެ އޮފީހަށް ވަންނައިރަށް ލޮލުގައި އަޅައިގަތީ ޖީލަންގެ ވިހަ ބެލުމެވެ. ޖީލަން އެހާ ނަފްރަތުކުރާ ސަބަބަކީ ކޮބާހެއްޔޭޭ ހާސްފަހަރު ހިތަށް އަރާ އެ ސުވާލުކުރެވުނަސް ޖަވާބެއް ލިބޭގޮތެއް ނުވިއެވެ. ކާއިނާތު އަސަލްގެ ކެބިންއަށް ވަންތަނާ ފަހަތުން ޖީލަން އައެވެ.

"އަސަލް ސިކްލީވްގައި..."

"ކިހިނެއްވީތަ؟"

"ތި ސުވާލު އަމިއްލަ ހިތާއި ކުރިއްޔާ ރަގަޅުވާނީ. މީހަކަށް އެހާ ބޮޑު ދެރައެއް ދީފައި ތިހިރީ އުފަލުން. އަސަލްއާއި ރުޅިވީމައެއް ނު އެހެން މީހަކާއި އިންނަން އެއުޅެނީ؟" ޖީލަން ނުރުހިފައި ހުރި ވަރު މޫނުގެ ކުލައިންވެސް އެނގުނެވެ.

"ކިހިނެއް އެނގުނީ؟"

"ވައިބާރއަށް ކައިވެނީގެ ކާޑު އައީ....."

"ހެހެ..ކާޑު ހަދައިދިނީ އަހަރެން. ރީތިތަ؟" ކާއިނާތު ހީލިއެވެ.

"ޔަގީން؟"

"ތިބުނީ..."ކާއިނާތު ލޯބޮޑުކޮށްލިއެވެ.

"ކާޑުހެދީ ހަމަ ކާއިނާތުހެއްޔޭ؟"

"އަހަރެން ބުނާ އެއްޗަކަށް އިތުބާރުނުކުރަންވީ ސަބަބެއް ނޭގޭ........"

"ހަމަ ރަގަޅަށްވެސް ސަބަބު ނޭގޭ؟ އެހެންވިއްޔާ ނަފްސާނީ ޑޮކްޓަރަކަށް ދައްކާ. ދޮގުހެދުމަކީވެސް މެންޓަލް އިލްނެސްއެއް........." ޖީލަން ގެ ސީރިޔަސް ނަޒަރުން ކާއިނާތު ކުޑަކޮށް ބިރުގަންނަގޮތްވެސް ވިއެވެ. ހަގީގަތުގައިވެސް އޭނަގެ ނަފްސާނީ މައްސަލައެއް ހުރީބާވައެވެ.

"ކާއިނާތު އަދި ހިތާމަކުރާނެ....އަސަލް ދޫކޮށްލެވުނީތީ. ކުލަރީތި ހިލަ ހޮވަން ހަދައިގެން ޖަވާހިރެއް ތި ގެއްލުނީ.. ބަލާތި. އަދި ރިގްރެޓްކުރާނެ..."

"އަޖައިބެއްނު. ޖީލަންއަށް މުސްތަގުބަލުގައި ވާގޮތް އެނގެނީ ވަހީ ބާވައިލައްވަނީތަ؟ އެހެން ފަރާތަކަށް ފަހުންވާނެކަންތައް އެނގެނީ ކިހިނެއް؟ ނޮސްޓްރަޑާމަސްއަށްވެސް ތިހެން ޕްރެޑިކްޓްކުރާކަށް ނޭގޭނެ..."

