މަސްވެރިންނަށް އުއްމީދު ދޭންވީ އެމީހުންގެ ހުރި ކަންބޮޑުވުންތައް ހައްލުކޮށްދޭނެ ކަމަށް ބުނެ ދައްކާ ވާހަކައަކުން ނޫން ކަމަށާއި އެ ކަންބޮޑުވުންތައް ހައްލުކޮށްދިނުމަށްޓަކައި އަމަލީ ގޮތުން މަސައްކަތް ކޮށްގެން ކަމަށް މަސްވެރިން ބުނެފިއެވެ.

މަސްވެރިންގެ ދުވަސް މިފަހަރު ފާހަގަކޮށްފައިވަނީ ގދ. ފަރެސްމާތޮޑާގައެވެ.

އެ ދުވަހާ ގުޅިގެން އެ ރަށުގައި ބޭއްވި އެކި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށާއި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވެސް ވަނީ އެ ރަށަށް އިއްޔެ ވަޑައިގަންނަވާފައެވެ.

ރައީސް ޞާލިޙު ފަރެސްމާތޮޑާއަށް ވަޑައިގެންނެވުމުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

ރައީސް ޞާލިޙު ފަރެސްމާތޮޑާއަށް ވަޑައިގަތުމުން އެ ރަށުގެ މަސްވެރިން ވަނީ އެމީހުންގެ ހުރި ކަންބޮޑުވުންތަކުގެ ވާހަކަ ބެނާތަކުގައި ލިޔެގެން ހިއްސާކޮށްފައެވެ.

އެގޮތުން ފަރެސްމާތޮޑާއަށް ރައީސް ވަޑައިގަތުމުން އެމަނިކުފާނަށް މަސްވެރިން މަރުޙަބާ ކީ ކަޅުކުލައިގެ އެއްޗެހި ލައިގެން ތިބެ އެމީހުންގެ ހުރި ޝަކުވާތަކާއި ކަންބޮޑުވުންތަކުގެ ވާހަކަ ބެނާތަކުގައި ލިޔެގެންނެވެ.

އެކަމާ ގުޅިގެން އެ ރަށު ބައެއް މަސްވެރިންނާ "ސަން"އިން ވާހަކަދައްކާލުމުން އެމީހުން ބުނީ އެއީ ވަރަށް ގިނަ ދުވަސްވީ ކަންބޮޑުވުންތަކެއް ކަމަށެވެ.

އެންމެ ބޮޑަށް ކުރިމަތިވާ ގޮންޖެހުމަކީ މުޅި އަތޮޅުގައި ވެސް މަސް ފެކްޓްރީއެއް ނެތި މަސްކިރާނެ ގޮތެއް ކައިރި ހިސާބަކުން ނެތުމުގެ ގޮންޖެހުން ކަމަށް އެ މަސްވެރިން ބުންޏެވެ.

ރައީސް ޞާލިޙު ފަރެސްމާތޮޑާއަށް ވަޑައިގަތުމުން އެ ރަށު މަސްވެރިންގެ ކަންބޮޑުވުންތައް ހިއްސާކުރީ ބެނާތަކުގެ ލިގެން ---

"މަސް ބާނައިގެން މަސްކިރަން އެންމެ ގާތަށް ވެސް ދާން ޖެހެނީ ކޫއްޑުއަށް. އެއީ މަސް ބާނައިގެން 70ވަރަކަށް މޭލު ދުއްވައިގެން. އެއީ ކިހާ ބޮޑު ދެރައަކަށް ވާނީ. އަސްލު ތެޔޮ ވެސް ވަރަށް ގިނައިންދޭ އެގޮތަށް ވީމަ،" ފަރެސްމާތޮޑާގެ ކެޔޮޅެއް ކަމަށްވާ ސަމީއު އިބްރާހީމް ބުންޏެވެ.

ސަމީއު ބުނި ގޮތުގައި މަސް ބާނައިގެން އެހާ ދުރަށް ކިރަން ދާން ޖެހުމުގެ ނަތީޖާއަަކަށް ވަނީ މަހުގެ ކޮލެޓީ ވެސް ދަށްވުމެވެ. ނަމަވެސް އޭނާ ބުނީ އެއީ މަސްވެރިންގެ އިހުމާލުން ވާ ކަމެއް ނޫން ކަމަށާއި މަސްކިރަން އެހާ ދުރަށް ދާން ޖެހުމަކީ ފަރެސްމާތޮޑާގެ ކެޔޮޅުންނަށް ކުރިމަތިވާ އެންމެ ބޮޑު އުނދަގޫ ކަމަށެވެ.

