ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ފޯނަކާއެކު ފުލުހުން މީހަކު ހައްޔަރު ކޮށްފި އެވެ. ހައްޔަރު ކުރީ ރައީސް މުހައްމަދު ނަޝީދުގެ ދެވަނަ ފުރުސަތުގެ އަފޫއާންމުގައި މިނިވަންކޮށްފައިވާ މީހެކެވެ.

ވަގަށް ނަގާފައިވާ ފޯނަކާއެކު ފުލުހުން ހައްޔަރު ކުރީ ޏ. ފުވައްމުލައް ދިގުވާނޑު އަލުމަސްގޭ، މުޙައްމަދު ނަސީރު 33، އެވެ. ނަސީރު ހައްޔަރުކުރީ މިއަދު 11:30 ހާއިރު މާލެތެރެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް އޭނާގެ ޢަމަލުތައް ހުރިގޮތުން ތުޙުމަތު ކުރެވިގެން ކަމަށް ފުލުހުންގެ މީޑިޔާ އޮފިޝަލު ވިދާޅުވި އެވެ.

ނަސީރު ހައްޔަރު ކުރި އިރު އޭނާގެ އަތުން ފުލުހުން އަތުލާފައި ވަނީ ނޮކިޔާ ބްރޭންޑުގެ 4000ރ. އަގުހުރި ފޯނެކެވެ. ފުލުުހުން ބުނީ މިހާތަނަށް ބެލި ބެލުމުން އޭނާ އަތުން ފެނުނު ފޯނަކީ މ. ގޯލްޑަން ލައިޓް އިން ވަގަށް ނަގާފައިވާ ފޯނެކެވެ.