"އެއީ ކާކުތަ؟

"ފެރްންޗް ނުޖޫމީ އިލްމުވެރިއެއް...ފިޒީޝަނެއް. ޖީލަންއަށް ހާދަކަމެއް ނޭގެއޭ. އިންސާނުންގެ ބާތް ޗާޓްގައި ޕްލެނެޓްތަކާއި އިރާއި ހަނދު ހުންނަ ޕޮޒިޝަންތަކަށް ބަލާފައި އެމީހުން މުސްތަގުބަލް ކިޔައިދޭ....." ކާއިނާތު މޭޒުމަތީގައި ހުރި ވާސްގައި ރަތްކުލައިގެ ފިނިފެންމާތަކެއް އަތުރަންފެށިއެވެ. އަދި ނުލަފާ ހިންޏެއް ތުންފަތަށް ވެރިކޮށްލިއެވެ."ކިތަންމެ ގިނަ ޑިގްރީތަކާއި ތަށިތައް ގެންގޮސް ހަރުގަނޑުގައި ބަހައްޓާފައި ހުއްޓަސް ބައެއްމީހުންނަށް އިލްމު ލިބިފައިވާލެއް މަދުކަން.. އަހަރެންވެސް ބަލަމޭ ކޮންމެ ދުވަހަކު ހޮރޮސްކޯޕް ވަރަށް ދިމާވޭ.........."

"ތިގޮތަށް ފާލުބެލުމާއި ކުރިއަށްވާން ހުރި ކަންތައް ދެނެގަތުމަކީ ދީނުގައި ހަރާމްކުރައްވާފައިވާ ކަންތައް. އަތްބެލުމާއި ނުޖޫމީ އިލްމަށް ތަބާވެގެން އެފަދަ ކަންތައްތަކަށް ތަބާވުމަކީ ޝިރުކު...ކާއިނާތުއަށް އެ އިލްމު ލިބިފައިވާހެން ހިޔެއްނުވޭ....."

"އޯކޭ ޝޭޚު ޖީލަން. ތިއީ ދީނީ އިލްމުވެރިއެއްކަން ކުރިއަކުން ނުދަންނަން..." ކާއިނާތު ހައިރާންވިގޮތަކަށް ލޯ ބޮޑުކޮށްލައިފިއެވެ.

"އޭ....އަސަލް މެރީކުރަނީ.....ކޮންގްރާ.."މިސްބާހު ބޯ ދިއްކޮށްލިއެވެ.

"މަށަކާއި ނޫން..." ކާއިނާތު އޮޅުންފިލުވާދިނެވެ.

"ވަޓް؟ ސީރިޔަސްކޮށް........ގަބޫލެއްނުކުރާނަން. ކަލޭމެން ތީ މިރަށުގެ ރޯމިއޯ ޖޫލިއެޓް. ލައިލާ މަޖުނޫން. ޝީރީން ފަރުހާދު. އަސަލް މެރީކުރަން އުޅެނީއޭ ބުނުމުން ދެވަނަ ނަމެއް ހިތަކަށް އަރާނީ ކިހިނެއްތަ؟ ކާއިނާތުގެ މިލިއަން ވަނަ ދޮގު ތިހެދީ؟އެވޯޑެއްވެސް އަރުވަންވާނެ......." މިސްބާހު އަސަލްގެ ގޮނޑީގައި އިށީނެވެ.

"ވެރިމީހާ ނެތޭ ކިޔާފައި ކޮންމެހެން އޭނަގެ ގޮނޑީގައި ވެޑުވޭނެކަމެއްނެތް. ތެދުވޭ...."ކާއިނާތު ހަށަން ބަދެލަމުން ލޯ އަޅައިލިއެވެ.

"ތިއީ އަހަރެންގެ ސުވާލުގެ ޖަވާބެއްނޫން. ކީއްވެ އަސަލްއާއި ކާއީ ރުޅިވީ؟"

