ގިނަ ބައެއް އެންމެ އިންތިޒާރު ކުރާނެ އެއް ދުވަހަކީ ކޮންމެ ހަފުތާއެއްގެ ފަހު ދުވަހެވެ. އޮފީހަށް ނިކުންނަން ޖެހޭ ފަހު ދުވަހަށް ފަހު ގެއަށް ދިޔުމުން ލިބޭ ހަމަޖެހުމަށެވެ. ބަންދު ދުވަސް ޖެހުމުން ގިނަ ވަގުތު ނިދަން ވަރަށް ބޭނުންވާނެއެވެ. އެކަމަކު ބަންދު ދުވަހު އެހެން ދުވަސްތަކަށް ވުރެ މާ އަވަހަށް އެބަ ހޭލެވެއެވެ.

އޮފީހަށް ނުކުންނަ ދުވަސްތަކުގައި ހެނދުނު ތައްޔާރުވެގެން އޮފީހަށް ގޮސް އުޅުމަކީ ފަސޭހަ ކަމެއް ނޫނެވެ. ކިތަންމެ ކުރިން ނިދައި ހޭލައިގެން އޮފީހަށް ދާން އުޅުނަސް ހެނދުނު ނިދި ހަމަވާ ގޮތެއް ނުވެއެވެ.

ދެން އޮފީހަށް ދާ އިރުވެސް އެ ނިދިގަނޑު ހުންނާނީ ނުފިލައެވެ. އެކަމަކު ބަންދު ދުވަސް ޖެހޭ އިރަށް އެހެން ދުވަސްތަކުގައި ހޭލާ ވަގުތަށް ވުރެ މާ އަވަހަށް ހޭލެވޭނެއެވެ. ކިތަންމެ ކުޑަ ވަގުތުކޮޅެއް ނިދުމުގައި ހޭދަކުރި ނަމަވެސް ހޭލާ އިރު ހުންނާނީ ނިދި ހަމަ ވެފައެވެ.

މިކަމުގެ ފަހަތުގައި ސައިންސެއް އެބަވެއެވެ. އެކަން ދެނެގަތުމަށް އެންމެ ފުރަތަމަ އެނގެންވީ ކަމަކީ ނިދުމުގެ ސައިކަލްއެވެ. ނިދުމުގެ ސައިކަލް އަކީ އާންމުކޮށް ނިދުމުގައި ގެންގުޅޭ އާދަތަކާއެކު ހަށިގަނޑަށް އާދަވެފައިވާ ވަގުތުތަކެވެ. މި ވަގުތުތަކުގެ ސަބަބުން އާންމުކޮށް އަމިއްލަ އަށް ވެސް ނިދިދާނެއެވެ.

މިސާލަކަށް ކޮންމެ ދުވަހަކު އޮފީހަށް ދާން އެލާމް ޖައްސައިގެން ނިދާއިރު ބަންދު ދުވަހެއް ޖެހުމުން ފަސޭހައިން ހޭލެވެނީ ހަށިގަނޑު އެވަގުތަށް ހޭނިފައިވާތީއެވެ. އެލާމް އެއް ނެތް ނަމަވެސް ބަންދު ދުވަހު އަވަހަށް ހޭލެވެނީ އެހެންވެ ކަމަށް ވެދާނެއެވެ.

ނިދުމާ ގުޅޭ މާހިރެއް ކަމަށްވާ ޑރ. ނީލް ސްޓެންލީ ބުނާގޮތުގައި އާންމުކޮށް އެގޮތަށް އަމިއްލައަށް ހޭލެވެނީ އެއް ގަޑިއަކަށް ހަށިގަނޑު ހޭނިފައިވާތީ ސިކުނޑިއާއި ހަށިގަނޑު އެކަމަށް ތައްޔާރުވެފައިވާތީއެވެ.

ހަށިގަނޑު އެކަމަކަށް ހޭނިފައި އޮތުމުން ބަންދު ދުވަހަކު ވެސް އަވަހަށް ހޭލުމަށް ހަށިގަނޑު ބުނެއެވެ. އެހެންވީމާ ބަންދު ދުވަހު ހެނދުނު 10 ޖަހަންދެއް ނިދަން ބޭނުންވި ނަމަވެސް އަށެއް ޖަހާއިރު ހޭލުމަށް ހަށިގަނޑު ބުނާނެއެވެ. އެއީ ހޭނިފައިވާ އާދައިގެ ސަބަބުން ނިދި ހަމަވާ ކަމަށް ހަށިގަނޑު ބުނެދޭތީއެވެ.