12 Dec 2022, 23:10
ހުޅުމާލޭގައި ކާރެއް ފުރޮޅާލައި އެކްސިޑެންޓެއް ހިނގައިފިއެވެ.
މި އެކްސިޑެންޓް ހިނގާފައި އޮތް ސަރަހައްދުގައި ހުރި "ސަން"ގެ ނޫސްވެރިއަކު މައުލޫމާތުދިން ގޮތުގައި، ކާރު ފުރޮޅާލާފައި އޮތީ ހައިވޭއިން ހުޅުމާލެއަށް އަރަން އޮންނަ މަގުގައެވެ.
ފުރޮޅާލާފައި އޮތީ ޓެކްސީއެއް ކަމަށާއި، އެ ޓެކްސީގައި ފަސިންޖަރުން ތިބިކަމަށް ގަބޫލު ނުކުރެވޭ ކަމަށްވެސް "ސަން"ގެ ނޫސްވެރިޔާ ބުނެފައިވެއެވެ. އެ ޓެކްސީ ފުރޮޅާލާފައި އޮތްއިރު ދިއްލާފައި ހުރީ ފެހި ބޯޑު ކަމަށް "ސަން"ގެ ނޫސްވެރިޔާ ބުނެފައިވެއެވެ.
އެހެންކަމުން ކާރު ފުރޮޅާލިއިރު ކާރުގައި އިނީ ހަމައެކަނި ޑްރައިވަރުކަމަށް ބެލެވެއެވެ.
އެކްސިޑެންޓް ހިނގި ސަރަހައްދުގައި ފުލުހުންވެސް ހަރަކާތްތެރިވެފައިވާއިރު މިކަމާ ގުޅޭގޮތުން "ސަން"އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހުޅުމާލެ އެމްޑަބްލިއުއެސްސީއާ ދިމާލު ހައިވޭ ކައިރިން ކާރެއް ފުރޮޅާލައި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު މިރޭ 10:30 ހާއިރު ލިބިފައިވާ ކަމަށެވެ.
އަދި ކާރު ދުއްވަން އިނީ 45 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، ފުލުހުންގެ ޓީމެއް އެކްސިޑެންޓް ހިނގައިގެން އުޅޭ ސަރަހައްދަށް ދިޔައިރު، އެމީހާއަށް ލިބިފައިވާ އަނިޔާތަކަށް ފަރުވާ ހޯދުމަށް، ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުންގެ އޮފިޝަލް ވިދާޅުވިއެވެ. އެހެންނަމަވެސް އެ މީހާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
އޮފިޝަލް އިތުރަށް ވިދާޅުވީ، މި އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.