"އާނ. އަސަލް މަށަށް ބޭވަފާތެރިވެ މުއްސަދި އަންހެންކުއްޖަކާއި ކައިވެނިކުރަން އުޅެނީ. އާޔާ އައިސްކްރީމް ޕާލާ ދަންނަމެއްނު. އެތާގެެ އޯނަރއާއި ކަމަށް ވަނީ. އިންސާނާގެ ހިތް ބަދަލުވާން ނަގާނީ ފަޅި ސިކުންތެއް. އެގޮތަށް އަސަލްއާއި އަހަންނަށްވެސް ދިމާވީ. އެއީ ދެން އެންމެން މަށަށް މަލާމާތްކުރަމުން ގޮސިޕްކުރަމުން އުޅޭވަރުކަމެއްނޫން، މިތަނަށްވަނީމަ މިއަދު ހީވީ އެންމެން ބަނޑަށް ޖެހިގެން ހެނދުނު ނާސްތާ ނުލިބިގެން ތިއްބާ އަހަރެން ވަނުމުން ރޯސްޓްކޮށްގެން ކާލަން އުޅުނުހެން. އަންހެންވެރިން ޗުކުޗުކުލައްވަން ތިބި. އަންހެނުން ވަރަށް އަނގަ ތަޅާހިތުން ޚަބަރެއް ނުލިބިފައި ތިބޭނީ..."ކާއިނާތު ވާސްގައި މާތައް އަތުރާ ނިމިގެން އެނބުރުނެވެ."ކޮފީއެއް ބޭނުމީ ކޮންކުއްޖެއް؟"

"ޕިއްޒާއާއި ކޮފީ ލިބިފައި އެބަހުރި. އާޔާ ފޮނުވީ..."

"ވާއު..."ކާއިނާތު ލޯބޮޑުކޮށްލިއެވެ.

ކޮފީ ރޫމްތެރެ އޮތީ ތޮއްޖެހިފައެވެ. ބައެއްމީހުން އިށީންނަން ގޮނޑިއެއް ނުލިބުމުން ކޮޅަށް ތިބެގެންވެސް ކެއެވެ. އެންމެންގެ ދުލުކުރީގައި އޮތީ އަސަލްއާއި އާޔާގެ ކައިވެނީގެ ވާހަކައެވެ. ކާއިނާތު ގެ ކުރިމަތީގައި ތިބީ އެންމެ ޖައްސާލާފައި ތިބި ދެ އަންހެންކުދިންނެވެ. އައިފާއާއި ސުދާއެވެ.ދެ އަންހެންކުދިންނަށް އެ ޚަބަރަކީ ހަދިޔާއެއްފަދައެވެ. އަސަލްއާއި ކާއިނާތު ވަކިވުމުން ހިތާމަކުރީ މަދުބަޔެކެވެ.

"އެއީ ހަމައެކަނި އާޔާ އައިސްކްރީމްޕާލާގެ ވެރިމީހާއެއްނޫން. މަޝްހޫރު ނޯވާ ނޫހުގެ ވެރިޔާ ނާޒިމްގެ ދަރިއެއް. އެ ނާޒިމްއަކީ ބޮޑުމަހުޖަނެއް. އޭނަގެ މިލްކުގައި އެތައް ރިޒޯޓަކާއި މާލޭ ބިންތަކެއްވެސް އޮވެއެއްނު. އަސަލްގެ ނަސީބު ރަގަޅު. އޭނައަށް އެ ލިބުނީ އެކަށީގެންވާ ބައިވެރިޔެއްކަން ޔަގީން. ﷲގެ ރަހުމަތް ލިބޭނީވެސް އަސަލްފަދަ އަޅުވެރިކުދިންނަށް ކަން ނޭގޭ. އޭނަގެ ބަލި މަންމައާއި ކޮއްކޮއާއިމެދު އަމަލުކުރާގޮތުންވެސް އަސަލްގެ މާތްކަން އެނގިގެންދޭ..ވަރަށް އުފާވެއްޖެ އަސަލްއާއި އާޔާ ގުޅުނީމަ..." އައިފާ ބާރުބާރަށް ކިޔަމުން ދިޔައެވެ.

"އަސަލް މަންމަ ގޮވައިގެން އާޔާ އައިސްކްރީމް ޕާލާއަށް ހަވީރު ދާތީ ހިތަށް އަރައޭ..އެދެމީހުން މާ ކުރީއްސުރެން ގުޅުން އޮތީކަން ޔަގީން. ތޭންކް ގޯޑް. މަގޭ ހިތްފަޅައިގެން ހިގައްޖެ. އަހަރެންވެސް ހާދަ އިންތިޒާރެއް ކުރީމޭ.................." ސުދާ ސިއްރު ނަޒަރަކުން ކާއިނާތުުއަށް ބަލައިލިއެވެ.

