ގެވެށި އަނިޔާގެ ބިލް ފާސްވުމަކީ ގެވެށި އަނިޔާގެ މައްސަލަތައް ރިޕޯޓް ކުރުމަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ޑީއާރްޕީން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ އެ ބިލް ފާސްވުމާއި ގުޅިގެން ގެވެށި އަނިޔާގެ މައްސަލަތައް ރިޕޯޓް ކުރުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށާއި، އެ ގާނޫނަށް އާންމުން ހޭލުންތެރި ކުރުމުގެ މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.

"ގެވެށި އަނިޔާގެ ބިލް މިއަދު ފާސްވުމުމަކީ އެފަދަ މައްސަލަތައް ރިޕޯޓު ކުރުމަށް ވަރަށް ބޮޑަށް ފަސޭހަވެގެން ދާނެ ކަމެއް. ގާނޫނަށް ހޭލުންތެރިކުރުމުގެ މަސައްކަތް ކުރަންޖެހޭ،" ރޮޒައިނާ ވިދާޅުވި އެވެ.

ރޮޒައިނާ ވިދާޅުވީ ގެވެށި އަނިޔާގެ މައްސަލަތައް ބެލުމަށް ފުލުހުންނަށް އެންމެ ދަތިވަނީ ކޯޓު އަމުރަކާއި ނުލައި ގޭގެއަށް ނުވަދެވޭތީ ކަމަށް ފުލުހުން ބުނެފައިވާ ކަމަށާއި އެ ބިލުގެ ސަބަބުން އެކަން ވެސް ހައްލުވެގެން ދާނެ ކަމަށެވެ.

"ބަޔަކު ގެވެށިއަނިޔާގެ ރިޕޯޓް ކުރުމުން އެކަން ބަލަން ފުލުހުން ގެއަށް ނުވަދެވި ބޭރުގައި މަޑުކޮށްގެން ތިބެންޖެހޭ ޖެހުން މިބިލްގެ ސަބަބުން ހައްލުވެގެންދާނެ،" ރޮޒައިނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހުރިހާ ގޮތަކުން ބެލިޔަސް އެ ބިލުގެ ސަބަބުން ގެވެށި އަނިޔާގެ އަމަލުތައް ހުއްޓުވުމަށް ވަރަށް ބޮޑު ހިތްވަރެއް ލިބިގެންދާ ކަމަށާއި ވީއެންމެ އަވަހަކަށް ރައީސުލް ޖުމުހޫރިއްޔާ އެ ބިލު ތަސްދީގު ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އަދި ވިދާޅުވީ އެ ބިލަކީ ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއެކު ފާސް ކުރެވުނު ބިލެއް ކަމަށާއި ކޮމެޓީ މަރުހަލާގައި އެބިލަށް އިސްލާހު ގެނައުމަށް ފުލުހުންނާއި ބައެއް ޖަމްއިއްޔާތަކުން ކޮމެޓީއަށް ހާޒިރުކޮށް އެ ފަރާތްތަކުގެ ޚިޔާލު ހޯދާފައިވާ ކަމަށެވެ.