ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕުގެ ސެމީ ފައިނަލް މެޗުތައް ބައްލަވާލެއްވުމަށް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް އެ ގައުމަށް ފުރާވަޑައިގެންފިއެވެ.

މިއީ ޤަޠަރުގެ އަމީރު ޝެއިޚް ތަމީމް ބިން ޙަމަދު އައްޘާނީ ދެއްވި ދަޢުވަތަކަށް ރައީސްގެ ދެކަނބަލުން ކުރައްވާ ދަތުރުފުޅެކެވެ. ރައީސް އޮފީހުން ބުނީ މި ދަތުރުފުޅަކީ ގަތަރާއި ރާއްޖެއާ ދެމެދު އޮތް ހަރުދަނާ، ގާތް ގުޅުން ރަމްޒުކޮށްދޭ ދަތުރުފުޅެއް ކަމަށެވެ.

ސެމީ ފައިނަލް މެޗުތައް ބައްލަވާލެއްވުމަށްފަހު މި ދަތުރުފުޅު ނިންމަވާލައްވައި، ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގަންނަވާނީ މި ހަފްތާގެ ބުރާސްފަތި ދުވަހުއެވެ.

ދުނިޔޭގައި ބާއްވާ ފުޓުބޯޅައިގެ އެންމެ ހައިބަތު ބޮޑު މުބާރާތް، ފީފާ ވޯލްޑް ކަޕް ފެށީ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ.

މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް ނިމި މާދަމާރޭ ސެމީ ފައިނަލް މެޗުތައް ފަށާއިރު، ސެމީގެ ފުރަތަމަ މެޗުގައި ވާދަކުރާނީ އާޖެންޓީނާއާއި 2018 ވަނަ އަހަރުގެ ރަނަރަޕް ކްރޮއޭޝިއާއެވެ. މި މެޗު ކުޅޭނީ މާދަމާރޭ 12 ޖަހާއިރުއެވެ.

އަދި ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ މުޅިން އަލަށް ވޯލްޑް ކަޕުގެ ސެމީ ފައިނަލެއްގައި ކުޅުމުގެ ޝަރަފު ހޯދި މޮރޮކޯއާއި އެންމެފަހުގެ ޗެމްޕިއަން ފްރާންސްއެވެ. މި މެޗު ކުޅޭނީ ބުދަ ދުވަހުގެރޭ 12 ޖަހާއިރުއެވެ.

މުބާރާތުގެ ސެމީ ފައިނަލަށް ކްރޮއޭޝިއާ ދަތުރުކުރީ ކުއާޓާގައި ބްރެޒިލްގެ މައްޗަށް ކުރިހޯދައިގެންނެވެ. އާޖެންޓީނާ ސެމީއަށް ދަތުރުކުރީ ކުއާޓާގައި ނެދަލެންޑްސް ބަލިކުރުމަށްފަހުއެވެ.

މީގެއިތުރުން މޮރޮކޯއިން ޕޯޗުގަލް ބަލިކޮށް ސެމީގެ ޖާގަ ހޯދިއިރު ފްރާންސް ސެމީއަށް ދަތުރުކުރީ އިންގްލެންޑް ބަލިކޮށްގެންނެވެ.