09 Apr 2012, 20:03
މާލެއަތޮޅު ކައުންސިލާއި، ރަށު ކައުންސިލްތަކުގެ މެންބަރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަހީދު ހަސަން މަނިކާ މިއަދު ބައްދަލުކުރައްވައިފި އެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު މެންދުރު ކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.
ބައްދަލުކުރެއްވުމުގައި، މާލެއަތޮޅުގެ އެކި ރަށްރަށަށް ކުރިމަތިވަމުންދާ މައްސަލަތަކާއި، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާބެހޭ މަޢުލޫމާތު ރައީސަށް އެރުވިއެވެ. އަދި ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި އެރަށްރަށުގައި އިހުމާލުވެފައިވާ ދާއިރާތަކުގެ ތަފްޞީލު ވެސް ޙިއްޞާ ކުރެއްވިއެވެ.
ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ އެމަނިކުފާނު މަސައްކަތްފުޅު ކުރައްވަނީ ހުރިހާ ސިޔާސީ ޕާޓީތަކެއް ވެސް ވީހާވެސް ގުޅިގެން ކަންތައް ކުރިއަށް ގެންދެވޭތޯ ކަމަށާއި ސަރުކާރުން ރައްޔިތުންނަށް ދޭ ޚިދުމަތްތައް މެދުކެނޑުމެއްނެތި ދޭނެ ކަމުގެ ޔަޤީންކަން އަރުވާ ކަމަށެވެ.
މީގެ އިތުރުން ސަރުކާރުން ރައްޔިތުންނަށް ދޭ ޚިދުމަތްތައް ހަރުދަނާ ކުރުމަށް އަޅާ ފިޔަވަޅުތަކުގެ މައްޗަށްވެސް ބައްލަވާލައްވާ ސަރުކާރުން އެންމެ އިސްކަމެއް ދެނީ ޤައުމުގައި އަމަން ޤާއިމްކޮށް، ރައްޔިތުން އެއްބައިވަންތަކުރަން ކަމަށް ވެސް ވިދާޅުވި އެވެ.
މާލެ އަތޮޅުގެ ރަށްރަށަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކޮށްދެއްވުމަށް މިހާރު ކުރެވެންހުރި ކަންތައްތައް ބައްލަވައި، އެކަންތައް ކޮށްދެއްވެން އޮތް މިންވަރަކުން ކޮށްދެއްވާނެ ކަމަށާއި ވަކި ކުލައަކަށް ނުބައްލަވައި، ޤާނޫނުއަސާސީ ތަންދޭ މިންވަރަކުން ހުރިހާ ރައްޔިތުންނަށް ހަމަހަމައަށް ކަންތައްތައް ކޮށްދެއްވަމުން ގެންދަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ކައުންސިލުންތަކުން ވަނީ މާލެއަތޮޅު ހުރިހާ ރަށްރަށަށް ރައީސް ދަތުރުފުޅެއް ކުރެއްވުމަށް އެދިވަޑައިގެން، ދައުވަތު ދެއްވާފަ އެވެ.