މި މަހުގެ 24 ވަނަ ދުވަހު ބާއްވާ ރ. ދުވާފަރު ކައުންސިލްގެ ބައި އިލެކްޝަންގައި ވާދަކުރުމަށް ހުށަހެޅި މީހެއްގެ ޝަރުތު ހަމަނުވާކަމަށް އިލެކްޝަން ކޮމިޝަން (އީސީ)އިން ނިންމާފައިވަނިކޮށް އޭނާގެ ކެންޑިޑަސީ ބަލައި ގަތުމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފިއެވެ.

އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ރ. ކަނދޮޅުދޫ ޖަޒީރާ, އަބްދުالله ނާޒިމެވެ.

އޭނާގެ ޝަރުތު ހަމަނުވާކަމަށް އީސީން ނިންމާފައިވަނީ, ކުށުގެ ރިކޯޑް ފޯމުގައި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން(ޑީޖޭއީ) އިން ފުރިހަމަ ކުރަންޖެހޭ ބައެއް ފުރިހަމަ ނުކޮށް އޮތުމުންނެވެ.

ނާޒިމަށް އެކަން އަންގާފައިވަނީ ފޯމު ހުށަހެޅުމުގެ ސުންގަނޑި ހަމަވާން ގަޑިއެއްހާއިރަށް ވެފައި ވަނިކޮށެވެ. އެންމެ ފުރަތަމަ އީސީން އޭނާއަށް އަންގާފައިވަނީ އުނިވާ މައުލޫމާތު 48 ގަޑިއިރު ތެރޭގައި އެ ކޮމިޝަނަށް ފޮނުވުމަށެވެ. އަދި ފަހުން އޭނާއަށް އީސީން އެންގީ އެ ދުވަހުގެ އިރު އޮއްސި ހަތެއް ޖެހުމުގެ ކުރިން އެ މައުލޫމާތު ފޮނުވުމަށެވެ.

އީސީން އެދުނު ގޮތަށް އުނިވެފައިވާ މައުލޫމާތު އެ ދުވަހުގެ ހަތެއް ޖެހުމުގެ ކުރިން އެ ކޮމިޝަނަށް އޭނާ ފޮނިވިއެވެ. ނަމަވެސް އެ ރޭ އީސީން ނާޒިމަށް އަންގާފައިވަނީ ޝަރުތު ހަމަނުވާތީ އޭނާގެ ކެންޑިޑަސީ ބަލައި ނުގަތުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ އީސީގެ ނިންމުން ބާތިލްކޮށް ނާޒިމްގެ ކެންޑިޑަސީ ބަލައި ގަތުމަށް އަންގާފައެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ, ކުށުގެ ރިކޯޑް ފޯމު ފުރިހަމަ ނުވެ ވަނީ ޑީޖޭއީގެ އިހުމާލުން ކަމަށެވެ. އަދި ނާޒިމްގެ ކެންޑިޑަސީ ބަލައި ނުގަތުމަށް ނިންމުމުގެ ކުރިން, އީސީއިން އެދުނު މައުލޫމާތު އޭނާ ކޮމިޝަނަށް ފޮނުވާފައިވާ ކަމަށް ވެސް ހުކުމުގައި ވަނީ ބުނެފައެވެ.

އެ މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ހުސްނުއްސުއޫދުއެވެ. ދެން ތިއްބެވީ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުއެވެ.

އީސީގެ ނިންމުން ބާތިލްކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވަނީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެގޮތުން ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަށް ދެން ތިއްބެވި ދެ ފަނޑިޔާރުން ވެސް ވަނީ ތާއިދު ކުރައްވާފައެވެ.