"ތި ކިއޫ ޖުޕިޓާރ އާއި ހަމަޔަށްވެސް ފޯރާ.މަވެސް ކިޔޫގައި ހުރީމޭ..." ސުދާމެންގެ މަލާމާތުގެ އަމާޒަކީ އޭނަކަން އެނގުމާއެކު ކާއިނާތު ހިނިތުންވެލަމުން އެދެކުދިންނަށް ނަޒަރު ހުއްޓައިލިއެވެ."ކުރިން ސުދާ ކިޔޫގައި ހުރިކަން އެނގުނުނަމަ އާޔާގެ ބަދަލުގައި އެ މަގާމު ދޭނީ ސުދާއަށް. އަހަރެން ވިއްޔަ އަސަލް ކޮންޓްރޯލްކުރަނީ...."

"އާވް..." ސުދާ ހޭންފެށިއެވެ. ކުޅުތިއްކެއް އައިސް ކާއިނާތުގެ މޫނުގައި ޖެހުމުން ޓިޝޫއަކުން ފޮހެލައިފިއެވެ.

"މަގޭ ހޯދުންތަކުން ދައްކާގޮތުން ވާހަކަދައްކާއިރު ކުޅު ބުރައިގެން ދަނީ ހަސަދަވެރިން. އަދި ހަމަ ހޯދުންތަކުން ދައްކަނީ ގޮސިޕްއަކީ ސޯޝަލް އަދި ސައިކޮލޮޖިކަލް ސިއްހަތަށް ރަގަޅުކަމެއްކަން..މިއަދު މިތާގައި އޮތީ އަހަންނޭ ކިޔާފައި އަނގަތެޅުންކަން އެނގޭ. އެކަމުން ބައެއްމީހުންގެ އުފާވެރިކަމާއި ހިތްހަމަޖެހުމުގެ ހޯމޯންތައް އުފައްދަމުންގޮސް އޯވާވެފައިކަން މޫނަށް ބަލައިލިޔަސް އެނގޭވަރުވޭ. އިފް ޔޫ ނޯ ވަޓް އައި މީން. ޕިއްޒާ ކައިނިމިގެން އަދި ޚަބަރެއްދޭނަން އިނގޭ......." ކާއިނާތު ޕިއްޒާ ފޮތިކަމުން ދިޔައީ ލަސްލަހުންނެވެ. މިސްބާހު އަޑު އަހަން ހުރެފައި ކައިރިއަށް ޖެހިލިއެވެ.

"ކިހާވަރެއްގެ ޚަބަރެއްތަ؟ އަހަރެމެންގެ ކާއިނާތުގެ ސަބަބުން މި ކައުނު ނޫސް ނޭވާލަނީ................މަށަކީ ހަމަ ޔަގީނުންވެސް ކާއިނާތުގެ ނަމްބަރު ވަން ފޭން..ކާއިނާތުގެ ޚަބަރުތައް ކިޔާހިތުން މަގޭ ކޮއްކޮވެސް ހުންނަނީ ހަމަ މޮޔަވެފައި........" މިސްބާހު ޕިއްޒާ ދެވަނަފޮތި ނެގިއެވެ.

"ހުރިހާ ކުދިން ކޮފީ ބޮއިގެން މަޑުކޮށްލައްޗޭ. އެނައުންސްމެންޓެއް އެބައޮތް.."ކާއިނާތު ކުއްލިއަކަށް ތެދުވެފައި އަޑުކޮޅަށް ބުނެލުމުން އެންމެން ހިމޭންވެ އޭނައަށް ބަލަންފެށީ ޝައުގުވެރިކަމުގެ ނަޒަރަކުންނެވެ.

"އަވަހަށް ބުނޭ.."ބިލާލްގެ ހިތް އަވަސްވިއެވެ.

