އެފްކޮންސްއިން ތިލަމާލެ ބްރިޖު އެޅުމުގެ މަސައްކަތުގައި ބޭނުންކުރި ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އެރި މައްސަލައިގައި އެ ކުންފުނި 69 މިލިއަން ރުފިޔާއިން ޖޫރިމަނާކުރަން ނިންމި ނިންމުން އިސްތިއުނާފުކޮށްފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގެ އޮފިޝަލަކު މިއަދު "ސަން"އަށް ވަނީ އިސްތިއުނާފް ކުރަން ހުށަހެޅިކަން ޔަގީންކޮށްދެއްވައިފައެވެ.

"އެހެންނަމަވެސް އަދި އިސްތިއުނާފްގެ މަރުހަލާ ކުރިއަށްދާތީ، އިތުރު އެއްވެސް މައުލޫމާތެއް އަޅުގަނޑުމެން ހާމައެއް ނުކުރާނަން،" އޮފިޝަލް ވިދާޅުވިއެވެ.

ޕްލެޓްފޯމް ފަރަށް އެރީ އޮގަސްޓު މަހުގެ 16ވަނަ ދުވަހެވެ. އެ ޕްލެޓުފޯމް ނެގުނީ 12 ދުވަސް ފަހުންނެވެ.

އޭގެ ފަހުން އޮކްޓޯބަރު މަހުގެ 14އިން 22އަށް އެފްކޮންސްއިން އަމިއްލަ ސާވޭއެއްކުރި އިރު އެ ސާވޭގައި އީޕީއޭގެ އޮބްޒާވަރުން ބައިވެރިވެފައިވެއެވެ.

އީޕީއޭގެ އެސެސްމެންޓް ރިޕޯޓުންނާއި، އެފްކޮންސްގެ ރިޕޯޓަށް ބެލުމަށްފަހު ޕްލެޓްފޯމްގެ ބައިތަކުންނާއި އެތަކެތި ނެގުމަށް ކުރި މަސައްކަތުން އެ ސަރަހައްދުގެ ފަރުގެ އެކި ދިމާދިމާލުން 2755 އަކަމީޓަރުގެ ސަރަހައްދަކަށް ގެއްލުން ލިބިފައިވާކަމަށް އީޕީއޭއިން ވަނީ ކަނޑައަޅައިފައެވެ.

އެއާއެކު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެފްކޯންސްއިން 69 މިލިއަން ރުފިޔާގެ ޖޫރިމަނާއެއް ދައްކަން އީޕީއޭއިން އެންގިއެވެ.

އެ ޖޫރިމަނާ ދައްކަން މިދިޔަ މަހުގެ 13ވަނަ ދުވަހު އީޕީއޭއިން އެންގީ ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައެވެ.

މާދަމާއަށް 30 ދުވަސް ހަމަވާނެއެވެ.