14:30


ރާއްޖޭގެ ސިޔާސީ މަސްރަޙް ވަރަށް ބޮޑަށް ކިލަނބުވެގެންދިޔަ ދިޔުމުގެ ތެރޭގައި، ޙައްލެއް ހޯދުމަށް ހުރިހާ ފަރާތްތަކަކުންވެސް މަސައްކަތް ކުރަން ފެށުމާ ގުޅިގެން، ވަރަށް އުޖާލާ މަންޒަރެއް މިހާރު ފެނިވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.


ރައީސް ނަޝީދު މިހެން ވިދާޅުވީ ހދ. ކުޅުދުއްފުށީގައި ހުންނަވައިގެން މިއަދު ދެއްވި އެމަނިކުފާނު ރޭޑިއޯ ހިތާބުގައި ރާއްޖޭގެ ސިޔާސީ މަސްރަޙްގެ މައްޗަށް ބައްލަވާ ދެއްކެވި ވާހަކައިގަ އެވެ. ރައީސް ނަޝީދުގެ ވާހަކަފުޅުގައި ޑީއާރުޕީއާއެކު އެމްޑީޕީން ކުރިއަށް ގެންދާ މަޝްވަރާތަކުން ރަނގަޅު ނަތީޖާ ފެންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވި އެވެ.


ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އިތުރު އިންތިޚާބެއް ބާއްވަވައިގެން ވެސް ރާއްޖޭގެ ރައްޔިތުން ސީދާ އެދޭގޮތަށް ކަންތައްތައް ހިންގެވުމަށްޓަކައި ކުރައްވަން އޮތްކަމެއް ކުރައްވަން ތައްޔާރަށް ހުންނެވި ކަމުގައި ވިދާޅުވި އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަކަށްފަހު، ރިޔާސީ އިންތިޚާބަކަށް ވަޑައިގަތުމަށް ވަރަށްބޮޑަށް ތައްޔާރަށް ހުންނެވި ކަމަށްވެސް ވިދާޅުވި އެވެ.


އަޅުގަނޑުމެންގެ އަމާޒަކީ މައިގަނޑު ގޮތެއްގައި ދެ ކަމެއް ކަމަށާއި އޭގެ ތެރެއިން އެއްކަމަކީ ރާއްޖޭގައި ޑިމޮކްރަސީގެ ނިޒާމެއް އަށަގެންނެވުން ކަމުގައި ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި ރާއްޖޭގެ ރައްޔިތުންނަށް މިނިވަންކަމާއެކީގައި ބިރުގަތުމެއްނެތި އަދި އަރާމުކަމާއެކީގައި އުޅެވޭނޭ ގޮތެއް ހޯދޭތޯ މަސައްކަތް ކުރުން ކަމަށްވެސް ވިދާޅުވި އެވެ. އަދި ހަމައެއާއެކު ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީ، ރާއްޖޭގެ ސީދާ މުއްސަނދިކަން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އަމާޒު ކޮށްގެން ކުރާ މަސައްކަތްތައް ކުރިއަށް ގެންދިޔުން ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.


ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ތަރައްޤީގެ މަޝްރޫޢުތައް ބާރަށް ހިންގުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާ ކަމުގައި ވިދާޅުވި އެވެ. އެގޮތުން ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތީއްސުރެ، ރާއްޖެއަށް މިހާރުން މިހާރަށް ބޭނުންވާ ޢުމްރާނީ ބައެއް މަސައްކަތްތައް އަވަހަށް ފެށޭނެގޮތަކީ ކޮބައިތޯ ބައްލަވަމުން ގެންދެވި ކަމުގައި ވިދާޅުވި އެވެ.


މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ހަމައެކަނި ސަރުކާރުގެ ބަޖެޓުގެ ތެރެއިން މިކަންކަން ހިންގަވަންވެއްޖެނަމަ، ވަރަށް ދިގު މުއްދަތެއްގެ ތެރޭގައި ނޫނީ ރައްޔިތުންނަށް މިކަންކަން ފުރިހަމަ ގޮތުގައި ފޯރުއްވައިދެއްވެން ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. ވީމާ ދުނިޔޭގެ އެހެން ޤައުމުތަކުގައި ވެސް މިބާވަތުގެ ކަންކަންކުރާ އުޞޫލުން، ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕް ނުވަތަ ސަރުކާރާއި ޢާންމު ވިޔަފާރިއާ ގުޅިގެން ތަރައްޤީގެ މަޝްރޫޢުތައް ހިންގޭނޭ އުޞޫލުތަކެއް ހޯއްދެވުމަށް ނިންމެވީ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.


މި އުޞޫލުން ވަރަށްގިނަ މަސައްކަތް މިހާރު މިވަނީ ހިންގަން ފެށިފައި ކަމާއި، ޚާއްޞަކޮށް، ރާއްޖޭގެ ވަރަށްގިނަ ރަށްރަށުގެ ފެނާއި، ނަރުދަމައާއި އަދި މަގުތައް ހެދުމާއި، ކަރަންޓްގެ ނިޒާމާ، މިކަންކަން ސީދާގޮތުގައި ފެށޭނެ މަގު ސަރުކާރަށް މިހާރު މިވަނީ ފަހިވެފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. މިގޮތުން ފަށްޓަވާފައިވާ ބައެއް މަޝްރޫޢުތަކަށާއި އަދި ފަށްޓަވަން ނިންމަވާފައިވާ ބައެއް މަޝްރޫޢުތަކަށް ރައީސުލްޖުމްހޫރިއްޔާ އިޝާރާތް ކުރައްވަމުން، މި މަސައްކަތްތައް ބާރު ސްޕީޑްގައި ހިންގެވެން އެބައޮތް ކަމުގައި ރައީސް ނަޝީދު ވިދާޅުވި އެވެ.