12 Dec 2022, 12:17
މަސްތުވާތަކެތި ބޭނުންކޮށްގެން ޕާޓީކުރި ކަމުގެ ތުހުމަތުގައި މިދިޔަ މަހުގެ އަށްވަނަ ދުވަހުގެ ރޭ ހައްޔަރު ކުރި މީހުންގެ ތެރޭގައި ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓް (ޑީއީޑީ)ގެ ފުލުހަކު ހިމެނޭ މައްސަލަ ތަހުގީގުކުރަން ދިން މުއްދަތު ޕީޖީ އޮފީހުން އިތުރުކޮށްފިއެވެ.
މިކަމާ ގުޅިގެން ޕީޖީ އޮފީހުން ބުނީ މިމަހުގެ 25އާ ހަމައަށް އެ މުއްދަތު އިތުރުކުރީ، ތަހުގީގު ފުރިހަމަކުރުމަށް ޓަކައި ކަމަށެވެ. ޑްރަގާއެކު ހައްޔަރުކުރި ޑީއީޑީގެ ފުލުސް އޮފިސަރު މިވަގުތު ހުރީ ވަޒީފާއިން ސަސްޕެންޑްކޮށްފައެވެ.
މި މައްސަލައިގައި ފުލުހުން މީގެ ކުރިން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައިވާ ގޮތުން، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ޖިނާއީ މައްސަލައާއި އިދާރީ މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ.
މީގެ އިތުރުން، ފުލުހުން ހިންގާ އޮޕަރޭޝަންތަކުގައި އެ މީހަކީ ޑްރަގް އެންފޯސްމެންޓްގައި އުޅޭ ފުލުހެއް ނަމަވެސް އެއްވެސް އިސްތިސްނާއެއް ނެތި އެމީހަކާ ދޭތެރޭގައި ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ފުލުހުން ދީފައިވެއެވެ.
ހަމައެއާއެކު، އޭނާއަކީ ޑްރަގް އެންފޯސްމެންޓްގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެތި ބަލަހައްޓާ ޓީމުގައި ހިމެނޭ ފުލުހެއް ނަމަވެސް އެ ޑިޕާޓްމެންޓްގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެތި ބެލެހެއްޓުމުގައި އަމަލުކުރާ އުސޫލު ހަމަޖެހިފައި އޮންނަ ގޮތުން އެތަކެތި ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ އެއްވެސް ފުރުސަތެއް އެ ފުލުހަށް ނުވަތަ އެހެންވެސް ފުލުހަކަށް ނޯންނާނެ ކަމަށް ފުލުހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި އެ މީހުން ހައްޔަރުކޮށްފައި ވަނީ ހ. ސޯސަންމަންޒިލް ގެއިންނެވެ. އަދި އެ މީހުން ތިބި ތަނުން އެރޭ ގާތްގަނޑަކަށް އެއް ކިލޯގެ ޕާޓީ ޑްރަގްސް ފެނިފައިވާ ކަމަށް ވެސް "ސަން"އަށް މައުލޫމާތު ލިބިފައިވެއެވެ.
އެ މައްސަލައިގައި ހަތަރު އަންހެނަކާއި އަށް ފިރިހެނަކު ހައްޔަރުކުރިއެވެ. އޭގެ ތެރޭގައި ފިލްމީ ތަރިން ކަމަށްވާ އައިމިނަތު ރިޝްފާއާއި ހުނޭސާ އާދަމް ނަސީރު (ހުނޫ) ހިމެނެއެވެ.
އެ ދެ މީހުންގެ މައްޗަށް ވެސް ކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، ވިޔަފާރި ކުރުމުގެ ތުހުމަތެވެ. ނަމަވެސް ފަހުން އެދެމީހުން ވަނީ ދޫކޮށްލާފައެވެ.