މިއުޒިކް އިންޑަސްޓްރީގައި މިއަހަރު އެންމެ ބޮޑު ކާމިޔާބީއެއް ހޯދާފައިވާ އާޓިސްޓު ބޭޑް ބަނީ އަންނަ އަހަރު މިއުޒިކުން ބްރޭކެއް ނަގަން ނިންމާފައިވާ ކަމަށް ހާމަކޮށްފިއެވެ.

ބެނީތޯ އެންތޯނިއޯ މާޓިނެޒް ނުވަތަ އާންމު ނަމުން ނަމަ ބޭޑް ބަނީ އަށް މި އަހަރު ވެފައި ވަނީ ވަރަށް ބިޒީ އަދި ކާމިޔާބު އަހަރަކަށެވެ.

ބޭޑް ބަނީ ވަނީ މިއަހަރުގެ މެއި މަހުގައި އޭނާގެ ހަ ވަނަ ސްޓޫޑިއޯ އަލްބަމް "އުން ވެރާނޯ ސިން ތީ" ރިލީޒްކޮށްފައެވެ. އެއާއެކު އޭނާ ވަނީ މިއަހަރު އެންމެ ގިނަ ބަޔަކު ސްޓްރީމް ކޮށްފައިވާ އާޓިސްޓަށް ވެފައެވެ. އެޕަލް އާއި ސްޕޮޓިފައި ފަދަ އެންމެ ބޮޑު މިއުޒިކް ސްޓްރީމިން ސާވިސްގައި ވެސް މިއަހަރު އެންމެ ގިނަ ބަޔަކު ސްޓްރީމް ކޮށްފައިވަނީ ބޭޑް ބަނީއެވެ.

އެއާއެކު އެޕަލް އިން ވަނީ އޭނާއަށް އަހަރުގެ އާޓިސްޓުގެ މަގާމު ދީފައެވެ.

މެދު ކެނޑުމެއް ނެތި ބޭޑް ބަނީ ވަނީ ފާއިތުވި ދެ އަހަރު މިއުޒިކް ރިލީޒްކޮށްފައެވެ. އަދި މި ދެ އަހަރު އޭނާ ވަނީ މެދު ކެނޑުމެއް ނެތި ޓުއާތައް ވެސް ދީފައެވެ. މިއަހަރު އެކަނިވެސް އޭނާ ވަނީ ބޮޑު ދެ ޓުއާއެއް ނިންމާލާފައެވެ.

ނަމަވެސް މި ހުރިހާ ސަބަބުތަކާ ހުރެ ބޭޑް ބަނީ މިވަގުތު ބޭނުންވަނީ މިއުޒިކުން ކުޑަ ބްރޭކެއް ނަގާށެވެ. ބިލްބޯޑަށް ދާދިފަހުން ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ އަންނަ އަހަރު ވާނީ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮ ކަމަށް މަސައްކަތް ކުރާނެ އަހަރަކަށް ކަމަށެވެ.

އެހެންވީމާ އަމިއްލަ ނަފުސަށް ވަގުތު ދިނުމުގެ ގޮތުން އަންނަ އަހަރު އެއްކޮށް މިއުޒިކުން ބްރޭކެއް ނެގުމަށް ވިސްނާފައިވާ ކަމަށް އޭނާ ބުންޏެވެ.