"ކޮފީ ބޮއި ނިމިގެންނޭ ބުނީމަ ކެތްނުލެވީތަ؟"

"މަގޭ ޕޭޝަންސް ލެވެލް ހަމަ ޒީރޯ......ހެހެ.."

"ﷲ ވޮޑިގެންވަނީ ކެތްތެރިންނާއެކުކަމަށް ވަހީބަސްފުޅުގައިވޭ. އެ އާޔަތް އެހާވަރަށް ދަސްވެފައިވަނީ ހަމަ އެކަނި އުސްތާޒު ކިޔާދެއްވީމައެއްނޫން. ވަރަށް ގިނަ ކަންތައްތަކާއި ކެތްކުރަމުން މިހިސާބަށް އަންނައިރު މި އާޔަތުން ހިތްވަރު ހޯދަން. އެހެންވީމަ ބިލާލްވެސް ތި ޒީރޯ އެޓްލީސްޓް ފިފްޓީއާއި ހަމަޔަށް ގެންދަން ޓްރައިކުރޭ...."ކާއިނާތުގެ ރީތި ލޮލުން ވިސްނުންތެރިކަމުގެ ވިދުވަރު ފެންނާން ހުއްޓެވެ. އަޖައިބެއްފަދަ އަންހެންކުއްޖެއްތާއޭ ބިލާލް ހިތަށް އެރިއެވެ.

ފަނަރަވަރަކަށް މިނިޓްފަހުން އެންމެންގެ ސަމާލުކަން ހޯދައިގެން ކާއިނާތު ދެއްކި ވާހަކައަކުން އެންމެން ތިބީ ޝޮކެއްގައެވެ. އެންމެންނަށް ފެނުނީ ކާއިނާތުގެ "އެންޖެލިކް" ފަރާތެވެ. އެ ހިތްހެޔޮކަމާއި ގުރުބާނީއާއިމެދު އަޖައިބުނުވާ އެކަކުވެސް އެތާކު ނެތެވެ. ކައިނާތުއާއި އާޔާއަކީ އެންމެ ގާތް ދެއެކުވެރިންނެވެ. އާޔާ ކެންސަރުގެ އެންމެ ފަހު ސްޓޭޖްކަމުން އެކުއްޖާގެ ހަޔާތުގެ ބާކީބައި އުފަލުން ފުރައިލަދިނުމުގެ ނިޔަތުގައި ކާއިނާތުގެ ލޯބިވެރިޔާ އަސަލް ގާތުގައި އާޔާއާއި ކައިވެނިކުރަން އެދުނީއެވެ. އެދެމީހުންގެ އެތައް އަހަރުވެފައިވާ ލޯބީގެ ގުޅުމަށް ހިރަފުސް ބުރުވައިގެން ނުވާނެކަން އޭނަ ސާފުބަހުން އަންގާދިނެވެ. އެކަކުވެސް ބޭވަފާތެރިއެއްނުވެއެވެ. އެއީ ޟަރޫރީ ހާލަތެކެވެ. އިންސާނިއްޔަތަށްޓަކާ އޭނަވީ ގުރުބާނީއެކެވެ. އަމިއްލަ އެދުމެއްނެތް ނިންމުމެކެވެ. ކާއިނާތު އެދުނީ އެވާހަކަ ސިއްރުކުރުމަށެވެ. އަސަލްވެސް ދެރަވާނެކަމަށާއި ނަމަވެސް އަސަލްއަށްޓަކާވެސް އޭނަވީ ގުރުބާނީއެއްކަމަށް ބުންޏެވެ. އާޔާގެ ބައްޕައަކީ ނޯވާ ނޫހުގެ ވެރިޔާއެވެ. އެނޫސް އަބަދުވެސް ކައުނު ނޫހާއި ވާދަކުރަމުން ދާއިރު މިއޮތީ ދެނޫސް އެއްގަލަކަށް އަރާ އެންމެން ގުޅިގެން މަަސައްކަތް ކުރާނެ ފުރުސަތު ތަނަވަސްވެފައެވެ. ކާއިނާތުގެ ވާހަކަ ނިމުމާއެކު އެންމެންގެ އަތްތިލަބަޑީގެ އަޑުން ތަން ގުގުމާލައިފިއެވެ. ކާއިނާތުއަށްޓަކާ އެންމެންގެ ހިތުގައި އަޖައިބެއްފަދަ ލޯތްބަކާއި އިހުތިރާމެއް އުފެދިއްޖެއެވެ. ތިމާގެ އެކުވެރިޔާ ބަލިވުމުން އެހީވެ އުފާކޮށްދިނުމުގެ ގޮތުން ލޯބިވެރިޔާ ހަދިޔާކުރުމަކީ ކޮންމެ ކޮންމެ އަންހެންކުއްޖަކު ކުރާނެ ކަމެއްނޫނެވެ.