ހަމައެއާއެކު މަސްކިރާފައި ލަހުން ފައިސާ ލިބުމުގެ މައްސަލަ ހައްލުކޮށްދިނުމަށް ވެސް ފަރެސްމާތޮޑާގެ މަސްވެެރިން ވަނީ އެދިފައެވެ. މަސްވެރިން މަސްކިރާފައި ފައިސާ ލިބުން ލަސްވާ މައްސަަލައަކީ ފަރެސްމާތޮޑާގެ މަސްވެރިންގެ އިތުރުން އެހެން މަސްވެރިންގެ ވެސް ބޮޑު ކަންބޮޑުވުމެކެވެ.

"ކާންބޯން ކުރާ މަސައްކަތް. ފައިސާ ލިބުން ލަސްވީމަ މިޖެހެނީ އަމިއްލަ އަތުން ވެސް ޚަރަދު ކުރަން އެކި ކަންކަމަށް އަނެއް މަސްދަތުރުދާން. ވަރަށް ލަސްވޭ ބައެއް ފަހަރު ލާރި ލިބެން. ނަމަވެސް މިފަހަރު ރައީސް އަންނާތީ ވަރަށް އަވަހަށް މަސްކިރި ލާރި ޖަމާކޮށްދިން،" ފަރެސްމާތޮޑާގެ އެހެން ކެޔޮޅެއް ކަމަށްވާ އަހުމަދު މުއާޒް ބުންޏެވެ.

ރައީސް ޞާލިޙު ފަރެސްމާތޮޑާއަށް ވަޑައިގަތުމުން އެ ރަށު މަސްވެރިންގެ ކަންބޮޑުވުންތައް ހިއްސާކުރީ ބެނާތަކުގެ ލިގެން ---

ފަރެސްމާތޮޑާގެ މަސްވެރިން ބުނިގޮތުގައި އެ މީހުންގެ ހުރި ކަންބޮޑުވުންތަކަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅޭ މަސްވެރިންގެ ވެސް ހުރި ޝަކުވާތަކާއި ކަންބޮޑުވުންތަކެވެ.

ރައީސް އިއްޔެ ފަރެސްމާތޮޑާއަށް ވަޑައިގަތުމާއެކު އެ ރަށު މަސްވެރިން ފާޅުކުރި ކަންބޮޑުވުންތަކަށް އެމަނިކުފާނު އެއްވެސް އުއްމީދެއް ދެއްވިތޯ ސުވާލުކުރުމުން، އެ ރަށު ކެޔޮޅުން ބުނީ މަސް ފެކްޓްރީއާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅުނުވާ ކަމަށެވެ.

ނަަމަވެސް މަސްކިރާފައި ލާރި ލިބުން ލަސްވާ މައްސަލައާ ގުޅިގެން އަންނަ އަހަރު އެކަމަށް ހައްލު ހޯދައިދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިކަމަށް އެ ރަށު މަސްވެރިން ބުންޏެވެ.

ފަރެސްމާތޮޑާގެ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ގެނެސްދެއްވާނެ ކަމަށް ވިދާޅުވެ ރައީސް ދެއްކެވި ވާހަކަފުޅަށް އެ ރަށު މަސްވެރިން ބުނީ އެމީހުންގެ ކަންބޮޑުވުންތަކަކީ ވަރަށް ގިނަދުވަސްވީ ކަންބޮޑުވުންތަކެއް ކަމަށެވެ.

އެ ކަންބޮޑުވުންތަކަށް ހައްލު ގެނެސްދެއްވާނެ ކަމަށް އެތައް ފަހަރެއްގެ މަތިން ރައީސް ވިދާޅުވި ކަަމަށާއި އަބަދުވެސް އުއްމީދު ދެނީ ދައްކާ ވާހަކަތަކުން ކަމަށް އެމީހުން ބުންޏެވެ.

ރައީސް ޞާލިޙު ފަރެސްމާތޮޑާއަށް ވަޑައިގަތުމުން އެ ރަށު މަސްވެރިންގެ ކަންބޮޑުވުންތައް ހިއްސާކުރީ ބެނާތަކުގެ ލިގެން ---

ނަމަވެސް އެ ވާހަކަތަކުން އިތުރަށް އުއްމީދުކުރަން ބޭނުން ނުވާ ކަމަށާއި މަސްވެރިން ދެން އެއްވެސް ގޮތަކަށް އުއްމީދު ކުރާނީ އެމީހުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް އަމަލީ ގޮތުން އެއްވެސް މަސައްކަތެއް ކޮށްގެން ކަމަށް އެމީހުން ބުންޏެވެ.

ދާދި ފަހުން ވެސް މަސްވެރިންތަކެއް ވަނީ އެމީހުންގެ ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް މުޒާހަރާ ކޮށްފައެވެ. އެ މުޒާހަރާގައި އެމީހުން އެދިފައިވަނީ މި ސަރުކާރުން ވައުދުވެވަޑައިގެންނެވި ގޮތަށް އެމީހުންނަށް ހައްގުވާ ހަމަ އަގު ދިނުމަށެވެ.