ފުލުހުންނަށް އަމާޒުކޮށްގެން ދީނީ ދަރުސެއް މިރޭ ބާއްވައިފި އެވެ. އިސްކަންދަރު ކޮށި (އައިކޭ)ގައި ބޭއްވި ދަރުސުގައި ފުލުހުންނަށް ދީނީ ނަސޭހަތް ދެއްވެވީ ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ޑިރެކްޓާ އައްޝައިހު އަބުދުލް އަޒީޒު ހުސެއިން ނެވެ.

ގިނަ އަދަދެއްގެ ފުލުހުން ބައިވެރިވި މި ދަރުސްގައި ޝޭހު ވިދާޅުވީ ފުލުހުންނަކީ އިސްލާމް ދީން ހިމާޔަތް ކުރަން ވަރަށް ބުރަކޮން މަސައަކަތް ކުރަން ޖެހޭ ބައެއް ކަމަށާއި އެހެން ކަމުން އިސްލާމީ ރީތި އަހުލާގު ފުލުހުން ދަމަހައްޓަން ޖެހޭނެ ކަމަށެވެ.

އަދި ރާއްޖޭގައި ދީނާ ހިލާފުކަންތައް ކުރުން ހުއްޓުވުމަށް ވަރަށް ބުރަ މަސައްކަތްތަކެއް ކުރުމަށް ވެސް ޝޭހު ފުލުހުންނަށް ގޮވާލި އެވެ. މީގެ އިތުރުން ވިދާޅުވީ ފުލުހުންނަކީ ވެސް އިސްލާމް ދީނަށް ލޯބިކުރާ އިސްލާމް ދީނުގެ ތަރަހައިގެ ތެރޭގައި ތިބޭ ބަޔަކަށް ވުމަށެވެ.

ފުލުހުން ބުނީ މި ދަރުސަކީ ފުލުހުންނާއި ފުލުހުންގެ މުއައްސަސާގެ މެދުގައި ދީނީ ރޫހާއި ދީނީ އެއްބައިވަންތަކަން އާލާކުރުމަށާއި އިސްލާމްދީނަށް ކަމޭހިތާ މުއަށްޒިފުން ތަކެއް އުފެއްދުމުގެ މަގުސަދުގައި ބޭއްވި ދަރުސެއް ކަމަށެވެ.