ކާއިނާތު އޮފީހުން ނިކުންނަން ދަނިކޮށް އައިފާއާއި ސުދާ ދުވަމުން އައިސް އަރާ ހަމަކުރިއެވެ.

"ކާއީ. އަހަރެންގެ ހިތުގައި ވަރަށް ގަދަރު އުފުލިއްޖެ. ކާއީގެ ހިތް ވަރަށް މުއްސަދި. ތީ ހަމަ ޖަވާހިރެއް. އަހަންނަށް މާފުކުރާތި..." ސުދާ ކާއިނާތުގެ އަތުގައި ބޮސްނުދިނީ ހަމަ ކިރިޔާއެވެ. ޖަޒުބާތީވެވުނުވަރުން އޭނަގެ ލޮލުގައި ކަރުނަ ވިދިއެވެ. ކާއިނާތުއާއިމެދު އެމީހުން ދެކުނީީ ގޯސްކޮށެވެ. އަސަލް ބޭވަފާތެރިވީއެއް ނޫނެވެ. ކާއިނާތު އަސަލް ދޫކޮށްލީއެވެ.

"އިޓްސް އޯކޭ ހެހެ.."ކާއިނާތު ސުދާގެ ގައިގާ ކުޑަކޮށް ބައްދައިލިއެވެ.

"އިންސާނުންގެ ތެރޭ އެންޖެލްސްވާނަމަ ތިއީ އޭގެ އެކެއް.."އައިފާވެސް ބުނެލިއެވެ.

ކާއިނާތު ހޭންފެށިއެވެ."ތިވަރަށް ޚުޝާމަދުކުރަން ހެޔޮނުވާނެ. އަހަންނަކީ ހަމަ އިންސާނެއް. އެހެން އިންސާނުންފަދައިން ހިތުގައި ޝައިތާނީ ބައިވެސް އޮވޭ ހަމަ...ވަރަށް ލަސްވެއްޖެ ދެން ދަނީ...."

ކާއިނާތު ހިގަމުން ދިޔައީ ފޯނުން ކައިވެނީގެ ހެދުންތަކާއި ގަހަނާތައް އަދި ތަން ތައްޔާރުކުރާނެ ގޮތާއި އެއްޗެހި ގޫގުލް އިން ބަލަމުންނެވެ. އާޔާގެ ކައިވެނީގެ ކަންތައްތަކުގެ އިސްމީހަކަށް އޭނަ ހުންނަން ބޭނުންިއެވެ. ކުއްލިއަކަށް ސުދާމެން މަތިން ހަދާންވެފައި ހިނި އަންނަގޮތްވިއެވެ. އޭނަ އޮފީސްކުދިން ކައިރީ ދެއްކި ވާހަކަތައް މުޅިން ގޯހެއް ނޫނެވެ. އޭގައި ދޮގަކަށްވީ އާޔާއަށް ކެންސަރު ޖެހުނު ވާހަކައެވެ. ހަގީގަތަކީ އޭނަ އެހެން މީހެއްދެކެ ލޯބިވާ ވާހަކަ ސިއްރުކުރެވުނީއެވެ. އަސަލްއާއި އާޔާއަކީ އެންމެ ލޯބި ޖޯޑެވެ. އެދެމީހުން ގުޅުވުމަކީ ހެދުނު ގޯހެއްކަމަށް ގަބޫލުކުރަން ހިތް ދެކޮޅެވެ. އޭނަ ފަހުން ހިތާމަކުރާނެ ވާހަކަ ޖީލަން ބުނުމުން ހިނިވެސް އައެވެ. ހަގީގަތުގައި އަސަލްއަށްވުރެ އޭނައައި ގުޅެނީ ސައިރަސްއެވެ. ޚިޔާލާއި ފިކުރު ގުޅުންވެސް މުހިއްމެވެ.

