12 Dec 2022, 11:38
ފީފާ ވޯލްޑް ކަޕްގައި މިދިޔަ ހުކުރު ދުވަހު ބްރެޒިލް އާއި ކޮރޮއޭޝިއާ ކުޅުނު މެޗުން ބްރެޒިލްއަށް ލިބުނު ނާކާމިޔާބީއަށް ފަހު، އެ ޓީމުގެ ކެޕްޓަން ތިއާގޯ ސިލްވާ ވެސް ޗުއްޓީ ހޭދަކުރަން މިއަދު ރާއްޖެ އަތުވެއްޖެއެވެ.
އިތުބާރުކުރެވޭ މަސްދަރަކުން "ސަން"އަށް މައުލޫމާތު ދިން ގޮތުގައި އޭނާ ރާއްޖެ އައީ އިތުރު 10 މީހުންނާއެކުގައެވެ. އެމީހުން ޗުއްޓީ ހޭދަކުރަނީ ސޮނެވާ ޖާނީގައެވެ.
ފީފާ ވޯލްޑް ކަޕް 2022ގައި ބްރެޒިލްއަށް މުބާރާތް ނިންމާލަން ޖެހުނީ ކުއާޓާ ފައިނަލާ ހަމައިންނެވެ.
ތިއާގޯ ސިލްވާއަކީ ބްރެޒިލް ޓީމުގެ ކެޕްޓަންގެ އިތުރުން އިނގިރޭސި ގަދަ ބާރު ޗެލްސީގެ ޑިފެންޑަރެކެވެ. ބްރެޒިލް ގައުމީ ޓީމަށް މިހާތަނަށް 109 މެޗު ކުޅެ ހަތް ގޯލު ޖަހާފައިވާ ސިލްވާއަށް މިއީ އެންމެ ފަހު ވޯލްޑް ކަޕްއެވެ.
ގަތަރުގައި މިހާރު ކުޅެމުންދާ ފީފާ ވޯލްޑް ކަޕުން ނާކާމިޔާބުވި ޓީމުތަކުގެ ގިނަ އަދަދެއްގެ ކުޅުންތެރިން ޗުއްޓީ ހޭދަކުރަން ރާއްޖެ އައިސްފައިވެއެވެ.
އެގޮތުން މުބާރާތުގެ ގްރޫޕް ސްޓޭޖާ ހަމައިން ވަކިވާން ޖެހުނުު އުރުގުއޭގެ ތަރި ލުއިސް ސުއަރޭޒް ރާއްޖެ އައިސްފައިވާއިރު، ދުނިޔޭގެ ރޭންކިންގެ ދެވަނައިގައި އޮތް ބެލްޖިއަމް އާއި ރެއާލް މެޑްރިޑުގެ ކީޕަރު ތިބައު ކޯޓުއާވެސް ވަނީ ރާއްޖެ އައިސްފައެވެ.
މީގެ އިތުރުން ރެއާލްއާއި އުރުގުއޭގެ ޒުވާން މިޑްފީލްޑަރު ފެޑެރިކޯ ވަލްވާޑޭ އާއި ޕޮލެންޑު ޓީމުގެ ކެޕްޓަން ރޮބާޓް ލެވަންޑޮސްކީ ވެސް ވޯލްޑް ކަޕްގެ ނާކާމިޔާބީއަށް ފަހު އައީ ރާއްޖެއަށެވެ.
މީގެ އިތުރުން މިފަހަރުގެ ވޯލްޑް ކަޕުން ފުރުސަތު ނުލިބި، ބައިނަލްއަގްވާމީ ބްރޭކުގައި ތިބި ކުޅުންތެރިން ވެސް ރާއްޖެ އައިސްފައިވެއެވެ. އެގޮތުން މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކީޕަރު، އިޓަލީއާއި ޕީއެސްޖީގެ ކީޕަރު ޖިއާންލުއިޖީ ޑޮނަރޫމާއާއި އަލްޖީރިއާ އަދި މެންޗަސްޓާ ސިޓީއަށް ކުޅެމުން އަންނަ ރިޔާދް މަހްރޭޒް ވެސް ރާއްޖެ އައިސްފައިވާކަން "ސަން"އަށް ވަނީ ކަށަވަރުވެފައެވެ.
މި މަސް ތެރޭ ގިނަ ފުޓުބޯޅަ ތަރިންތަކެއް ރާއްޖެ އައިސްފައި ވާއިރު، އަދި ކުރިއަށް މިއޮތް މަހެއްހާ ދުވަހުގެ ތެރޭގައި އިތުރު ކުޅުންތެރިން ރާއްޖެ އަންނާނެ ކަމަށް ބެލެވެއެވެ.