ފުލުހުންނާއި ސިފައިން ގުޅިގެން ކުރިއަށް ގެންދިޔަ ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަނެއްގައި، އައްޑޫ ސިޓީން ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު ދޫކޮށްލުމަށް، އިއްޔެ ހައި ކޯޓުން އަމުރު ކުރުމާ ގުޅިގެން އޭނާ ދޫކޮށްލުމަށްފަހު އަނެއްކާ ވެސް ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

އައްޑޫ ސިޓީގެ އިތުރުން މާލެ އާއި ކ. ގުރައިދޫގައި މިދިޔަ މަހު ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަނުގައި 14 މީހަކު ހައްޔަރުކޮށްފައިވެއެވެ. އެ އެންމެންނަކީ ވެސް ދިވެހި ފިރިހެނުންނެވެ.

ހައި ކޯޓުން އިއްޔެ މިނިވަން ކޮށްފައިވަނީ ޓެރަރިޒަމާ ދެކޮލަށް ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށް، އައްޑޫ ސިޓީ މަރަދޫފޭދޫ ކޯޓުން ޝަރީއަތް ނިމެންދެން ބަންދުކުރި މަރަދޫ ފޭދޫ, އާޒާ, މުހައްމަދު ގައިސްއެވެ.

ހައި ކޯޓުގެ އަމުރާ އެއްގޮތަށް އޭނާ އިއްޔެ ދޫކޮށްލިއެވެ. އެއަށްފަހު ހަމަ ރޭގެ ވަގުތެއްގައި ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައިވެއެވެ.

ފުލުހުން މިއަދު ބުނީ، ބަންދުން ގައިސް ދޫކޮށްލާފައި ހުރެއްޖެނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ކުރިން އޭނާ ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރިއިރު ހެކީގެ ގޮތުގައި އޭނާ ދިރިއުޅުނުގެ ބަލާ ފާސްކޮށް ހޯދި ސާމާނުގެ ރިޕޯޓް ހުށަހަޅާފައި ނުވާނެކަމަށް ފުލުހުން ބުންޏެވެ.

އަލުން އޭނާ ބަންދުކޮށްފައިވަނީ އެ ހެކިތައް ވެސް ހުށަހަޅައިގެންނެވެ.

މިދިޔަ މަހު ހިންގި އެ އޮޕަރޭޝަނުން، ހަރުކަށި ފިކުރަށް ތާއީދު ކުރާ މީހުން، ޓެރަރިސްޓު ޖަމިއްޔާ އައިއެސްއާ ގުޅި ރާއްޖެއަށް ޓެރަރިޒަމްގެ ހަމަލާއެއްދީ ގައުމީ ސަލާމަތަށް ނުރައްކާ ކުރަން އުޅުނުކަން ހާމަވެފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.