***

އަސަލް އޮފީހުން ދިމާވުމުން ކާއިނާތު ހަމަޖެހިގެން ސަލާމް ގޮވާލާފައި ކުރިމަތީގައި ހުރި ގޮނޑީގައި އިށީނެވެ. އަސަލްގެ މޫނުމަތިންވެސް އިތުރު ޝުއޫރެއް ފާޅެއްނުވެއެވެ.

"އިއްޔެ ސިކްލީވްގަ ހުރީ ކީއްވެތަ؟"

"އިއްޔެ މޫޑެއްނެތީމަ ނާދެވުނީ..."އަސަލް ފައިލެއް ހުޅުވާލައިގެން އިންއިރު އިސްއުފުލާ ބަލާނުލައެވެ. ކާއިނާތު އެތަނުގައި އިނުމުން އުދަގޫވަމުން ދިޔަސް އެއްޗެކޭ ނުބުނެ ހިތްވަރުކުރިއެވެ. އޭނަގެ ހިތް ހަލާކުކޮށް ދޮގުތަކާއި އޮޅުވައިލުމެއްގެ ތެރޭގައި ބަދެލާފައި ކާއިނާތު ދިޔުމުން އެ ތަދު ވަކިން ބޮޑެވެ. އަސަލް ކަރުނަ އޮއްސިވަރު ދެކެދެނެވޮޑިގެންވަނީ ހެއްދެވި ފަރާތެވެ. އޭނަގެ ލޯ ދުޅަވެ އަދިވެސް މީހުންގެ ތެރެއަށް ނުކުމެ އުޅުން ފަސޭހައެއްނޫނެވެ.

"އަސަލްއަށް ދުނިޔެ މިހެން އޮވެފައި ކުއްލިއަކަށް ނިމިގެން ހިނގައިދާނެހެން ހީވޭތަ؟"

"ކޮންމެ ކަމަކަށްވެސް ކުޅަދުންވަންތަ ފަރާތެއްވޭ...."އަސަލް މަޑުމަޑުން ބުނެލިއެވެ.

ކާއިނާތު އެބައަންނަމޭ ކިޔާފައި އިރުކޮޅެއްނުވެ އައީ ކޮފީ ތަރުމޯޒެއް ހިފައިގެންނެވެ. މަގަކަށް ކޮފީ އެޅުމަށްފަހު އަސަލްގެ ކުރިމަތީގައި ބެހެއްޓިއެވެ. ކާއިނާތު ގޮނޑީގައި އިށީދެ އަސަލްގެ މޫނަށް ބަލަން ފެށީ ވިސްނުންތެރިކަމާއެކުގައެވެ."މޫޑު ރަގަޅުކޮށްލަން ކެފެއިން ވަރެއްނެތް..........."

"ތެންކްސް..."އަސަލްގެ އަޑުގައި ގާތްކަމެއް ނެތެވެ.

"އަސަލް ހިތްހަމަނުޖެހިފައި ތިހިރީ ކީއްވެތަ؟ "

ހޭއި....ވައި ދަ ލޯންގް ފޭސް؟" އަސަލް އަނގައިން ނުބުނުމުން ކާއިނާތު އަސަލްގެ ދަތްދޮޅީގައި އަތް ޖައްސައިލުމުން އަސަލް އަތް ދުރުކޮށްލިއެވެ. ކާއިނާތުގެ އެ ގާތްކަމަކަށް އޭނަ މަރުހަބާ ނުކިޔާނެކަން އެނގުމުން ކާއިނާތު ދެރަވެސްވިއެވެ. "ލޯބިވެރިޔަކަށްނުވިޔަސް ހަމަ "ބެސްޓްފްރެންޑް"ގޮތުގައި ހުރެވޭނެ ނޫންތަ؟ ތިހާ ދުރުވީމަ ވަރަށް ދެރަވޭ........

