ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި މުބާރާތް، ވޯލްޑްކަޕުން ދެން ނުފެންނާނެކަން ދޭހަވާ މޭރުމަކުން، ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ވާހަކަދައްކައިފިއެވެ.

ގަތަރުގައި ކުރިއަށްދާ ފީފާ ވޯލްޑްކަޕްގެ ކުއާޓާ ފައިނަލުގައި މޮރޮކޯއަތުން ޕޯޗުގަލް ބަލިވެ މުބާރާތާ ވަކިވާން ޖެހުމާއެކު، މީސްމީޑިއާގެ މަންސަތަކުގައި ރޮނާލްޑޯ ބުނެފައި ވަނީ، އެ މުބާރާތް އެއްފަހަރު ނަމަވެސް ޕޯޗުގަލްއަށް ކާމިޔާބުކޮށްދިނުމަކީ ދެކުނު އެންމެ ބޮޑު ހުވަފެން ކަމަށެވެ.

ބައިނަލްއަޤްވާމީ ފުޓުބޯޅައިގައި ޕޯޗުގަލްއަށް އެތައް ކުރިއެރުންތަކެއް ރޮނާލްޑޯ ހޯދައިދިންއިރު، އެ ގައުމުގެ ނަން ފުޓުބޯޅައިގެ އެންމެ އުހަށް ގެންދިއުމަށް ވޯލްޑްކަޕެއް ކާމިޔާބުކުރަން އޭނާ ބޭނުންވިކަމަށްވެސް ރޮނާލްޑޯ ބުންޏެވެ.

އޭނާ ބުނީ އެ ހުވަފެނުގައި ކުލަ ޖެއްސުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެކަމަށެވެ. އެގޮތުން 16 އަހަރުގެ ތެރޭގައި ފަސް ވޯލްޑުކަޕެއްގައި ކުޅެ ގޯލުތަކެއް ޖެހިއްޖެކަމަށް ވެސް ރޮނާލްޑޯ ބުންޏެވެ.

"ޓީމުގައި ތިބި މޮޅެތި ކުޅުންތެރިންނާއި އެތަށް މިލިއަން ރައްޔިތުންގެ ސަޕޯޓާއެކު ކުރެވެންހުރި ހުރިހާ މަސައްކަތެއް ކޮށްފިން" ރޮނާލްޑޯ ބުންޏެވެ.
ނަމަވެސް ރޭ މޮރޮކޯއާ ދެކޮޅަށް ވޯލްޑްކަޕްގައި ކުޅުނު މެޗާއެކު ވޯލްޑްކަޕް ކާމިޔާބުކުރުމުގެ ހުވަފެން އޭނާއަށް ނިމިއްޖެކަމަށް، ރޮނާލްޑޯ ވަނީ ބުނެފައެވެ.

އުމުރުން 37 ވެފައިވާ ރޮނާލްޑޯ މި ވޯލްޑް ކަޕާއި ކުރިމަތިލިއިރުވެސް، މިއީ އޭނާ މި މުބާރާތުން ފެންނާނެ އެންމެފަހު ފަހަރުކަމަށް ބެލެވުނެވެ.

ރޮނާލްޑޯ---

2003 ވަނަ އަހަރު ޕޯޗުގަލްގެ ސީނިއާ ގައުމީ ޓީމަށް ކުޅެންފެށި ރޮނާލްޑޯ ވަނީ އެ ޓީމަށް ކުޅުނު 196 މެޗުން 118 ލަނޑު ޖަހާފައެވެ. އުމުރުން 18 އަހަރުގައި ގައުމީ ޓީމަށް ކުޅެންފެށި ރޮނާލްޑޯ ވަނީ ވޯލްޑް ކަޕުގައި 21 މެޗެއް ކުޅެފައެވެ.

ޖުމްލަ ފަސް ވޯލްޑް ކަޕެއްގައި ކުޅެ އެ ފަސް މުބާރާތުގައިވެސް ލަނޑު ޖަހައިގެން ރޮނާލްޑޯ ވަނީ ރެކޯޑެއް ގާއިމްކޮށްފައެވެ. އެއީ ފަސް ވޯލްޑް ކަޕެއްގައި ލަނޑުޖެހި ހަމައެކަނި ކުޅުންތެރިޔާގެ ރެކޯޑެވެ. ރޮނާލްޑޯ ގައުމީ ޓީމަށް ކުޅެން ފެށުމުގެ ކުރިން ޕޯޗުގަލް ކުޅެފައި ވަނީ ތިން ވޯލްޑް ކަޕެއްގައެވެ. އެހެންނަމަވެސް ރޮނާލްޑޯ އާއިއެކު ޕޯޗުގަލްއިން މިހާތަނަށް ފަސް ވޯލްޑް ކަޕެއް ކުޅެފައިވެއެވެ.

ވޯލްޑް ކަޕުން ޕޯޗުގަލްއަށް ލިބުނު ނާކާމިޔާބީގެ އިތުރުން، ރޮނާލްޑޯގެ ކެރިއަރުވެސް ވަނީ އަނދަވަޅަކަށް ވެއްޓީފައެވެ. 12 އަހަރަށްފަހު މެންޗަސްޓާ ޔުނައިޓެޑަށް އެނބުރި އައިސް ރޮނާލްޑޯ ހޭދަކުރި ދެވަނަ ސީޒަނުގެ ތެރޭގައި، ޓީމުގެ ކޯޗާ ގިނަ މައްސަަލަތަކެއް ޖެހި، އޭނާއަށް ޓީމުން ފުރުސަތު ނުލިބުންއިރު، ވޯލްޑް ކަޕުގައި ޕޯޗުގަލްއިން ކުޅުނު ފުރަތަމަ މެޗު ފަށަން 24 ގަޑިއިރަށްވެފައި ވަނިކޮށް މެންޗަސްޓާ ޔުނައިޓެޑުން ވަނީ ރޮނާލްޑޯގެ އެއްބަސްވުން ބާތިލްކުރިކަން އިއުލާންކޮށްފައެވެ. އެއީ ދެ ފަރާތުން ވާހަކަދައްކައިގެން، މަޝްވަރާގެ މަތިން ނިންމި ނިންމުމެއް ކަމަށް ޔުނައިޓެޑުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ދުނިޔެދުށް އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ރޮނާލްޑޯ މިވަގުތު ހުރީ ފްރީ އޭޖެންޓެއްގެ ގޮތުގައެވެ. ސައުދީ އަރަބިއްޔާގެ ކުލަބުތަކުން ރޮނާލްޑޯއަށް ޝައުގުވެރިކަން ފާޅުކޮށް، ބޮޑު މުސާރައެއް ހުށަހަޅާފައިވީ ނަމަވެސް، ޔޫރަޕުގެ ބޮޑު ކުލަބަކަށް ކުޅުމުގެ ވިސްނުމުގައި ރޮނާލްޑޯ، ސައުދީގެ ހުށަހެޅުންތައް ގަބޫލުކޮށްފައެއް ނުވެއެވެ.

ރޮނާލްޑޯ އޭނާގެ ކެރިއަރުގެ ކުރިމަގާއިމެދު ނިންމާ ނިންމުމެއް ބަލަން، ގިނަބަޔަކު މިހާރު ތިބޭނީ ކެތްމަދުވެފައެވެ.