މަސްވެރިކަމުގެ ސިނާއަތުގައި މިހާރު ހުރި ބޮޑެތި މައްސަލަތައް މިފެށޭއަހަރުގެ މެދަކާ ހަމައަށް ހައްލުކުރެެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ގދ. ފަރެސްމާތޮޑާއަށް މިއަދު ވަޑައިގެން، އެ ރަށުގެ މަސްވެރިންނާއެކު މިއަދު ހަވީރު ބޭއްވެވި ބައްދަލުވުމެއްގައެވެ.

މިބައްދަލުވުމުގައި މަސްވެރިން ފާހަގަކުރި ދަތިކަންކަމުގެ ތެރޭގައި، މަސްވެރިން ބާނާ މަސްކިރުވުމުގައި ހުރި ދަތިތަކާއި، މަސްވެރިން ކިރުވާމަހަށް ފައިސާ ލިބުން ލަސްވުމާއި، އައިސްލިބުން ދަތިވުމާއި، ތެޔޮލިބުން ދަތިވުމުގެ މައްސަލަތައް ހިމެނެއެވެ.

މީގެ އިތުރުން މަސްވެރި އުޅަނދުފަހަރުގައި ސެޓަލައިޓް ފޯނު ބޭނުން ކުރުމުގައި ދިމާވާ ދަތިތަކާއި، މަސްވެރިންގެ މެދުގައި ފައިސާ ބެހުމުގައި، ބޭންކު ލިމިޓްގެ ސަބަބުން ދަތިތައް ކުރިމަތިވާކަމުގައި މަސްވެރިން ފާހަގަކުރިއެވެ.

މިބައްދަލުވުމުގައި ރައީސް ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައިވާ މައްސަލަތަކަކީ، މަސްވެރި އުޅަނދުފަހަރު ތަރައްގީވެގެން އައި މިންވަރަށް، ސަރުކާރުތަކުން މަސްވެރިކަމުގެ ސިނާއަތް ތަރައްގީކުރުމަށް މަސައްކަތް ކުރެވިފައި ނެތުން ކަމަށެވެ.

މިގޮތުން ފާއިތުވި 10 ނުވަތަ 12 ވަރަކަށް އަހަރުގެ ތެރޭގައި އެކަށީގެންވާ ގޮތެއްގައި އެ މަސައްކަތްކުރެވިފައި ނެތްކަން ރައީސް ފާހަގަކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސް ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތުގައި ހުރި ބޮޑެތި މައްސަލަތައް އަންނަ އަހަރުގެ މެދަކާ ހަމައަށް ހައްލުވެގެންދާނެ ކަމަށެވެ.

ރައީސް ވިދާޅުވީ މިހާރުވެސް މުޅި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ހުރި މައްސަލަތައް ހައްލު ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށާއި މަސް ކުންފުނިތަކުގެ ކެޕޭސިޓީ އިތުރުކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

މި ބައްދަލުވުމުގައި ރައީސް ވަނީ، މިއަހަރުގެ މަސްވެރިންގެ ދުވަސް ފަރެސްމާތޮޑާގައި ފާހަގަކުރަމުންދާއިރު، މަސްވެރިންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރުއަދާކުރައްވާފައެވެ. އަދި މަސްވެރިކަމުގެ ސިނާއަތުގައި، ފަރެސްމާތޮޑާ ހިމެނޭ ސަރަހައްދަކީ މުހިންމު ސަރަހައްދެއް ކަމަށާއި، ހުވަދު އަތޮޅަކީ ވަކި މޫސުމެއް ނެތި އަބަދުވެސް މަސްބާނާ ސަރަހައްދެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ފިޝަރީޒް މިނިސްޓްރީއާއި ފަރެސްމާތޮޑާ ކައުންސިލް ގުޅިގެން ދަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.

މިގޮތުން، މަސްވެރިންގެ ފޯރަމަކާއި، ސްކޫލު ކުދިންނާއި ޒުވާނުންނަށް އަމާޒުކޮށްގެން މަސްވެރިކަމުގެ ސިނާއަތާ ގުޅޭ ކެރިއާ ގައިޑެންސް ޕްރޮގްރާމަކާއި، ފަރުމަސްވެރިކަމުގެ މުބާރާތަކާއި، މަސްކެނޑުމުގެ މުބާރާތެއްގެ އިތުރުން ފިޝަރީޒް އެކްސްޕޯއެއް ކުރިއަށް ގެންދިޔުން ހިމެނެއެވެ.