"އަސަލްއަށް އެނގޭތަ؟ އަހަރެން އަސަލްއާއި އާޔާ ގުޅުވަން އުޅުނީ ބައިވަރު ސަބަބުތަކާއިހެދި. އަހަންނަށް ނޫން އެކަމުގެ ފައިދާ ބޮޑަށް އޮތީ. އަސަލް................."

"ޕްލީޒް އެހެން ވާހަކައެއް ދައްކަފާނަންތަ؟ މޫޑު ރަގަޅެއްނޫނޭ ނުބުނަންތަ؟"

"އޯކޭ.................."

"ސައިންޓިސްޓުންނަށް ނުރައްކާތެރިކަމުން ފުރިފައިވާ ގިނަ ހިލިއެއް ފެނުނުކަން އެނގޭތަ؟ އެޕޯފިސް ނަމަކަށް ކިޔާ ގިނިހިލަ ދުނިޔެއާއި މުޑި އަރާނެކަމަށް އެމީހުންގެ ހޯދުންތަކުން ދެއްކި. އެއީ ދެހާސް ހަތަރުވަނަ އަހަރުގައި. މުޅި ސިޓީއެއް އެއްކޮށް ހަލާކުކޮށްލާވަރުގެ އެ ގިނި ހިލަ ދެހާސް ނަވާވީސް ވަނަ އަހަރު އެޕްރިލް ތޭރަވަނަ ދުވަހު ދުނިޔޭގައި ޖެހޭނެކަމަށް ބުނެވުމުން އެންމެންވެސް ބިރުގަންނަގޮތްވި. އެހިސާބު ހެދުނީ ގޮސްކޮށް ކަން ފަހުން އެނގުނު. އެ ގިނިހިލަ ދަތުރުކުރާނީ ދުނިޔެއާއި ބައްތިރީސްހާސް ކިލޯމީޓަރު ދުރުންކަން ޔަގީންކުރެވުނީ ފަހުން ހޯދި ހޯދުންތަކުން. އެކަމަކު އެއީ އެޕޯފިސް އެދުވަހު ދަތުރުކުރާނީ ފުދޭވަރަކަށް ދުނިޔެއާއި ކައިރިން. އަހަރެމެންގެ ބައެއް ސެޓެލައިޓްތަކަށް ވުރެވެސް ގާތުން. އެނގޭތަ؟ އަހަރެމެންގެ ހަމަ ލޮލަށްވެސް ފެންނާނެޔޯ..ޓެލެސްކޯޕަކަށްވެސް ބޭނުންނުވާނެ. އައިމް ސޯ އެކްސައިޓެޑް..................."

ކުއްލިއަކަށް ވައިބްރޭޓްވީހެން ހީވެގެން ބަލައިލިއިރު ސައިރަސްކަން އެނގުމުން ހިތް އުފަލުން އުދުއްސައިގަތެވެ. ގޮނޑިން ފުންމައިގެން ތެދުވުނުގޮތަށް ކުޑަކޮށް ނަށާލާފާއި ފޯނު ކަންފަތުގައި ޖައްސާލައިފިއެވެ.

"ކޮންއިރަކުން އަންނަނީ؟ އަވަހަށް އާދެބަލަ..." ކާއިނާތު އަވަހަށް ބުނެލިއެވެ.

"މިހާރު މިހިރީ ރާއްޖޭގައޭ ބުނެފިއްޔާ......"

ކާއިނާތު އަވަހަށް ނުކުތީ މަގަށެވެ." ކިރިޔާ ހިތް ނުހުއްޓުނީ....އުފަލުންގޮސް........"

ނުނިމޭ