މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕްގެ ތަށި އާޖެންޓީނާއިން އުފުލާލާނެކަމަށް ގަބޫލުކުރެވޭ ކަމަށް ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކުޅިވަރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ބުނެފިއެވެ.

މިއަދު ކްރޮސްރޯޑުގައި ރާއްޖޭގެ ކުޅިވަރު ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަދައްކަމުން ފަބްރީޒިއޯ ބުނީ، މުބާރާތުގެ ސެމީ ފައިނަލާ ހަމައަށް އައިއިރު އަދިވެސް ފޭވަރިޓުންނަކީ އާޖެންޓީނާ ކަމަށެވެ.

ފީފާ ވޯލްޑްކަޕްގެ ސެމީއަށް ދަތުރު ކުރި މޮރޮކޯއަކީ މި އަހަރުގެ މުބާރާތުން ސަޕްރައިޒެއްކަމަށް ވެސް އޭނާ ބުންޏެވެ. އެ ޓީމު ސެމީއަށް ދަތުރުކުރީ ދުނިޔޭގެ ގަދަ ބާރުތަކެއް ބަލިކޮށްފައިކަމަށާއި އެ ޓީމަކީ ވަރުގަދަ ޓީމެއްކަމަށް ފެބްރީޒިއޯ ފާހަގަކުރިއެވެ.

ނަމަވެސް މޮރޮކޯއާ ސެމީގައި ވާދަކުރާ ފްރާންސަކީ މާ ޕްރޮފެޝަނަލް ގައުމެއްކަމަށް އޭނާ ބުންޏެވެ. ހާއްސަކޮށް ކިލިއަން އެމްބާޕޭ އާއެކު އެ ޓީމު މުބާރާތުގައި މޮޅު ކުޅުމެއްދައްކަމުން އަންނަ ކަމަށާއި، ސެމީ ފައިނަލުގައި މޮރޮކޯގެ މައްޗަށް ކުރި ހޯދައިގެން ފްރާންސްއިން ފައިނަލަށް ދަތުރުކުރާނެކަމަށް ބެލެވޭ ކަމަށް ވެސް ފަބްރީޒިއޯ ބުންޏެވެ.

ސެމީގެ ފުރަތަމަ މެޗުގައި ބައްދަލުކުރާ ކްރޮއޭޝިއާއަކީ ވެސް ރޭވުންތެރިކަމާއެކު ކުޅޭ ޓީމެއްކަމަށާއި، ލޫކާ މޮޑްރިޗްއާއެކު އެ ޓީމަކީ ވެސް ވަރުގަދަ ޓީމެއްކަމަށް ފަބްރީޒިއޯ ބުންޏެވެ.

މީގެއިތުރުން ސެމީގައި ކްރޮއޭޝިއާއާ ވާދަކުރާ އާޖެންޓީނާ މިހާރު ދައްކަމުން އަންނަ ކުޅުމުގެ ސަބަބުން އެ ޓީމަކީ އަދިވެސް މުބާރާތުގެ ފެވަރިޓުންކަމަށް އޭނޭ ބުންޏެވެ. މެސީއާއެކު އެ ޓީމު ފައިނަލަށް ދަތުރު ކުރާނީ ޕެނަލްޓީ ޖަހައިގެންކަމަށް ބެލެވޭ ކަމަށްވެސް ފަބްރީޒިއޯ ބުނެފައިވެއެވެ.

އޭނާ ބުނީ ފައިނަލުގައި ފްރާންސް ބަލިކޮށް ވޯލްޑްކަޕްގެ ތަށި އުފުލާލާނީ އާޖެންޓީނާކަމަށެވެ.

މުބާރާތުގެ ސެމީ ފައިނަލާ ހަމައަށް އާޖެންޓީނާ ދަތުރުކުރީ ކުއާޓާ ފައިނަލުގައި ނެދަލެންޑްސްއާ ވާދަކޮށް 2-2 އިން އެއްވަރުވުމުން، އިތުރު ވަގުތުގެ ދެ ހާފު ކުޅުނުއިރުވެސް ނަތީޖާއަށް ބަދަލެއް ނައުމުން ޕެނަލްޓީ ޝޫޓްއައުޓުގައި ކުރި ހޯދައިގެންނެވެ.

ވޯލްޑް ކަޕުގައި އާޖެންޓީނާއަށް ކާމިޔާބީ ހޯދޭނެކަމަށް މިއަދު ރާއްޖޭގެ ކުޅިވަރު ނޫސްވެރިންނާއެކު ބޭއްވި ހަރަކާތުގެ ތެރެއިން ފެބްރީޒިއޯ ބުނިއިރު، މިއަދު ހަރަކާތުގެ ތެރެއިން ރާއްޖޭގެ ކުޅިވަރު ނޫސްވެރިންނަށް ފެބްރީޒިއޯއާ އެކު ފުޓްސަލް މެޗެއް ކުޅުމުގެ ފުރުސަތު ދީފައިވެއެވެ.

ކްރޮސްރޯޑުގައި މިއަދު ކުޅުނު އެކުވެރިކަމުގެ ފުޓްސަލް މެޗުގެ ތެރެއިން މިނިސްޓާ މަހްލޫފްއާއި ފެބްރީޒިއޯ --ފޮޓޯ/ޔޫތު މިނިސްޓްރީ

އަދި މި މެޗުގައި ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހްލޫފްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.