އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބާ ދިމާކޮށް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މުވައްޒަފުން ހޯދުމަށް މިއަދު އިއުލާނު ކޮށްފިއެވެ.

ރިޔާސީ އިންތިޚާބު ނިމެންދެން ކޮންޓްރެކްޓް އުސޫލުން 11 މުވައްޒަފުން ވަޒީފާއަށް ނެގުމަށް އީސީން މިއަދު ވަނީ އިއުލާނު ކޮށްފައެވެ.

ޖީއެސް ތިނެއްގެ ލެވަލްގައި ނަގާ 11 މުވައްޒަފުންގެ އަސާސީ މުސާރައަކީ 4465 ރުފިޔާއެވެ. ސާވިސް އެލަވަނަސްގެ ގޮތުގައި 1500 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކު އިތުރަށް 155 ރުފިޔާ ލިބޭނެއެވެ.

އެ މަގާމަށް ހޮވޭ މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ ވެސް ދޭނެއެވެ. އެގޮތުން ނުރަސްމީ ގަޑީގައި ކުރާ މަސައްކަތަށް ކަނޑައަޅާފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ދޭނެ ކަމަށް އީސީން ވަނީ ބުނެފައެވެ.

އެ ވަޒީފާއަށް ކުރިމަތިލުމުގެ ޝަރުތަކީ ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން ދެ މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔާ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމެވެ.

މީގެ ކުރީގެ އިންތިޚާބެއްގައި ޖީއެސް ތިނެއް ރޭންކުގެ މަގާމެއް އަދާކޮށްފައިވާ މީހުންގެ ޝަރުތު ހަމަވާނެ ކަމަށް ވެސް އީސީން ވަނީ ބުނެފައެވެ.

މަގާމުގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނެނީ ރިޔާސީ އިންތިޚާބާ ގުޅިގެން ކުރަން ޖެހޭ އިދާރީ މަސައްކަތް ކުރުމެވެ. އެ ވަޒީފާއަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ މި މަހުގެ 25 ވަނަ ދުވަހުގެ ތިނެއް ޖަހާއިރަށެވެ.